Roadha Mihaaru

ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް ފުލުހުންނާ މަޝްވަރާކޮށްފި

ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާ އެކު ހަރަކާތް ހިންގަން ފުރުސަތު ދިނުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާ އެކު މިއަދު މަޝްވަރާ ކޮށްފި އެވެ.

ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް މަޝްވަރާ ކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 ޖޫން 2018

ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާ އެކު ހަރަކާތް ހިންގަން ފުރުސަތު ދިނުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާ އެކު މިއަދު މަޝްވަރާ ކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ ސިޔާސީ ހަރަކާތްތައް ހަމަހަމަ ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ފުލުހުންނާ ބައްދަލު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ހަމަޖެއްސެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ހަމްދޫނާއި އޭސީޕީ މުހައްމަދު ޖަމްޝީދެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް (ކ)، އަދި އެ ކޮމިޝަންގެ މެމްބަރު އަކްރަމް.--ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް (ކ)، އަދި އެ ކޮމިޝަންގެ މެމްބަރު އަކްރަމް.--ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ސިޔާސީ ހަރަކާތް ހިންގުމުގެ ހަމަހަމަ ފުރުސަތު ދިނުމާ ބެހޭ ގޮތުން ފުލުހުންނާއެކު މަޝްވަރާ ކުރެއްވި އިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ސިޔާސީ ހަރަކާތްތައް ހިންގަން ޖާގަ ނުދޭކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ. އެކަމުގެ ކަންބޮޑުވުންތަކާ ހެދި އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބަށް ލަފާދޭ ގައުމީ ކޮމެޓީގެ ބައްދަލުވުންތައް ވެސް ބޮއިކޮޓްކޮށްފަ އެވެ.

އީސީގެ ޓްވީޓް

އެމްޑީޕީން މިދިޔަ ހަފުތާގައި ބާއްވަން އުޅުނު ޖަޒީރާ ދުވުމަށް ފުލުހުން ހުރަސްއަޅައި އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހައްޔަރުކުރި އެވެ. އަދި ޖަޒީރާ ޕޯސްޓަރު ހިތްޕަން އުޅުމުން، ފުލުހުން ވަނީ އެކަން ވެސް ހުއްޓުވައިފަ އެވެ. ނަމަވެސް ވެރިކަން ކުރާ ޕީޕީއެމުން ކެމްޕެއިނަށް ހިންގާ ޑޯ ޓު ޑޯ ހަރަކާތަށް ފުލުހުންގެ އެއްވެސް ހުރަހެއް ނެތެވެ.