Roadha Mihaaru
ގއ. އަތޮޅުގެ ތާއީދު އޮތީ ރައީސް ޔާމީނަށް: ޝަހީމް

ގއ. އަތޮޅު ބަދަލުވެއްޖެ، ތާއީދު އޮތީ ރައީސް ޔާމީނަށް: ޑރ. ޝަހީމް

28 ޖުލައި 2018

އިދިކޮޅު ޕާޓީތަކަށް ބޮޑު ތާއީދެއް އޮންނަ ގއ. އަތޮޅުގެ ގިނަ ރައްޔިތުން މިހާރު ތިބީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށް އެ މަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ޕާޓީތަކަށް ބޮޑު ތާއީދެއް އޮންނަ ގއ. އަތޮޅުގެ ގިނަ ރައްޔިތުން މިހާރު ތިބީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށް އެ މަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި ރޭ ވިދާޅުވެއްޖެ އެވެ.

ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި އެއް ހަފުތާގެ ދަތުރަށް ފަހު މާލެ ވަޑައިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން "މިހާރު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ޝަހީމް ވިދާޅުވީ ގއ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެ ދަތުރުގެ ސަބަބުން ހިތްވަރު ގަދަވެ އަޒުމް އާވެއްޖެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ ގއ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް ރައީސް ޔާމީން ހޯއްދަވާނެ ކަމުގެ. މަންޒަރުތަކާއި އަޑުތައް ވަނީ މިހާރު ބަދަލުވެފައި. މާޒީގެ ވާހަކަ ދެއްކުމެއް ނެތް. ކުރިއަށް އަޅުގަނޑުމެން ފިޔަވަޅު އަޅަންވީ." އިދިކޮޅު ކޯލިޝަން ޕާޓީތަކުން ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރި ރަށްތަކާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ގއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އަންހެން ދެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް އިށީނދެވަޑައިގެން-- ފޮޓޯ: ޝަހީމް މީޑިއާ

ޝަހީމް ގއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އަންހެން ދެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް އިށީނދެވަޑައިގެން-- ފޮޓޯ: ޝަހީމް މީޑިއާ

އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށާއި ހުރިހާ ފިކުރެއްގެ މީހުންނާ ބައްދަލު ކުރެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ގއ. އަތޮޅުން އޭނާއާ ދެކޮޅުވެރި އެއްވެސް ކަމެއް ނުހިނގާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހިޔާލު ތަފާތު ބޭފުޅުންގެ ޖަގަހަތަކަށް ގޭތަކަށް އަޅުގަނޑު ޒިޔާރަތް ކުރިން. އިދިކޮޅު ފަރާތްތަކެއް މިހާރަކު ނެތް. މިހާރު މި ކުރަނީ ގައުމީ މަސައްކަތެއް. މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާންވީ. ތަފާތު ފިކުރުތައް އެއްގަލަކަށް އަރަންވީ،" އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ގައުމު ބިނާ ކުރަންވީ ވަގުތު ކަމަށާއި މިއީ ވެރިކަމާ ތޮޅެންޖެހޭ ވަގުތެއް ނޫން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޝަހީމާއި އޭނާގެ ޓީމް އަންނަ ބުދަ ދުވަހު އުތުރުގެ އަތޮޅުތަކަށް ފުރާވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.