Roadha Mihaaru
ނަސީރު ހޯދަން ކަނޑު ރޮބޮޓް ބޭނުން ކުރަނީ

މޫދަށް ވެއްޓުނު ނަސީރު ހޯދަން ކަނޑު ރޮބޮޓެއް ބޭނުން ކުރަނީ

15 ޖުލައި 2018

ފާނައިގެ މަސްވެރިކަން ކުރަން ނިކުމެ އުޅުނު ފ. ބިލެތްދޫ ދޯންޏަކުން ކަނޑަށް ވެއްޓި ގެއްލުނު އެރަށު އުތުރުގޭ، އަބްދުﷲ ނަސީރު ހޯދަން އެމްއެންޑީއެފުން ކަނޑު އަޑިއަށް ފޮނުވާ ރޮބޮޓެއް ބޭނުން ކުރަން ފަށައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ފާނައިގެ މަސްވެރިކަން ކުރަން ނިކުމެ އުޅުނު ފ. ބިލެތްދޫ ދޯންޏަކުން ކަނޑަށް ވެއްޓި ގެއްލުނު އެރަށު އުތުރުގޭ، އަބްދުﷲ ނަސީރު ހޯދަން އެމްއެންޑީއެފުން ކަނޑު އަޑިއަށް ފޮނުވާ ރޮބޮޓެއް ބޭނުން ކުރަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ނަސީރު ހޯދުމުގެ މަސައްކަތް ސިފައިންގެ އިތުރުން އަމިއްލަ ބައެއް ޑައިވަރުން ވެސް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓްކުރާ "ރިމޯޓް އޮޕަރޭޓިން ވެހިކަލް" (އާރުއޯވީ) ވެސް މިހާރު އަންނަނީ ބޭނުންކުރަަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އުމުރުން 58 އަހަރުގެ ނަސީރު ދަތުރުކުރި "ޓާގެޓް" ދޯނީގެ ކެޕްޓަން ޖަމްޝީދު އިސްމާއިލް "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ނަސީރު ގެއްލުނު ދުވަހު އޭނާގެ ފަރާތުން އާދަޔާ ހިލާފް އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށެވެ. އެންމެ ފަހުން އެ މީހުންނަށް އޭނާ ފެނުނީ ގެއްލުމުގެ 10 ވަރަކަށް މިނެޓު ކުރިން ކަމަށް ވެސް ބުންޏެވެ.

"އެ ދުވަހު ވެސް އާދައިގެ މަތިން ނަސީރު އުޅުނީ ދޯނީގެ މަސައްކަތުގައި. އެންމެ ފަހުން އޭނާ އުޅުނީ އެން ނަގަން ފިލި ޖެހުމުގެ މަސައްކަތުގައި،" ޖަމްޝީދު ބުންޏެވެ.

ޖަމްޝީދު ބުނީ ނުވަ މީހުން ތިބި ދޯނީގައި ނަސީރު ނެތްކަން އެނގުނީ އދ. ވިލަމެންދޫ ރިސޯޓު ހުޅަނގު އުތުރުގައި އޮންނަ ފަރަށް އެން ނަގަން ފުންމާލި ފަހުން ކަމަށެވެ.

"އެހާ ހިސާބުން އަޅުގަނޑުމެން ދާ ވެސް ނަގައި ހަމަ ވަގުތުން ނަސީރު ހޯދުމުގެ މަސައްކަތް ފަށައިފިން،" އޭނާ ބުންޏެވެ.

ނަސީރުގެ އަންބަކާއި އަށް ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ގެއްލުނު އިރު ނަސީރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެކެވެ.

އެމްއެންޑީއެފުން ބުނީ ނަސީރު ހޯދަން އޭނާ ގެއްލުނު ހިސާބުގެ ކަނޑުގެ ސާފޭސް އަދި ކައިރި ހިސާބުގެ ފަރުތަކާއި ފަޅުތައް ވެސް ބަލަމުން އަންނަ ކަމަށެވެ.