Roadha Mihaaru
ބާރުގަދަ ބިންހެލުމަކުން ޖަޕާނުގެ އޮސާކާ ގުޑުވާލައިފި

ބާރުގަދަ ބިންހެލުމަކުން ޖަޕާނުގެ އޮސާކާ ގުޑުވާލައިފި

18 ޖޫން 2018

މިއަދު ހެނދުނުގެ ވަގުތެއްގައި ޖަޕާނުގެ އޮސާކާ ސިޓީ އަށް އައި، ރިކްޓަ މިންގަނޑުން 6.1ގެ ބާރުގަދަ ބިންހެލުމަކުން މުޅި އެ ސަހަރު ގުޑުވާލައިފި އެވެ.

އިބްރާހިމް ސަމީރު އިބްރާހިމް ސަމީރު

މިއަދު ހެނދުނުގެ ވަގުތެއްގައި ޖަޕާނުގެ އޮސާކާ ސިޓީ އަށް އައި، ރިކްޓަ މިންގަނޑުން 6.1ގެ ބާރުގަދަ ބިންހެލުމަކުން މުޅި އެ ސަހަރު ގުޑުވާލައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޖަޕާނު ގަޑިން މިއަދު ހެނދުނު އަށެއް ޖެހި ތަނާ އައި މި ބިންހެލުމުގައި އޮސާކާގެ ބައެއް އިމާރާތްތަކުގައި އަލިފާން ރޯވެ ގިނަ އިމާރާތްތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ބައެއް ހިސާބުތަކުން ފެނާއި ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ އިރު ރޭލާއި، އާންމު ދަތުރުފަތުރުގެ ހިދުމަތް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ވެއްޓުނު އިމާރާތްތަކުގެ ދަށުވެ ނުވަ އަހަރުގެ ކުޑަ ކުއްޖަކާއި 40 އަަހަރުގެ ދެ މީހުން މަރުވެފައިވާ އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 210 އަށް އަރައިފަ އެވެ.

ލިބިފައިވާ ގެއްލުންތަކަށް ބަލައި، މަރުވި މީހުންނާއި ޒަހަމުވީ މީހުންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވިފައި ވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރި އަށް ދާ ކަމަށް ޖަޕާނުގެ ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމެންޓް އޭޖެންސީން ބުނެ އެވެ.

އޮސާކާއާ އިންވެގެން އޮންނަ ކިޔޯޓޯ އާއި ވަށައިގެންވާ ހިސާބުތަކަށް، މި ބިންހެލުމުގައި މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ހަބަރުތައް ބުނެ އެވެ.