Roadha Mihaaru
ފުލިދޫގެ މާމައިން ޑައިވިނަށް!

ފުލިދޫގެ މާމައިން ޑައިވިނަށް!

22 ޖުލައި 2018

އިއްޔެ އަކީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް (ޕަޑީ)ގެ އަންހެން ޑައިވަރުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް މާލޭގައި ގިނަ އަންހެނުންތަކެއް އިއްޔެ ވަނީ ޑައިވިނަށް ގޮސްފަ އެވެ. އެކަމަކު ވ. ފުލިދޫން ޑައިވިނަށް ދިޔައީ އެ ރަށުގެ ދުވަސްވީ އަންހެނުންނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިއްޔެ އަކީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް (ޕަޑީ)ގެ އަންހެން ޑައިވަރުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް މާލޭގައި ގިނަ އަންހެނުންތަކެއް އިއްޔެ ވަނީ ޑައިވިނަށް ގޮސްފަ އެވެ. އެކަމަކު ވ. ފުލިދޫން ޑައިވިނަށް ދިޔައީ އެ ރަށުގެ ދުވަސްވީ އަންހެނުންނެވެ.

މިއީ ފުލިދޫގައި އަމިއްލަ މީހަކު ހިންގާ ޑައިވް ސެންޓަރެއް ކަމުގައިވާ "ފުލިދޫ ޑައިވް" އިން އެ ރަށުގެ އަންހެނުންނަށް ދިން ފުރުސަތެކެވެ. ބޭނުމަކީ ދުވަހަކު ވެސް ކަނޑު އަޑީގެ ރީތިކަން ދެކިފައި ނުވާ އަންހެނުންނަށް، އެ ރީތިކަން ދައްކާލުމެވެ. އެކަމަކު އެ މީހުން ހައިރާންވީ، ފީނަން ދާނެ މީހުން ހޯދުމަށް ގޭގެއަށް ހިނގުމުން، ދުވަސްވީ އަންހެނުން އެކަމަށް ނިކުތުމުންނެވެ.

ފުލިދޫގެ މާމަ އަކު ޑައިވިނަށް ދިޔުމަށް، އެ ރަށުގެ ޑައިވަރުން އެހީވަނީ-- ފޮޓޯ: ފުލިދޫ ޑައިވް

ފުލިދޫގެ މާމަ އަކު ޑައިވިނަށް ދިޔުމަށް، އެ ރަށުގެ ޑައިވަރުން އެހީވަނީ-- ފޮޓޯ: ފުލިދޫ ޑައިވް

"އަޅުގަނޑުމެން ބޭނުންވީ ހަމަ އަންހެން ބޭފުޅުންނަށް ފުރުސަތު ދޭން. އެކަމަކު ފީނަން ދާން އެންމެ ފުރަތަމަ ވެސް ނިކުތީ ފަސްދޮޅަހަކަށް އަހަރުގެ މީހުން. ދެން އެކި އުމުރު ފުރައިގެ މަންމައިން،" ފުލިދޫ ޑައިވްގެ ކޯ އޯނާ އަލީ މިއުރާޖް ބުންޏެވެ.

އޭނާ ބުނިގޮތުގައި ފުޅި އަޅައިގެން އަންހެންވެރިން ޑައިވިނަށް ގެންދިޔައީ އެ ރަށުގެ ފަޅުތެރެ އަށް، ގާތްގަނޑަކަށް ހަތަރު ފަސް މީޓަރު އަޑިއަށެވެ. ކަނޑުއަޑިއަށް ފީނުމަކީ އެކަމުގެ ތަމްރީނުދީ، ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީގައި ކުރެވޭ ކަމަކަށް ވުމުން ފަހަށް އެކަން ލަސްކޮށްލީ އެވެ. އެކަމަކު ރީތި ފަޅެއް އޮންނަ ފުލިދޫގެ ފަޅުތެރޭގެ މުރަކަތަކާއި މަސް މަހާމެހީގެ ހިތްގައިމުކަން ފެނިފައި އެ މީހުން ތިބީ އަޖައިބުވެފަ އެވެ.

"މިކަން ނިމުނީމައި ވެސް މޫދުގައި ތިބި މަޑުކޮށްގެން، ދެ ވަނަ ފަހަރަށް ދާން. ދެން އަޅުގަނޑުމެންނަށް ޖެހުނީ އެ މީހުން ދެ ވަނަ ފަހަރަށް ގެންދަން،" އަލީ ބުންޏެވެ.

