Roadha Mihaaru
މަރިޔަމް ސައީދު: ޅެންވެރިކަމުގެ ދައުރެއްގެ ނިމުން

މަރިޔަމް ސައީދު އަވަހާރަވުން: ދިވެހި ޅެންވެރިކަމުގެ ދައުރެއްގެ ނިމުން

28 އެޕްރީލް 2018

ކުޅަދާނަ ޅެންވެރިޔާ މ. ބަގީޗާގޭ އައްނަބީލާ މަރިޔަމް ސައީދު އަވަހާރަވުމަކީ، އެކަމަނާގެ އަސަރުންފުރިފައިވާ މަޝްހޫރު ޅެން "އަސްރު ދިޔައީ ގެއްލިގެން" ގައި ބަޔާންކުރައްވާފައި ފަދައިން، ޒަމާނެއް ގެއްލިގެން ދިއުމެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ އެންމެ ވަސްމީރު ދައުރުގެ ނިމުން އައީ އެވެ. އެކަމަނާ އަކީ ޅެންވެރިކަން އާލާކުރައްވަން ކުރީގެ ރައީސް މުހައްމަދު އަމީން އުފެއްދެވި ޅެންވެރިންގެ ގުލްޒާރުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ފަހަށް ހުންނެވި ޅެންވެރިޔާ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކުޅަދާނަ ޅެންވެރިޔާ މ. ބަގީޗާގޭ އައްނަބީލާ މަރިޔަމް ސައީދު އަވަހާރަވުމަކީ، އެކަމަނާގެ އަސަރުންފުރިފައިވާ މަޝްހޫރު ޅެން "އަސްރު ދިޔައީ ގެއްލިގެން" ގައި ބަޔާންކުރައްވާފައި ފަދައިން، ޒަމާނެއް ގެއްލިގެން ދިއުމެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ އެންމެ ވަސްމީރު ދައުރުގެ ނިމުން އައީ އެވެ. އެކަމަނާ އަކީ ޅެންވެރިކަން އާލާކުރައްވަން ކުރީގެ ރައީސް މުހައްމަދު އަމީން އުފެއްދެވި ޅެންވެރިންގެ ގުލްޒާރުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ފަހަށް ހުންނެވި ޅެންވެރިޔާ އެވެ.

އެ ގުލްޒާރުން ނެރުއްވި "ނޫރާނީމާ" ޅެންފޮތްތަކުގައި އެކަމަނާގެ ޅެންތައް ޝާއިއުކޮށް، ގުލްޒާރުގެ މެމްބަރަކަށް އުމުރުފުޅުން އެންމެ 14 އަހަރުގައި ވެ ވަޑައިގެންނެވި މަރިޔަމް ސައީދު ދިވެހި ޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް އިބްރާހިމް ނާސިރު ރާއްޖޭގައި ބޮޑުވަޒީރުކަން ކުރެއްވި އިރު އެކަމަނާއާ ކައިވެނިފުޅު ބައްލަވައިގަތެވެ. އެއީ ޅެންވެރިކަމުގެ ޚާންދާނަކަށް އުފަންވެވަޑައިގެންނެވި ޝާއިރާއެކެވެ. ބައްޕާފުޅަކީ ދިވެހި އަދަބިއްޔާތު ދުށް އެންމެ ކުޅަދާނަ އަދީބު އައްޝައިޚް ހުސެއިން ސަލާހުއްދީނެވެ. އެއްބަނޑުއެއްބަފާ ބޭބޭފުޅަކީ، އެ ބޭފުޅެއްގެ ހަނދާނުގައި ދިވެހި ޅެންވެރިންގެ ދުވަސް ފާހަގަކުރެވޭ، ދިވެހި ޅެންވެރިކަމުގެ ޝާއިރުއްޝަބާބް އިބްރާހިމް ޝިހާބެވެ. އެފަދަ ދެ ވަނައެއް ނެތް، މޮޅު ވާހަކަދެއްކުންތެރިއެއް ވެސް މެ އެވެ. ދައްތާފުޅު ފާތިމަތު ސައީދަކީ ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ނަރުގިސްމަލެވެ. ވަސްމީރު އެތަކެއް ޅެންތަކެއް ގުލްޝަނަށް ދޫކުރެއްވި އެވެ. މައިފުށުން ނިސްބަތްވެވަޑައިގަންނަވަނީ ޝާހީ އާއިލާއަކަށެވެ. މަންމާފުޅަކީ ހުރަވީ ރަސްދަރިކޮޅުގެ ގޮމައެކެވެ.

