Roadha Mihaaru
ރިޔާޒްގެ ޖަލު ހުކުމްގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް

ރިޔާޒްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި

06 ޖޫން 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ރިޔާޒްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ރިޔާޒްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެ ކަމަށް ރިޔާޒް ދެކޮޅު ހެދި މައްސަލައިގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވެ، އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރީލް މަހު އެވެ.

ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަން އޭނާގެ ވަކީލުން ކަށަވަރު ކޮށްދެއްވި އެވެ.

އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރިޔަސް، ރިޔާޒްގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

ރިޔާޒްގެ މައްޗަށް ހައި ކޯޓުން ޖަލު ހުކުމް އިއްވިއިރު އޭނާ ހުންނެވީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރާ އެހެން މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ ފުލުހުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އޭނާ ބައެއް ފުލުހުންނާ ސުވާލުކޮށް، މުއާމަލާތުކުރި މައްސަލައިގައި ކުރާ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިިގެންނެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް ރިޔާޒްގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.