Roadha Mihaaru
ހަރުކަށި ނުވެ މަޝްވަރާ އަށް އާދޭ: މީޑިއާ ކައުންސިލް

ހަރުކަށިކަން ދޫކޮށް ބިލާ ގުޅޭ މަޝްވަރާ އަށް އައުމަށް މީޑިއާ ކައުންސިލުން މެމްބަރުންނަށް ގޮވާލައިފި

24 ޖުލައި 2016

އަބުރު ރައްކާތެރި ކުރުމާ ބެހޭ ބިލުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް، މަޖިލީހުގެ މެމްބަރުން ހަރުކަށިކަން ދޫކޮށްލައްވައި މަޝްވަރާ އަށް ވަޑައިގަތުމަށް މީޑިއާ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަބުރު ރައްކާތެރި ކުރުމާ ބެހޭ ބިލުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް، މަޖިލީހުގެ މެމްބަރުން ހަރުކަށިކަން ދޫކޮށްލައްވައި މަޝްވަރާ އަށް ވަޑައިގަތުމަށް މީޑިއާ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި އެ ބިލަކީ ނޫސްވެރިންނަށް ހުރި ބިރެއް ނޫން ކަމަށާއި ބިލު އަނބުރާ ނުގެންދަވާނެ ކަމަށް، އެ ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ފާޅުކުރަނީ ބޭކާރު ކަންބޮޑުވުންތަކެކެވެ.

މީޑިއާ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ކަންކަން ހައްލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށާއި މަޝްވަރާ ކުރުމުގެ ފުރުސަތު މެމްބަރުން އެ ކައުންސިލަށް ދެއްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ހަމްދޫން ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މީޑިއާ ކައުންސިލްގެ މެމްބަރު ހަމްދޫން ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"އަޅުގަނޑުމެން ގަބޫލު ކުރަނީ މަޝްވަރާ ކުރައްވަން ފުރުސަތު ދެއްވާނެ ކަމަށް،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލު ދިރާސާ ކުރުމާއި ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުގެ ލަފާ ވެސް ލިބިފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކާ އެކު ބިލާ ގުޅޭ މަޝްވަރާތައް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާތަކާ ގުޅިގެން އުފައްދާފައިވާ ބިލު ކޮމެޓީގެ ޗެއާ އަދި ކައުންސިލް މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ އަބުރު ރައްކާތެރި ކުރުމާ ބެހޭ ބިލު ދެ ވަނަ ފަހަރަށް މަޖިލީހަށް ފޮނުވުމުގެ ކުރިން މީޑިއާ ކައުންސިލާ މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން، އެފަދަ ބިލެއް ކުރިން ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ދެއްވި ކަމަށެވެ. ނަމަވެސް، ބިލު އަލުން މަޖިލީހަށް ހުށަހެޅީ މީޑިއާ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވި ގޮތުގައި ޖޫރިމަނާ ކުޑަކުރުމުގެ އިތުރުން ނޫސްވެރިންގެ މައްޗަށް ވަކި ހިސާބަކުން ޖިނާއީ ދައުވާ ކުރެވޭ ގޮތަށް ބިލުގައި އޮތް އޮތުން ބަދަލުކޮށް، އެއީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށް މީޑިއާ ކައުންސިލުން މަޝްވަރާ ކުރާނެ އެވެ.

ވަރަށް އަވަހަށް ފާސްކުރަން ތައްޔާރުވެފައިވާ މި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

މި ބިލުގައި ބުނެފައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާއްމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ އެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާ އިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ޖެހެ އެވެ.