05 ޖޫން 2018
(ޖޫން 3ގެ ނޫހާ ގުޅޭ)
(ޖޫން 3ގެ ނޫހާ ގުޅޭ)
ކީރިތި ޤުރްއާނުގެ އަލްފީލް ސޫރަތަކީ، ފީލް ބާގައިގެ މީހުން (އެތުގެ އެކުވެރިން) ކަޢުބަތުﷲ ގެފުޅު މުގުރާލަން އައުމުން ﷲ އެބައިމީހުންނާ މެދު ކަންކުރެއްވި ގޮތުގެ ވާހަކަ ބަޔާން ކުރެވިގެންވާ ސޫރަތެކެވެ. މި ސޫރަތުން މުސްލިމުން ދިރިއުޅުމުގައި އިބުރަތް ހާސިލު ކުރެވިދާނެ ކަންތައްތަކެއް ޢިލްމުވެރިން ފާހަގަ ކުރައްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ކުރީގެ ލިޔުމެއްގައި ވާނީ ބަލައިލެވިފައެވެ. މި ލިޔުމުގައި މިބަލައިލަނީ ދެންހުރި ކަންކަމަށެވެ.
ފީލްބާގައިގެ މީހުން ހަލާކު ކޮށްލެއްވުން ވެގެން ދަނީ އިންސާނުންނަށް އޮތް ދާއިމީ ފިލާވަޅެއް ކަމުގަ އެވެ. ދެ ލަޝްކަރެއްގެ ދެމެދުގައި ހަނގުރާމަ ހިނގައި ﷲގެ މިންވަރުފުޅުން ފީލްބާގައި މީހުން ބަލިވެގެން ދިއުމަކީ ގެފުޅު ސަލާމަތް ކުރެއްވުމަށްޓަކައި ﷲ އަށް މިންވަރު ކުރެއްވިދާނެ ގޮތެކެވެ.
އެހެން ނަމަވެސް ތަބީއީ ގާނޫނުތައް ފޫވައްޓާލައި މިކަން ނިމިގެން މި ދިޔައީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގަ އެވެ. ހަމަ އެއާ އެކު މިކަން ހިނގައި ދިޔަ ޒަމާނަށް ބަލާއިރު ކީރިތި ރަސޫލާ އޭރު އަދި އުފަންވެވަޑައި ނުގަތަސް މި ހާދިސާ ލޮލުން ދެކިފައި ތިބި އެތައް ބަޔަކު މި ސޫރަތް ބާވާލެއްވުނު އިރު ދުނިޔޭގައި ތިއްބެވެ.
އެހެންކަމުން މި ހާދިސާ ހިނގި ކަމާއި ހާދިސާ ހިނގައިގެން ދިޔަ ގޮތުގެ ކަށަވަރުކަން ވަރުގަދަވެގެން ދެ އެވެ. ސޫރަތުގައި ވެސް ބޮޑަށް ސަމާލުކަން ދީފައި ވަނީ ހާދިސާ ހިނގައިދިޔަ ގޮތުގެ މައްޗަށެވެ. އެހެންވެ ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް އަންގަވަނީ "ކަންތައް ކުރެއްވި ގޮތް" އެނގިވަޑައިގަންނަވާތޯ އެވެ. "ކުރެއްވީ ކޮން ކަމެއްކަން" އެނގިވަޑައިގަންނަވާތޯއެއް ނޫނެވެ.
ކައުނުގައިވާ އިލާހީ ޤާނޫނުތަކާ ޚިލާފަށް މިކަން ނިމިގެން ދިއުމުން އެއިން ދަލީލު ކޮށްދެނީ ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ގެފުޅަށް ގެއްލުމެއް ދޭން ޤުރައިޝުން ވެސް ވިސްނައިގެން ނުވާނެ ކަމެވެ. އެ ހާލަތުގައި ކަން ހިނގާނީ ދެ ބަޔަކު ހަނގުރާމަ ކޮށްގެން އެއް ބަޔަކު ކާމިޔާބު ކުރާ އުސޫލަކުން ނޫން ކަމެވެ.
ވީމާ މިއީ ޤުރައިޝުންނަށް އޮތް ވަޢީދެކެވެ. ވަޢީދަކީ އަޒާބު ދެއްވާނެ ކަމުގެ ވައުދެކެވެ. ނުވަތަ މިއީ، މި ފަދައިން ﷲ ގެފުޅު ސަލާމަތް ކުރެއްވީމާ ވެސް އަދިވެސް ޤުރައިޝުން ޝިރުކު ކުރުން މަތީ ތިބުމުން އެކަމަށް ﷲ ރުހިވޮޑިނުގަންނަވާކަން ބަޔާން ކޮށްދެއްވުމެކެވެ.
