Roadha Mihaaru
"މިހާރު އެވޯޑްސް" ހަފުލާ އަންނަ މަހުގެ 5 ގައި

"މިހާރު އެވޯޑްސް" ހަފުލާ އަންނަ މަހުގެ ފަހެއް ގައި

25 ޖުލައި 2019

ކުޅިވަރަށް ހާއްސަކޮށްގެން "މިހާރު" ނޫހުން 2017 ގައި ތައާރަފްކުރި "މިހާރު އެވޯޑްސް" ދިނުމުގެ ހަފުލާ އަންނަ މަހު ފަސް ވަނަ ދުވަހުގެ ރޭ، ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކުޅިވަރަށް ހާއްސަކޮށްގެން "މިހާރު" ނޫހުން 2017 ގައި ތައާރަފްކުރި "މިހާރު އެވޯޑްސް" ދިނުމުގެ ހަފުލާ އަންނަ މަހު ފަސް ވަނަ ދުވަހުގެ ރޭ، ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ކުޅިވަރުގެ އެންމެ ފާހަގަކޮށްލެވޭ ތަރިންނަށް އެވޯޑް ދޭ ހަފުލާ ކުރިއަށްދާނީ މުހިފޫހިފިލުމުގެ ހަރަކާތްތަކާ އެކު ކުޅިވަރުގެ އާއިލީ ހަވީރެއްގެ ގޮތުގަ އެވެ.

މިހާރު އެވޯޑްސްގެ އިސް އޮފިޝަލަކު ވިދާޅުވީ މިއީ ކުޅިވަރު ކުޅުންތެރިން މުޅި އަހަރު ކުރާ މަސައްކަތުގެ އަގުވަޒަންކުރާ ހަފުލާ ކަމަށެވެ. އެހެންކަމުން ހަފުލާ ބާއްވާނީ ވަރަށް ކުލަގަދަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޅިވަރު ދަނޑުތަކާއި ކޯޓްތަކުގައި ކުޅުންތެރިން މުޅި އަހަރު އޮހޮރުވާ ދަލާއި ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް." އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިވެދޭ ވިޔަފާރި ކުންފުނިތަކުގެ އެއްބާރުލުމާ އެކު އެ ޒިންމާ އަދާކުރެވޭތީ 'މިހާރު' އާއިލާ އަސްލު ވަރަށް ހިތްހަމަޖެހޭ."

ކުޅިވަރު ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީން އަދި އެހެނިހެން ހިދުމަތްތެރިންގެ އަގު ފުޅާ ދާއިރާއެއްގައި ވަޒަންކުރަން ތައާރަފްކުރި މިހާރު އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަން އެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މި އެވޯޑްސްގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ހޮވާނެ އެވެ. ފުޓްބޯޅައިގައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ދެ ވަނަ އަދި އެންމެ މޮޅު ތިން ވަނަ ކުޅުންތެރިޔާ ވެސް ހޮވާ، އެވޯޑް ދެ އެވެ.

ވޮލީބޯޅައިގެ ފިރިހެން ކެޓަގަރީގައި އެވޯޑް ލިބޭނީ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ، އެންމެ މޮޅު ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ. ވޮލީބޯޅައިގެ އަންހެން ކެޓަގަރީގައި ވެސް އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން ދެވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ ހޮވާނެ އެވެ.

"މިހާރު އެވޯޑްސް"ގެ ޕާޓްނަރުންނާ އެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު އެވޯޑްސް"ގެ ޕާޓްނަރުންނާ އެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެވޯޑްސްތައް ދޭނީ އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އެއްކޮށްލައިގެންނެވެ. މި އެވޯޑްތައް ލިބޭނީ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ކުޅުންތެރިޔާ، އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ. އަންހެން ބައިގައި ވެސް ހޮވާނީ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅުންތެރިޔާ، އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ.

