Roadha Mihaaru
އާ ކުލަތަކަކާ އެކު "މިހާރު އެވޯޑްސް" ހަފުލާ މިރޭ

އާ ކުލަތަކާއި އާ ރަހަތަކާ އެކު "މިހާރު އެވޯޑްސް" ހަފުލާ މިރޭ

05 މެއި 2018

ކުޅިވަރުގެ މައިދާންތަކުގައި ކުޅުންތެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ މުހިއްމު، ބޮޑު މަސައްކަތެއް މެދުކެނޑިފައި އޮތުމަށް ފަހު މުޅިން އާ ރަހަތަކަކާ، ތަފާތު ކުލަތަކަކާ އެކު މިރޭ ދިވެހި ކުޅިވަރު އާއިލާއާ ބައްދަލުކުރާނެ އެވެ. ކުޅިވަރު ކުޅުންތެރިންނާއި ހިދުމަތްތެރިންގެ އަގު ފުޅާ ދާއިރާއެއްގައި ވަޒަންކުރުމުގެ ގޮތުން "މިހާރު" ނޫހުން މިދިޔަ އަހަރުގެ މޭ މަހުގެ 3 ވަނަ ދުވަހު ތައާރަފްކުރި "މިހާރު އެވޯޑްސް" ގެ ފުރަތަމަ އެވޯޑް ހަފުލާ މިރޭ 9 ޖަހާއިރު ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި އޮންނާނެ އެވެ. މި ހަފުލާ ވީޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކުޅިވަރުގެ މައިދާންތަކުގައި ކުޅުންތެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ މުހިއްމު، ބޮޑު މަސައްކަތެއް މެދުކެނޑިފައި އޮތުމަށް ފަހު މުޅިން އާ ރަހަތަކަކާ، ތަފާތު ކުލަތަކަކާ އެކު މިރޭ ދިވެހި ކުޅިވަރު އާއިލާއާ ބައްދަލުކުރާނެ އެވެ. ކުޅިވަރު ކުޅުންތެރިންނާއި ހިދުމަތްތެރިންގެ އަގު ފުޅާ ދާއިރާއެއްގައި ވަޒަންކުރުމުގެ ގޮތުން "މިހާރު" ނޫހުން މިދިޔަ އަހަރުގެ މޭ މަހުގެ 3 ވަނަ ދުވަހު ތައާރަފްކުރި "މިހާރު އެވޯޑްސް" ގެ ފުރަތަމަ އެވޯޑް ހަފުލާ މިރޭ 9 ޖަހާއިރު ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި އޮންނާނެ އެވެ. މި ހަފުލާ ވީޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ.

މި ހަރަކާތް ކުރިއަށްދާނީ ހަމައެކަނި އިނާމު ދިނުމުގެ ރަސްމިއްޔާތެއްގެ ގޮތުގައެއް ނޫނެނެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު ހުރިހާ ރަހައެއް ހެޔޮވަރު ޝޯ އެއްގެ ގޮތުގައި ވެސް މެ އެވެ. އެވޯޑުގެ އިންތިޒާރުގައި ތިބޭ ކުޅުންތެރިންގެ ހާސްކަން ފިލުވާލައި އަދި އެހެނިހެން ހާޒިރީންނާއި ޓީވީން ބަލަން ތިބޭ ފަރާތްތަކުގެ ލޭކައްކުވާލާނީ ޑިޓިއުން ބޭންޑުގެ ލައިވް މިއުޒިކުންނެވެ.

މިހާރު އެވޯޑްސް ތައާރަފްކުރި ހަފުލާގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު އެވޯޑްސް ތައާރަފްކުރި ހަފުލާގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި އެވޯޑް ހަފުލާއަކީ، ކުޅިވަރު މޫސުމެއްގެ ނިމުން. ކުޅުންތެރިން އެ އަންނަނީ ދާ އޮހޮރުވާފައި. ކޯޗުންނާއި އޮފިޝަލުން އައިސް ތިބޭނީ ހާސްކަމުގެ ދުވަސްތަކަށް ފަހު. އެ ކުޅުންތެރިންގެ އާއިލާ މެމްބަރުންނާއި ސަޕޯޓަރުން ޓީވީ ދޮށުގައި ތިބޭނީ އުއްމީދުތަކާ އެކު. އެހެންކަމުން ކުޅިވަރުގެ އާއިލީ ހަވީރެއްގެ ގޮތުގައި މި ހަފުލާ ކުރިއަށްދާނީ،" އެވޯޑްސްގެ ކޮމިޓީގެ އޮފިޝަލަކު ބުންޏެވެ.