އަނެއްކޮޅުން ބަލާއިރު މިއީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެ ހިތްޕުޅަށް ހަމަޖެހުން ގެނުވާ ކަމެކެވެ. އެހެނީ ކަޢުބާ އަކީ ﷲގެ ގެފުޅު ކަމަށް ވުމެވެ. އަދި ރަސޫލާ އަކީ ﷲގެ ރަސޫލެއް ކަމަށް ވުމެވެ. ވީމާ ފީލްބާގައިގެ މީހުންގެ ކިބައިން މީގެ ކުރިން އިންތިޤާމް ކުރެއްވި ފަދައިން އެފަދަ ކޮންމެ ބަޔަކު އަޔަސް އިންތިޤާމު ކުރައްވާނެ ކަން މިކަމުން އަންގައިދޭތީ އެވެ.
ފީލް ބާގައިގެ މީހުންނާ މެދު ﷲ ކަންކުރެއްވި ގޮތް އެނގިވަޑައިގަންނަވާތޯ އޮތް ސުވާލުގައި ﷲ ނުވަތަ އިލާހުގެ ބަދަލުގައި ރައްބު ބޭނުން ކުރައްވާފައި ވުމުން ދޭހަވާ މާނަތައް އިތުރުވެ އެވެ. އެއީ އެކަން ކުރެއްވީ ﷲ ކަން ބަޔާން ކުރެއްވުމުގެ އިތުރަށް ﷲގެ ރިއާޔަތްތެރި ކަމުގައި ކީރިތި ރަސޫލާ ވާކަން ޔަގީން ކޮށްދެއްވުމެކެވެ.
ދިރިއުޅުމުގެ ހަޔާތުގައި ވެސް ތަރުބިޔަތު ކޮށްދޭ ފަރާތަކީ އެ ފަރާތަކާ ހަވާލުވެފައިވާ ކަންކަމުގައި ހުރިހާ ގޮތަކުން ވެސް އެންމެ އަޅާލުމާއި ބެލެހެއްޓުންތެރިކަމާއި އިނާޔަތް ލިބޭނެ ފަރާތެވެ. މި ގޮތުން ﷲ އަކީ ރައްބު ކަމުގައި ވާތީ އެ ޢިނާޔަތްތެރިކަން ލިބޭނެކަން ކަށަވަރު ވެއެވެ.
މަކަރާއި ހީލަތްތެރި ގޮތްތައް އާންމު ގޮތެއްގައި ބޭނުން ކުރާނީ ގާބިލިއްޔަތު ނެތުމުންނެވެ. ކަންކަން މޮޅަށް ތަދުބީރު ކުރުމަކީ މަކަރާއި ހީލަތް އޭގައި އެކުލެވޭ ކަމެއް ނޫނެވެ. ފީލްބާގައިގެ މީހުންގެ ހީލަތްތެރި ރޭވުމަކީ އެ މީހުން ތައްޔާރު ކުރި ތަނަށް އެންމެން ގޮސް މައްކާގެ ގެފުޅަށް އެކަކު ވެސް ނުދިއުމެވެ.
ނަމަވެސް އެމީހުންގެ ރޭވުމުގައި ހިސާބު ހެދިފައި ނުވާ ކަމަކީ ގެފުޅަކީ ﷲ ގެ ގެފުޅު ކަމެވެ. އެއީ ޤުރައިޝުންގެ ތަނެއް ނޫން ކަމެވެ. އެހެންވެ އެ މީހުންގެ ހީލަތްތެރި ރޭވުން ﷲ ގެ ތަދުބީރުގެ ކުރިމަތީ ފެއިލްވެ ގެއްލިގެން ދިޔައީ އެވެ. މިފަދަ މަކަރުވެރި ހީލަތްތެރި އެހެން ރޭވުންތައް ﷲ ގެ ތަދުބީރުން ފެއިލް ކޮށްލާފައިވާ ކަން ކީރިތި ޤުރްއާނުގައި ބަޔާންވެގެން ވެއެވެ.
މި ދެކަމަށް ވެސް ޤުރްއާނުގައި އެއް ލަފުޒެއް އާދެ، "ކައިދު" ބޭނުން ކޮށްފައި ވިއަސް ދެ ހާލަތުގައި "ކައިދު" ގެ މާނަ ތަފާތުވާނެ އެވެ. މިއީ ﷲ ގެ ވަލިއްޔުންނާއި މުއުމިނުންގެ ދިފާޢުގައި ﷲ ކަންކަން މިންވަރު ކުރައްވާ ގޮތެވެ.
ބައިބަޔަށް އައި ދޫނިތައް އުކި "ސިއްޖީލް"ގެ ހިލައަކީ މަށްޓާއި ހިލަ އާއި ދެ ބައި އެކުލެވިގެންވާ ހިލަތަކެއް ކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެ އެވެ. އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި "ސިއްޖީލް"ގެ މާނަ އަކީ އެއިން ކޮންމެ ހިލަކޮޅަކުން ޖެހެން ޖެހޭ މީހާގެ ނަން އެ ހިލަކޮޅުގައި ލިޔެވިފައި ވުމެވެ.