"Asru dhiyaee gehligen": Hithuge himanaaraa kulheli!

"Asru dhiyaee gehligen": Hithuge himanaaraa kulheli!

The most trusted news source in the Maldives

Mihaaru

މަރިޔަމް ސައީދުގެ "އަސްރު ދިޔައީ ގެއްލިގެން" މި ޅެމާ ބެހޭގޮތުން މިހާރު ނޫހުގައި ކުރިން ޝާއިއުކޮށްފައިވާ ލިޔުމެއް.

މަރިޔަމް ސައީދުގެ ނަންފުޅު ގިނަ ބަޔަކު ހަނދާންކުރަނީ 1973 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ "އަމާޒު" މަޖައްލާގައި ޝާއިއުކުރެއްވި އެކަމަނާގެ މަޝްހޫރު ޅެން "އަސްރު ދިޔައީ ގެއްލިގެން" މި ޅެމުންނެވެ. އެއީ އެހާ ވެސް ރިހުމާއި އަސަރުހުރި ޅެމެކެވެ. އެއީ އެކަމަނާގެ ކުރީގެ ފިރިކަލުން އިބްރާހިމް ނާސިރަށް ހިތްޕުޅުގައި އޮތް ލޯބި ބަންޑުންކުރައްވާފައި އޮތް ޅެމެއް ކަމަށް ވާހަކަދެކެވުނު ނަމަވެސް އެކަމަނާ އެކަން ކަށަވަރުކޮށްދެއްވައިފައެއް ނުވެ އެވެ. އެއީ ކޮންމެ ހާދިސާއަކާ ގުޅުން ހުރި ޅެމަކަށް ވިޔަސް، އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ)ގެ އަޑުން ރެކޯޑްކޮށް ލަވައެއްގެ ސިފައިގައި އަޅުގަނޑުމެންނާ ހަމަޔަށް އައި އެ ޅެމާ އެކަމަނާގެ ހަޔާތްޕުޅާ ގުޅުވިދާނެ އެވެ. ނާސިރު އެކަމަނާ ވަރިފުޅުކުރެއްވުމުން، ހަޔާތަށް ކުރިމަތިވެވަޑައިގެންނެވި ބަނަދުވަސްތައް، ތޫފާނަތަކަށް ބަދަލުވީ ދެ ދަރިކަލުން ވެސް ޒުވާން އުމުރުފުޅުގައި މި ދުނިޔެ ދޫކުރެއްވުމުންނެވެ. އެ ހުރިހާ ހިތާމަތަކާ އެކު ވެސް އުމުރުފުޅު އަސްރުން ތިރިވި ވަގުތު އަމިއްލަ ވަޒަނާ ދުރުގައި ހުންނަވަން ޖެހިވަޑައިގަތަސް ފަހު ދުވަހާ ހަމަޔަށް އެކަމަނާ ދެއްކެވި ހިތްވަރުފުޅު އެއީ ޅެމުގެ ފަހުބައިގައި ބަޔާންކުރައްވާފައިވާ ފަދަ އަޒުމްހުރި ބަސްތަކަކަށް ބާރު ލިބިދޭ ކަންކަމެވެ.

