27 މެއި 2018
ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައިވާ ވަކިވަކި އަކުރުތަކުގެ ހަގީގަތްތަކާ މެދު ޢިލްމުވެރިން ވަރަށް ބޮޑަށް ބަހުސް ކޮށްފައިވެ އެވެ. މިގޮތުން މި އަކުރުތައް ކީރިތި ޤުރްއާނުގައި އައިސްފައި ހުރި ގޮތާއި އެއާ ގުޅުން ހުރި އެހެން ކަންކަމަށް ބަލައިގެން ޢިލްމުވެރިން ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ.
ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައިވާ ވަކިވަކި އަކުރުތަކުގެ ހަގީގަތްތަކާ މެދު ޢިލްމުވެރިން ވަރަށް ބޮޑަށް ބަހުސް ކޮށްފައިވެ އެވެ. މިގޮތުން މި އަކުރުތައް ކީރިތި ޤުރްއާނުގައި އައިސްފައި ހުރި ގޮތާއި އެއާ ގުޅުން ހުރި އެހެން ކަންކަމަށް ބަލައިގެން ޢިލްމުވެރިން ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ކަށަވަރުވަނީ ކީރިތި ޤުރްއާނުގެ 29 ސޫރަތެއްގައި ޢަރަބި ބަހުގެ އަކުރުތަކުގެ ތެރެއިން ވަކިވަކި އަކުރުތަކަކުން ފަށާފައިވާ ކަމެވެ. އަލިފުބާގެ އަކުރުތަކުގެ ޖުމްލަ އަކީ (ހަމްޒާއާ އެކު) 29 އެވެ.
ދެވަނަ ކަމަކީ، މިގޮތަށް އައިސްފައިވާ އަކުރުތަކުގެ ތެރެއިން ތަކުރާރުވާ އަކުރުތައް ކަނޑާލުމުން އޭގައި ހިމެނެނީ ޖުމްލަ 14 އަކުރުކަމެވެ. އެއީ އަލިފުބާގެ ހަމްޒާ ނުލައި ދެން އޮންނަ 28 އަކުރުގެ ދެބައިކުޅަ އެއްބަ އެވެ. (ހަމްޒާ އަކި އޭގެ ޒާތުގައި އަކުރެއް ނޫނެވެ.)
ތިންވަނަ ކަމަކީ، މި އަކުރުތައް ބައެއް ސޫރަތުގައި އެއް އަކުރު (މިސާލަކަށް ޤާފް، ނޫން)، އަނެއް ބައި ސޫރަތުގައި ދެ އަކުރު (މިސާލަކަށް ޙާ މީމް)، އަނެއް ބައި ސޫރަތުގައި ތިން އަކުރު (މިސާލަކަށް އަލިފް ލާމް މީމް، އަލިފް ލާމް ރާ، ޠާ ސީން މީމް)، އަނެއް ބައި ސޫރަތުގައި ހަތަރު އަކުރު (މިސާލަކަށް އަލިފް ލާމް މީމް ރާ)، އަދި އަނެއް ބައި ސޫރަތުގައި ފަސް އަކުރު (މިސާލަކަށް ކާފް ހާ ޔާ ޢައިން ޞާދް) އައިސްފައި ވުމެވެ.
ހަތަރުވަނަ ކަމަކީ، މިގޮތަށް އައިސްފައިވާ ބައެއް އަކުރުތައް އެންމެ ސޫރަތެއްގައި އޮތަސް އަނެއް ބައި އަކުރުތައް އެއް ސޫރަތަށް ވުރެ ގިނަ ސޫރަތުގައި ތަކުރާރު ވެފައިވާ ކަމެވެ. މިސާލަކަށް "އަލިފް ލާމް މީމް" ހަ ސޫރަތެއްގައި އައިސްފައިވެ އެވެ. "ޙާ މީމް" ހަތް ސޫރަތެއްގައިވެ އެވެ.
ފަސްވަނަ ކަމަކީ، މި އަކުރުތަކުން ފެށިފައިވާ ސޫރަތްތަކުން އެންމެ ތިން ސޫރަތް ފިޔަވައި ދެން ހުރިހާ ސޫރަތްތަކެއްގައި މި އަކުރުތަކާ ވިދިގެން ކީރިތި ޤުރްއާނުގެ ވާހަކަ ބަޔާންވުމެވެ. އެއްބައި ހާލަތުގައި އެއީ ގޮންޖެހުމެއްގެ ގޮތުގަ އެވެ. އަނެއް ބައި ހާލަތުގައި އެއިން ހުވާ ކުރައްވާ ގޮތުގަ އެވެ. އަނެއް ބައި ހާލަތުގައި އޭގެ ސިފަ ބަޔާންކޮށްދިނުމަށެވެ. އަނެއް ބައި ހާލަތުގައި އެއިން ލިބޭ މަތިވެރި ހިދާޔަތުގެ އިޝާރަތެއްގެ ގޮތުގަ އެވެ.