މި މާނައަށް ބަލައިފި ނަމަ ކޮންމެ ހިލަކޮޅަކީ ވެސް ވަކި އަމާޒަކަށް ދިޔަ ހިލަކޮޅެކެވެ. އަދި "ސިއްޖީލް" ގެ މާނަ އަކީ އެއީ ނޫން ކަމަށް ވިއަސް އެ ހިލަކޮޅުތަކުން މުޅި ލަޝްކަރު އެއްކޮށް ހަލާކު ވެގެން ދިޔައެވެ.
ވީމާ އެއީ އަމާޒެއް ނެތި އުކިގެން ދިޔަ ހިލަތަކެއް ނޫނެވެ. ޖަނަވާރުން ކައިފައި ހުރި ހުއިތަކެއް ފަދައިން ލަޝްކަރު ހަދާލި ހިލަތަކެކެވެ. ޖަނަވާރުން ހުއި ކެއުމަށް ފަހު ނަޖިހުގެ ގޮތުގައި އަންނަ ބައިގައި ހަޖަމު ނުވެ ހުންނަ ހުއިތައް ފަދަ ކޮށްލުމަކީ އިހާނެތި ކަމުގެ ކޮޅުނެތް ކޮޅެވެ.
ފީލުބައިގައިގެ މީހުންނާ މެދު ﷲ އެގޮތަށް ކަންކުރެއްވީ ކީއްވެ ހެއްޔެވެ؟ އެ މީހުންގެ މަކަރާއި ހީލަތް ގެއްލެނި ކުރެއްވީ ކީއްވެ ހެއްޔެވެ؟ ބައިބަޔަށް ދޫނިތަކެއް ފޮނުއްވީ ކީއްވެ ހެއްޔެވެ؟ ގާވެފައިވާ މުށި ހިލަ އެ ދޫނިތައް އުކީ ކީއްވެ ހެއްޔެވެ؟ ޖަނަވާރު ކައިފައި ހުރި ހުއިތަކެއްހެން އެއުރެން ލެއްވީ ކީއްވެ ހެއްޔެވެ؟
މި ހުރިހާ ކަމެއް ވީ ﷲ ގެ މަތިވެރިކަމުންނެވެ. ﷲ އަށް ވުރެ ބާރުގަދަ ފަރާތެއް ނެތީމަ އެވެ. "ﷲ އަކްބަރު" ވީމަ އެވެ. ވީމާ އަދުއްވުން ދެކެ ބިރުގަންނާކަށް ނުޖެހެ އެވެ. ތިމާ ވަރުގަދަ މީހަކަށް ވާން ބޭނުން ނަމަ ﷲ އަށް ވަކީލު ކުރާށެވެ! މާތް މީހަކަށް ވާން ބޭނުންނަމަ ތަޤުވާވެރި ވާށެވެ! މުއްސަނދިކަން ބޭނުން ނަމަ ތިމާގެ އަތުގައި އޮންނަ އެއްޗަކަށް ވުރެ ﷲ ގެ ބާރުގެ ދަށުގައިވާ ތަކެއްޗަށް އިތުބާރު ބޮޑު ކުރާށެވެ!
އާދެ، މިފަދައިން އަޅުގަނޑުމެން ކީރިތި ޤުރްއާނުގައިވާ ކޮންމެ ވާހަކައަކުން އަދި ހާދިސާއަކުން ވެސް އިބްރަތް ލިބިގަނެވިދާނެ ކަންކަން ފާހަގަ ކުރަން ޖެހޭނެ އެވެ. އަދި އިބުރަތް ލިބިގަނެ ވިސްނުމަށާއި ސުލޫކަށް ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރަން ޖެހޭނެ އެވެ.
ތިމަންރަސްކަލާނގެ ޤުރްއާން ރައްކާތެރި ކުރައްވާހުށީމެވެ.
އައްރަހްމާން ސޫރަތުގައިވާ ތަކުރާރުތަކުގެ ހިކުމަތް
ސޫރަތުލް ފާތިޙާގެ މާތްކަމާއި ފައިދާތައް
ލައިލަތުލްޤަދްރި ސިއްރު ކުރެއްވުމުގެ ހިކުމަތްތައް
އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 1
ފަންސާސް ނަމާދުގެ ސަވާބު، އެކަމަކު ފަސް ނަމާދު!
ސޫރަތްތައް ފަށާފައިވާ އަކުރުތަކުގެ މާނައަކީ ކޮބާ؟
ބައެއް ސޫރަތްތައް ފެށުން އަކުރުތަކަކުން، ކީއްވެ؟
ކަހަފް ސޫރަތުގެ ހަތަރު ވާހަކަ
ކޮންމެ ދުވަހަކު ގުރުއާނުން އާޔަތެއް ކިޔާލާ: މެންކް