Roadha Mihaaru
މި މަހުގެ 10 ގެ ކުރިން ރޯދަ އިނާޔަތް ދޭން ޖެހޭ

މި މަހުގެ 10 ގެ ކުރިން ރޯދަ އިނާޔަތް ދިނުމަށް ފިނޭންސުން އަންގައިފި

03 މެއި 2018

މި އަހަރުގެ ރޯދަ އިނާޔަތް މި މަހުގެ 10 ގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި އަހަރުގެ ރޯދަ އިނާޔަތް މި މަހުގެ 10 ގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ "މާލިއްޔަތާ ބެހޭ ސާކިއުލާ" ގައި ބުނެފައި ވަނީ މި އަހަރުގެ ރޯދަ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ މި މަހުގެ 10 ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށެނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ. ގާނޫނުގައިވާ ގޮތުން، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދު އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނީ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އެކަނި ކަމަށެވެ. އިނާޔަތުގެ ފައިސާ ދޭ ފަހުން، ރޯދަމަހުގެ ތިން ބައިކުޅަ އެއްބައި ފާއިތު ނުވަނީސް އެ މީހަކު ވަޒީފާ އިން ވަކިވެއްޖެ ނަމަ، އިނާޔަތުގެ ބާކީ ބައި އެ މީހެއްގެ އަތުން ހޯދައި ޖަމާކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވެ އެވެ. ރޯދަމަހުގެ ތެރޭގައި ވަޒީފާއާ ގުޅޭ މުވައްޒަފެއް ނަމަ، އެ މީހާ މަސައްކަތްކުރާ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް އިނާޔަތުގެ ގޮތުގައި ޖެހޭ މިންވަރެއް ދޭން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ވަނީ އަންގައިފަ އެވެ. އެއީ ދުވާލެއްގެ މައްޗަށް 30ރ. ގެ މަގުންނެވެ.

ފިނޭންސުން ހަމަޖައްސާފައިވާ އުސޫލުގައިވާ ގޮތުން، "ޕޭ ލީވް" އަދި "ނޯޕޭ ލީވް" ގައި ތިބޭ މީހުންނަށް ރޯދަ އިނާޔަތް ދޭކަށް ނުޖެހެ އެވެ.

ބައެއް އަމިއްލަ ފަރާތްތަކުން ރޯދަ އިނާޔަތް ނުދޭތީ، ލޭބާ ރިލޭޝަން އޮތޯރިޓީން ވަނީ ރޯދަމަސް ފެށުމުގެ ކުރިން ހުރިހާ ދިވެހި މުވައްޒަފުންނަށް 3،000ރ. ގެ އެލަވަންސް ދިނުމަށް މިއަދު އަންގައިފަ އެވެ.