ހަވަނަ ކަމަކީ، މި 14 އަކުރު އެއްކޮށްލައިގެން މި އަކުރުތަކުގެ ޠަބީޢަތާ ވަރަށް ގުޅޭ މާނަ ގެނެވޭ ޖުމްލަތައް ހެދޭ ކަމެވެ. މިގޮތުން ހެދޭ އެއް ޖުމްލައިގެ މާނަ އަކީ، "ކަނޑައެޅިގެންވާ ސިއްރެއް އޭގައި އެކުލެވިގެންވާ ޙިކުމަތްތެރި ނައްޞެއް" (އާދެ، ނައްޞުން ޙަކީމުން ލަހޫ ސިއްރުން ޤާޠިޢުން) އެވެ.
ހަތްވަނަ ކަމަކީ، މިއީ އެއްވެސް ހަމައެއްލަމައެއް ނެތި ބޭކާރު ގޮތެއްގައި އައިސްފައިވާ އަކުރުތަކެއް ނޫން ކަމެވެ. މީގައި ފޮރުވިފައިވާ މާނަތަކެއް ހުންނާނެ ކަން ކަށަވަރު ވުމެވެ. މިކަމުގެ އެއް ދަލީލަކީ، ދީނުގެ އަދުއްވުން ޤުރްއާނުގެ އަގު ވައްޓާލަން އެކި ކަހަލަ ދޮގުތައް ހަދަމުން ދިޔައިރު ވެސް އެމީހުން މި އަކުރުތަކާ ބެހޭ ގޮތުން އެއްޗެއް ބުނެފައި ނެތުމެވެ. ޤުރްއާން ބާވާލެއްވުނު ދުވަސްވަރަކީ ޢަރަބި ބަސް ވަރަށް ބޮޑަށް ކުރިއަރައި ގޮސްފައިވާ ޒަމާނެއްކަން ތާރީޚުން އެނގެ އެވެ. ދެވަނަ ދަލީލަކީ، ޤުރްއާނަކީ އޭގައި ބާޠިލު އެއްވެސް ކަމެއް ނުވާނެ ފޮތެއް ކަން ބަޔާން ކުރައްވާފައި ވުމެވެ. (ފުއްޞިލަތު 42).
އަށްވަނަ ކަމަކީ، މާނަ ނޭނގޭ މިފަދަ އަކުރުތަކެއް ސޫރަތުގެ ފެށުމުގައި ހުރުމަކީ އަޑުއަހާ މީހުންގެ ސަމާލުކަން އެއަށް ލިބިގެންދާނެ ކަމަކަށް ވުމެވެ. ޤުރްއާނުގެ ކޮންމެ ސޫރަތެއް ވެސް ފަށާފައި ވަނީ ސަމާލުކަން ލިބޭ ފަދަ ގޮތަކަށެވެ. މިފަދަ އަކުރުތަކުގެ އިތުރުން ޙަމްދު ކުރުންތަކާއި، ތަސްބީޙަތަކާއި، ނިދާ (ގޮވާލުން) ތަކާއި، ހުވާތަކާއި، ޚަބަރުތައް ފަދަ ކަންކަމުން ފަށާފައިވެ އެވެ.
ނުވަވަނަ ކަމަކީ، އެކި ސޫރަތްތަކަށް އަކުރުތައް ކަނޑައެޅިފައިވާ ގޮތާއި، އަކުރުތައް ހުރި ތަރުތީބުތަކާއި، އަކުރުތައް ހިމެނޭ ސޫރަތްތަކުގެ ތަފާސްހިސާބުތަކާއި، މިފަދަ ކަންކަމަށް ފުންކޮށް ވިސްނާލުމުން މި އަކުރުތަކުގައި މުޢުޖިޒާތީ ސިއްރުތަކެއް އެކުލެވޭކަން ފާހަގަވެގެން ދިއުމެވެ. މިސާލަކަށް ޤުރްއާނުގެ އެއްވެސް ސޫރަތެއްގައި ޤާފް ތަކުރާރުވެފައި ނުވާ މިންވަރަށް ޤާފް ސޫރަތުގައި ޤާފް ތަކުރާރު ވެފައި ވެއެވެ. އިމާމް ޒަރުކަޝީ ވިދާޅުވާ ގޮތުގައި މި އަކުރުތައް ސޫރަތްތަކުގައި ވަނީ އެ ސޫރަތަކާ ގުޅޭ ގޮތަށެވެ. އެހެންކަމުން މިސާލަކަށް "އަލިފް ލާމް މީމް" އޮތް ސޫރަތަކަށް "އަލިފް ލާމް ރާ" ގެނެސްފި ނަމަ ނުވަތަ "ޙާ މީމް" އޮތް ސޫރަތަކަށް "ޠާ ސީން" ގެނެސްފި ނަމަ އެ ސޫރަތަކާ އެ އަކުރުތަކަކާ ނުގުޅޭނެ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މި އަކުރުތަކާއި އެ ސޫރަތެއްގައިވާ އެންމެ ގިނަ އަކުރު ނުވަތަ ކަލިމަތަކާ ގުޅިފައިވުމެވެ. ޔޫނުސް ސޫރަތުގައި "ރާ" އިން އުފެދިފައިވާ ސަތޭކައަށް ވުރެ ގިނަ ކަލިމަ ވެއެވެ. އެ ސޫރަތް ފަށާފައިވަނީ "އަލިފް ލާމް ރާ" އިންނެވެ. ޞާދް ސޫރަތުގައި ވަރަށް ގިނައިން ހަމަނުޖެހުންތަކެއްގެ ނުވަތަ ދެކޮޅުވެރިވުންތަކެއްގެ ވާހަކަ އާދެ، "ޚުޞޫމާތުތަކެއް"ގެ ވާހަކަ އައިސްފައި ވާތީ އެ ސޫރަތުގައި ވަރަށް ގިނައިން ޞާދް ތަކުރާރު ވެއެވެ.
