Roadha Mihaaru
އީޔޫއާ ހެދި އެންޑްރޮއިޑަށް އަގުނަގަން ޖެހިދާނެ

ޔޫރަޕިއަން ޔޫނިއަންއާ ހެދި އެންޑްރޮއިޑަށް އަގުނަގަން ޖެހިދާނެ: ގޫގުލް

23 ޖުލައި 2018

ސްމާޓްފޯނެއް ގަންނައިރު ހުންނަ އެޕްލިކޭޝަންތަކަކީ ސަބަބެއް ނެތި އަޅާފައި ހުންނަ އެޕްތަކެއް ނޫން ކަމަށް ގޫގުލް އިން ބުނެފި އެވެ. އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ މީހުން އަތުން އުޖޫރައެއް ނުނަގަނީ މި ބުނި އެޕްލިކޭޝަންތައް އެ ގޮތުގައި ހުރުމަށް އިންކާރުނުކުރާތީ ކަމަށް ވެސް ގޫގުލް އިން ބުނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލް އިން މި މޭރުމުން ވާހަކަދެއްކި ސަބަބަކީ، ޔޫރަޕިއަން ޔޫނިއަންގެ އުނދަގޫ ބޮޑުވެގެންނެވެ. އީޔޫ އިން ގަބޫލުކުރާ ގޮތުގައި، އެންޑްރޮއިޑް ފޯނުތައް މާކެޓަށް ނެރޭއިރު، ވާދަވެރިންނަށް ފުރުސަތު ގެއްލޭ ގޮތަށް، އަމިއްލަ ކުންފުންޏަށް ފުރުސަތު ފަހިކޮށްގެން ނުވާނެ އެވެ.

އެންޑްރޮއިޑް ފޯނުތައް މާކެޓަށް ނެރޭއިރު، ގޫގުލް ކްރޯމް އަދި "ގޫގުލް ސާޗް" ބަންޑެލިކޮށްފައި އިންދެ އެވެ. އެ ގޮތަށް އަޅާފައި ހުންނަ އެޕްލިކޭޝަންތައް ފޮހެލުމުގެ ބާރު، ފޯނު ބޭނުންކުރާ މީހުންނަކަށް ނޯވެ އެވެ. އަދި ކޮންމެވެސް ގޮތަކަށް ފޮހެލި ނަމަވެސް، އެހެން ބައެއް އެޕްލިކޭޝަންތައް ބޭނުންކުރަން ދަތިވެ އެވެ.

ޔޫރަޕިއަން ޔޫނިއަން އިން ވަނީ ގޫގުލް ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެއީ މި ބުނި ސަބަބުތަކާ ހުރެ އެވެ. ގޫގުލް އަށް ފައިދާކުރާ ގޮތަށް އެންޑްރޮއިޑް ފޯނުތަކުގައި އެޕްލިކޭޝަންތައް ހިމަނައި، ބޭނުންކުރާ މީހުންނަށް ޝަރުތުތައް ކުރިމަތިކޮށްފައި ވާތީ އެވެ.

ގޫގުލް އިން ބުނާ ގޮތުގައި، ޔޫރަޕިއަން ޔޫނިއަން އަށް ބޯލަނބައި، ބަންޑެލިކޮށްފައި ހުރި އެޕްލިކޭޝަންތައް އެންޑްރޮއިޑް އިން ނަގާ ނަމަ، އެންޑްރޮއިޑް އަކީ ހިލޭ ފޯރުކޮށްދެވޭ ޚިދުމަތަކަށް ނުވާނެ އެވެ. އޮޕަރޭޓިން ސިސްޓަމް ތަރައްގީކޮށް ދެމެހެއްޓުމަށް ކޮންމެވެސް އަގެއް ނަގަންޖެހިދާނެ އެވެ. އީޔޫ އިން ލުޔެއް ދޭން ބޭނުންނުވެއްޖެ ނަމަ، އެއީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ވެސް ބުރައަކަށް ވާނެ ކަމަށް ގޫގުލް ބުނެ އެވެ.