ޒުވާން ކުޅުންތެރިން ކުރިއެރުވުމަކީ ވެސް މި އެވޯޑުގެ މުހިއްމު މަގުސަދެކެވެ. އެހެންވެ ފުޓްބޯޅަ އާއި ވޮލީބޯޅަ އާއި އިންޑިވިޖުއަލް ކެޓަގަރީން ވެސް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، ދެ ޖިންސް ވަކިން، ހޮވާނެ އެވެ.

މިހާރު އެވޯޑްސްގައި ދެން ހިމެނޭ އެންމެ މުހިއްމު އެއް ބަޔަކީ ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސްތަކެވެ. މި އެވޯޑް ލިބޭނީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ދިވެހި ހުނަރުވެރިންނަށާއި ކުޅިވަރުގައި ގިނަ ދުވަހު ޚިދުމަތްކުރި ބައެއް ފަރާތްތަކަށެވެ.

ކުރީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއު ޝަރަފްގައި ދޭ "ޒާހިރު ނަސީރު އެވޯޑް" އަކީ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތަށް ހާއްސަ އަގުވަޒަންކުރުމެކެވެ. މިއީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ޚިދުމަތްކޮށް ދޭ ފަރާތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެކެވެ.

މިދިޔަ އަހަރުގެ "މިހާރު އެވޯޑްސް" ހަފުލާގެ ތެރެއިން: ގައުމީ ވޮލީބޯޅަ ކުޅުންތެރިޔާ ލޯންގޭ (ކ)، ދުވުންތެރިޔާ ސާއިދު (މ) އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މިދިޔަ އަހަރުގެ "މިހާރު އެވޯޑްސް" ހަފުލާގެ ތެރެއިން: ގައުމީ ވޮލީބޯޅަ ކުޅުންތެރިޔާ ލޯންގޭ (ކ)، ދުވުންތެރިޔާ ސާއިދު (މ) އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު، ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.

ސްޕޮންސަރުން ފާހަގަކުރި ގޮތުގައި މި އެވޯޑްސް އަކީ ރާއްޖޭގެ ކުޅިވަރު ތަރިންނާއި އަދި ޒުވާނުންގެ ކުރިއެރުމަށް މުހިއްމު އެވޯޑެކެވެ. މި އެވޯޑްސްގައި ބައިވެރިވާ އެންމެ ބޮޑު ސަބަބަކީ ކުޅިވަރާއި ޒުވާނުންނަށް ހިދުމަތްކުރުން ކަމަށް، ޕާޓްނަރުން ބުނެ އެވެ. އަދި މިއީ ރާއްޖޭގައި ކުޅިވަރުގައި ދޭ މިފަދަ ހަމައެކަނި އެވޯޑަށް ވާތީ ކުޅިވަރު ކުރިއަރުވަން މިކަމަށް ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާކަން ވެސް އެ ފަރާތްތަކުން ފާހަގަކުރި އެވެ.

މިހާރު އެވޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޅިވަރު ތަރިންނާއި އެވޯޑްސްގެ ޕާޓްނަރުންނާ އެކު ވަނީ މިދިޔަ އޭޕްރީލް މަހު ކ. ތުލުސްދޫގައި "ސްޕޯޓްސް ސްޓާސް ފިއެސްޓާ" ނަމުގައި ކުލަގަދަ ހަވީރެއް ބާއްވައިފަ އެވެ. އަދި އެވޯޑާ ގުޅުވައިގެން "ޗެމްޕިއަންސް ޓޯކް" ނަމުގައި، މުޅިން އާ ޕްރޮގްރާމެއް ވެސް ފެށި އެވެ. ދިވެހި ފުޓްބޯޅަ ލެޖެންޑް މައުރޫފް އަހުމަދު (މާއްޓޭ)އާ އެކު ތުލުސްދޫގައި އިފްތިތާހުކުރި މި ޕްރޮގްރާމް ރާއްޖޭގެ އެކި ސްކޫލްތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް ހާއްސަކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދަން "މިހާރު"ން ވަނީ ނިންމައިފަ އެވެ.