"އަލިފް ލާމް މީމް"ގެ މަޚްރަޖުތަކަށް ބަލާއިރު އަލިފްގެ މަޚްރަޖަކީ ކަރުބުޑެވެ. ލާމްގެ މަޚްރަޖަކީ ދުލެވެ. މީމްގެ މަޚްރަޖަކީ ދެ ތުންފަތެވެ. އާދެ، މަޚްރަޖުތަކުގެ ތެރެއިން ފެށޭ މަޚްރަޖާއި މެދު މަޚްރަޖާއި ނިމޭ މަޚްރަޖު ތަރުތީބުންނެވެ. މިއިން އިޝާރާތް ކުރަނީ ޚަލްޤުތަކުންގެ ވެސް ފެށުމަށާއި، ނިމުމަށާއި، އެ ދެތެރޭގެ މެދުން ދިރިއުޅުމަށެވެ. "އަލިފް ލާމް މީމް" އިން ފެށިފައިވާ ހުރިހާ ސޫރަތްތަކެއްގައި ވެސް ކައުނުގެ އުފެއްދެވުމާއި ދިރިއުޅުމުގެ ހަޔާތުގައި ތަބާވާންވީ ޝަރީޢަތްތަކާއި ޤިޔާމަތުގެ ވާހަކަތައް ބަޔާން ކުރައްވާފައި ވެއެވެ.
މިއަކުރުތަކާ ބެހޭ ގޮތުން އިތުރަށް ދިރާސާ ކުރެވޭ ވަރަކުން އިތުރު ކަންކަން ހާމަވަމުން ދާނެ ކަމާ މެދު ޝައްކެއް ނެތެވެ. އަދި މި ފާހަގަކުރި ކަންކަމުގެ އިތުރުން އަކުރުތަކުގެ މާނަ ދެނެގަތުމަކީ ވެސް ޝައުގު އުފެދޭ ކަމެކެވެ. މާނައާ މެދު ތަފްސީރު ޢިލްމުވެރިންގެ ބަސްތަކަށް އެހެން ލިޔުމެއްގައި އަލިއަޅުވާލެވޭތޯ ބަލާނަމެވެ. ނަމަވެސް ހަނދާން ބަހައްޓަން ޖެހޭ މުހިންމު ނުކުތާ އަކީ މި އަކުރުތަކުގެ މާނަ ދެނެގަތުމަށްޓަކައި ތަފާތު ތައުވީލު ކުރުންތަކަށް ނުގޮސް "މާނަ ދެނެވޮޑިގެންވާނީ ﷲ އޭ" ބުނެ އެއަށް އީމާން ވުމެވެ. އިތުބާރު ހުރި ޢިލްމުވެރިން ވިދާޅުވެފައި ވަނީ އެގޮތަށެވެ.
ތިމަންރަސްކަލާނގެ ޤުރްއާން ރައްކާތެރި ކުރައްވާހުށީމެވެ.
އައްރަހްމާން ސޫރަތުގައިވާ ތަކުރާރުތަކުގެ ހިކުމަތް
ސޫރަތުލް ފާތިޙާގެ މާތްކަމާއި ފައިދާތައް
ލައިލަތުލްޤަދްރި ސިއްރު ކުރެއްވުމުގެ ހިކުމަތްތައް
އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 2
އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 1
ފަންސާސް ނަމާދުގެ ސަވާބު، އެކަމަކު ފަސް ނަމާދު!
ސޫރަތްތައް ފަށާފައިވާ އަކުރުތަކުގެ މާނައަކީ ކޮބާ؟
ކަހަފް ސޫރަތުގެ ހަތަރު ވާހަކަ
ކޮންމެ ދުވަހަކު ގުރުއާނުން އާޔަތެއް ކިޔާލާ: މެންކް