ޑައިވިނަށް ދިޔުމުގެ ކުރިން ފުލިދޫގެ ބައެއް މަންމައިންނަށް، ޑައިވަރަކު އިރުޝާދު ދެނީ-- ފޮޓޯ: ފުލިދޫ ޑައިވް

ޑައިވިނަށް ދިޔުމުގެ ކުރިން ފުލިދޫގެ ބައެއް މަންމައިންނަށް، ޑައިވަރަކު އިރުޝާދު ދެނީ-- ފޮޓޯ: ފުލިދޫ ޑައިވް

"އެމީހުން ތިބީ އެ ރީތިކަން ފެނިފައި ހަމަ އަޖައިބުވެފައި. ބުނި މިހާ ރީތިކަމެއް އަދި ނުދެކޭ ކަމަށް."

ފުލިދޫގެ ގިނަ ޒުވާނުން ފީނަން ދިޔަ ނަމަވެސް، މިކަމަކީ އެ ރަށުގެ ގިނަ މައިން އެހާ ރުހޭކަމަކަށް ނުވެ އެވެ. ސްކޫލު ނިންމާލާފައި، ފީނުމުގެ ތަޖުރިބާ ހޯދުމަށް އެ ޑައިވް ސެންޓަރާ ގުޅުނު ނަމަވެސް މަންމަމެން ހިތްހަމަ ނުޖެހޭ ކަމަކަށް ވާތީ ފަހުން އެތަނަށް ނުދާ ކަމަށް އަލީ ބުންޏެވެ. އޭނާ ބުނިގޮތުގައި، އެ ރަށުގެ ގިނަ މައިންގެ ނަޒަރުގައި ފީނުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.

އެހެންވެ، މޫދު އަޑީގެ ރީތިކަން އެ ރަށުގެ ގިނަ ޒުވާނުންގެ މައިންނަށް ދައްކާލެވުނީތީ އެރަށުގެ ޑައިވަރުން ތިބީ އުފަލުންނެވެ. އަދި މިކަމުގައި މަންމައިން ދެކޭ ގޮތް ވެސް ބަދަލު ވެފައިވާ ކަމަށް އަލީ ބުންޏެވެ.

ފުލިދޫން އިއްޔެ ޑައިވިނަށް ދިޔަ އަންހެނުން: އޭގެ ތެރޭގައި ގިނައީ މަންމައިންނާއި މާމައިން

ފުލިދޫން އިއްޔެ ޑައިވިނަށް ދިޔަ އަންހެނުން: އޭގެ ތެރޭގައި ގިނައީ މަންމައިންނާއި މާމައިން

"އެ މީހުން މިހާރު އެދޭ ކޮންމެ މަހަކު ވެސް ފީނަން ގެންދަން. އެހެންވެ، އަޅުގަނޑުމެން މި ބަލަނީ ހަމަ މި އުމުރުގެ އަންހެނުންނަށް ހާއްސަކޮށްގެން، އެ މީހުންނަށް ޓްރޭނިންތަކެއް ދީގެން ތަންކޮޅެއް ފުނަށް ފީނަން ގެންދަން. މިއީ ވަރަށް ރިސްކީ ކަމަކަށް ވުމާއެކު ޓްރޭނަރުންނާއި ތަޖުރިބާކާރުން ވެސް ތިބެން ޖެހޭނެ،" އަލީ ބުންޏެވެ.

ފުލިދޫ ޑައިވްގެ މި ހަރަކާތް، ޕެޑީން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އުމުރުން ދުވަސްވީ އަންހެނުންނަށް އެ ފުރުސަތު ދިނީތީ، ބައިނަލްއަގްވާމީ އެ ޖަމިއްޔާއިން އުފާފާޅުކުރާ ކަމަށް އަލީ ބުންޏެވެ. އެކަމަކު ރަށުގައި އުޅޭތާ އެތައް އަހަރެއް ފަހުން، މޫދު އަޑީގެ ރީތިކަން ބަލާލުމުގެ ފުރުސަތު ލިބުމުން އެންމެ އުފަލުން ތިބީ ފުލިދޫގެ މާމައިންނާއި މަންމައިންނެވެ.