"މަރިޔަމް ސައީދަކީ ދިވެހި ޅެންވެރިން އާއްމުކޮށް ޅެންހަދާ އުޅޭ އިސްޓައިލަށް ވުރެ ފުން އިސްޓައިލަކަށް ޅެން ހެއްދެވި ބޭފުޅެއް. އެކަމަނާގެ ޅެންތަކުގައި ރިހުން އެކުލެވިގެންވޭ. ފުރަތަމަ ކިޔާލާއިރު މާބޮޑު އެއްޗެއް ހިތަށް ނުވަދެދާނެ. އެކަމަކު ވިސްނާލައިގެން ކިޔާލީމާ ޅެންތަކުގައި ހުރި ރިހުންތައް އިހުސާސްކުރެވޭނެ،" ޅެންވެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރައްވާފައިވާ އުތީމު އާދަމް ޢަބްދުއްރަހްމާން (އުތީމު އާދަމްބެ) ވިދާޅުވި އެވެ.

"އަމާޒު" ގައި ޝާއިއުކުރި މަރިޔަމް ސައީދުގެ "އަސްރު ދިޔައީ ގެއްލިގެން" .

"އަމާޒު" ގައި ޝާއިއުކުރި މަރިޔަމް ސައީދުގެ "އަސްރު ދިޔައީ ގެއްލިގެން" .

މަރިޔަމް ސައީދުގެ ޅެންތައް އެ ދުވަސްވަރު ރާއްޖޭގައި ނެރުނު ހުރިހާ ނޫސްމަޖައްލާތަކެއްގައި ކަހަލަ ގޮތަކަށް ޝާއިއުކުރިއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ވަނީ "މަލަސް"ގެ 83 ވަނަ އަދަދު އެކަމަނާގެ ޅެންތަކަށް ހާއްސަކޮށްގެން ޝާއިއުކޮށްފަ އެވެ. މީގެ އިތުރުން ނޮވެލްޓީން ވަނީ އެކަމަނާގެ ހަތަރު ޅެން ފޮތެއް ޝާއިއުކޮށްފަ އެވެ.

ދިވެހި ޅެންވެރިކަމަށް މަރިޔަމް ސައީދު ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ސަރުކާރުން ވަނީ ޅެންވެރިކަމުގެ ރޮނގުން އާއްމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު 1983 ވަނަ އަހަރު އެކަމަނާ އަށް ދެއްވައިފަ އެވެ.

މަރިޔަމް ސައީދު ފާހަގަކުރެއްވެނީ ވަރަށް ފަސޭހަކަމާ އެކު ޅެންބައިތުތައް އަތުރާލެއްވި ޝާއިރާއެއްގެ ގޮތުގަ އެވެ. އެކަމަށް ބާރު ދެއްވައި ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) ވިދާޅުވީ އެކަމަނާ އަކީ "ކުޅަދާނަ އަދީބާއެއް އަދި މޮޅު ލިޔުއްވުންތެރިޔެއް" ކަމަށެވެ.

"އެކަމަނާ އަވަހާރަވުމަކީ ދިވެހި އަދަބިއްޔާތަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެއް. ދިވެހި އަދަބުން ގެއްލިގެން އެދިޔައީ ކުޅަދާނަ ލިޔުންތެރިޔެއް އަދި ޅެންވެރިއެއް،" ސޯދުބެ ވިދާޅުވި އެވެ.

މަރިޔަމް ސައީދު (ކ) ދަރިކަލުންނާ އެކު.

މަރިޔަމް ސައީދު (ކ) ދަރިކަލުންނާ އެކު.

މަރިޔަމް ސައީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ ލިޔުންތެރިޔާ ހަބީބާ ހުސައިން ހަބީބު ވިދާޅުވީ މަރިޔަމް ސައީދުގެ ޅެންތައް މުތާލިއާ ކުރާއިރު ފާހަގަކުރެއްވުނީ އެހެން ޝާއިރާއިންނާއި ޝާއިރުންގެ ޅެންތަކާ ބަލާއިރު އެ ޅެންތަކުގެ މާނަ ފުންވުން ކަމަށެވެ.