ޕާޓްނަރުން ކަމަށްވާ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އަދި އެސޯސިއޭޓް ޕާޓްނަރުން ކަމަށްވާ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބުގެ ފުރިހަމަ އެހީތެރިކަމާ އެކު "މިހާރު" ގެ ޓީމު މިވަނީ ހުރިހާ ތައްޔާރީތަކެއްވެފަ އެވެ. އެވޯޑްސްގެ އެޑްވަޓައިޒިން ޕާޓްނަރު ތިންކުން މިހާރު ވަނީ އެވޯޑް ހަފުލާ އަށް ޕެރެޑައިސް އައިލެންޑް ރިޒޯޓުގެ މާލަން ތައްޔާރުކޮށްފަ އެވެ. މީޑިއާ ޕާޓްނަރު ވީޓީވީން އެ އަންނަނީ ރަސްމިއްޔާތު ވަގުތުން ދެއްކުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އަދި ފަނޑިޔާރުން އެތިބީ ކުޅުންތެރިންގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ނިންމާލައިގެންނެވެ. އެހެންކަމުން މިރޭގެ ހަފުލާ އަށް އިންތިޒާރުކުރުން ނޫން ކަމެއް ދެން ނެތެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން "މިހާރު" ނޫހުން މި އެވޯޑް ތައާރަފްކުރީ "ކުޅުންތެރިންގެ މަސައްކަތުގެ އަގުވަޒަންކުރާނެ ކަމުގެ އުއްމީދާއި އުފާވެރިކަމުގެ ހިނިތުންވުން އަނެއްކާ ވެސް ކުޅުންތެރިންގެ މޫނުމަތިން ފާޅުވާނެ" ކަމަށް ބުނެ އެވެ. މިރޭ އޭގެ ތެރެއިން ބައެއް ކުޅުންތެރިން ތާރީހުގެ ތެރެއަށް ވަދެގެން ދާނީ ފުރަތަމަ ފަހަރަށް މިހާރު އެވޯޑްސްގެ ޓްރޮފީ ހާސިލްކުރާ ކުޅުންތެރިންގެ ގޮތުގަ އެވެ.

މިރޭ އެވޯޑްތައް ދޭ މައިގަނޑު ދެ ކުޅިވަރަކީ ފުޓްބޯޅަ އާއި ވޮލީބޯޅަ އެވެ. އެގޮތުން ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް އެވޯޑް ދޭނެ އެވެ. ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔާ އެވެ.

ދެން އޮތީ އެންމެ ހާއްސަ އެއް އެވޯޑެވެ. އެތުލެޓިކްސް އާއި ފެތުމާއި ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން ހިމަނައިގެން ދޭ އިންޑިވިޖުއަލް އެވޯޑްސް ކެޓަގަރީ އަކީ ރާއްޖޭގައި އިންޑިވިޖުއަލް ކުޅިވަރުތަކަށް ދޭ ފުރަތަމަ އެވޯޑްސްތަކެވެ. މި ކެޓަގަރީގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވާނެ އެވެ.

ހާއްސަ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަކީ ވެސް "މިހާރު" އެވޯޑްސްގައި އެހާމެ އިސްކަންދޭ ކަމެކެވެ. އެގޮތުން މިދިޔަ އަހަރު ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ހޯދި ކާމިޔާބީތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރާނެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މުހައްމަދު ޒާހިރު ނަސީރު.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މުހައްމަދު ޒާހިރު ނަސީރު.

އެވޯޑްސްގެ އެންމެ ހާއްސަ އިނާމަކީ ލައިފްޓައިމް އެޗީވްމަންޓް އިނާމެވެ. މި އެވޯޑް އެންމެ ހާއްސަވާ ސަބަބަކީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ޝަރަފުގައި "ޒާހިރު ނަސީރު އެވޯޑް" މި ނަމުގައި ޝަރަފް ދިނުމެވެ.

"ޒާހިރު ނަސީރުގެ ނަމުގައި މި އެވޯޑް ދޭން ނިންމީ ދިވެހި ކުޅިވަރަށް އެމަނިކުފާނުކޮށްދެއްވި ޚިދުމަތުގެ ހަނދާނާއި ޝަރަފުގައި. އަދި ދިވެހި ކުޅިވަރުގެ ގިނަ ހިދުމަތްތެރިންގެ ނަމޫނާއަކީ ވެސް އެމަނިކުފާނު ކަމަށް ވެފައި އެފަދަ އެވޯޑެއް ޒާހިރުގެ ނަންފުޅަށް ޚާއްސަކުރުން މުހިންމު ކަމަށް ވެސް ދެކެން،" އޮފިޝަލަކު ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، 1980ގެ އަހަރުތަކުގެ ކުރީކޮޅު އުފެދުނީއްސުރެ 2008ގެ ނިޔަލަށް އެ ކޮމިޓީގެ ރައީސްކަން ކުރެއްވި ޒާހިރު ނަސީރަކީ ރާއްޖޭގައި ގިނަ ކުޅިވަރުތަކެއް އާލާކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ އެތައް ކުޅުންތެރިންނާއި ކޯޗުންނާއި ހިދުމަތްތެރިން އުފައްދަވައި، ކުޅިވަރު ދަނޑަށް ނެރުއްވައިފަ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާތަކުގެ އިސް މަގާމްތައް ވެސް ފުރުއްވި އެވެ.

ރީތި ކުލަތަކުގެ ތެރޭގައި، ދިއްކޮށްލާ، ފުރިހަމަ އެވޯޑްތަކާ އެކު ކުރިއަށްގެންދާ މި ހަފުލާ ނިމިގެން ދާނީ ޔަގީނުން ވެސް އާ ތަރިންތަކެއް އުފެދި، އާ އެތައް ބައެއްގެ ނަންތަކަކާ އެކު އެވެ. އަދި ޚިދުމަތްތެރިންގެ މާޒީގެ ތެރެއިން ލިބޭ ފިލާވަޅުތަކަކާ އެކު ވެސް މެ އެވެ.