"މަރިޔަމް ސައީދުގެ ޅެންތައް ވަރަށް ފުން. އޭގެ އެތެރޭގައި އެތައް މާނަތަކެއް ހިމެނޭ މާނައިން ފުރިގެންވާ ޅެންތަކެއް އެއީ. ކޮންމެ ކޮންމެ މީހަކަށް ނޭނގި ހިނގައިދާނެ އޭގައި ފޮރުފައިވާ މާނަ. އެގޮތުން ބަލާއިރު އެކަމަނާ އަކީ އަދަބީގޮތުން ލާމަސީލު ޝާއިރާއެއް،" ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ "މިހާރަ"ށް ވިދާޅުވި އެވެ.

ގައުމާ ދުރުގައި ހުންނެވި ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން ވެސް ޅެން ހެއްދެވި އެވެ. އަދި ބައެއް ޅެންތައް ނޫސް މަޖައްލާތަކުގައި ވެސް ޝާއިއު ވެސް ކުރި އެވެ. މީގެ ދެ އަހަރު ކުރިން ދިވެހި ޅެންވެރިންގެ ވަފުދެއް ލަންކާ އަށް ކުރި ޒިޔާރަތެއްގައި އެކަމަނާއާ ބައްދަލުކުރެއްވުމުން ވަރަށް އުފާފުޅުކުރެއްވި އެވެ. އެބޭފުޅުންނާ އެކު ސައިފޮދު ހިއްޕަވައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވި އެވެ.

އެ ވަފުދުގައި ހިމެނިވަޑައިގެންނެވި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ "މަރިޔަމް ސައީދަކީ ދިވެހި އަދަބުގެ ފަތިހުގެ ތަރީގެ އުޖާލާ އަލިކަމުގެ ތެރެއިން، ޅެންވެރިކަމުގެ ގުލްޝަނުގައި ފަރިވި އެންމެ ވަސްމީރު އެއް މާ" ކަމަށެވެ.

"އެކަމަނާ އަވަހާރަވުމަކީ ދިވެހި އަދަބަށް ލިބުނު ފުން، ފުން ހިތާމައެއް. އަދި އެ މުއްސަދި ޅެންވެރިކަން ދިވެހި ޅެންވެރިކަމުގެ އުދަރެހުގައި އަބަދުވެސް މުތީތަކެއް ފަދައިން ވިދަވިދާ ހުންނާނެ،" އަޝްރަފް ވިދާޅުވި އެވެ.

މަރިޔަމް ސައީދު (ވ) އިބްރާހިމް ނާސިރުގެ އަރިހުގައި.

މަރިޔަމް ސައީދު (ވ) އިބްރާހިމް ނާސިރުގެ އަރިހުގައި.

އަޝްރަފް ފާހަގަކުރެއްވި ގޮތުގައި މަރިޔަމް ސައީދާ ބައްދަލުވެވަޑައިގެންނެވިއިރު، އެކަމަނާ އުމުރުފުޅުން ދުވަސްވެފައިވީ ނަމަވެސް އިންނެވީ ޅެންވެރިކަމާއި އަދަބީ މަސައްކަތްޕުޅުގައި ސާބިތުވެވަޑައިގެން ކަމަށެވެ. ތިރީހަކަށް އަހަރު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާފައިވީ ނަމަވެސް ފާހަގަކުރެއްވުނީ ބަސްމަގުގައި ހުރި ރީތިކަމާއި ސާދާކަން ކަމަށާއި އެކަމުން ސާބިތުވީ އެކަމަނާގެ ހިތްފުޅުގައި ދިވެހި ބަހަށް އޮތް ލޯބި ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމާ ބެހޭގޮތުން ސުވާލު ދެންނެވިން. ވިދާޅުވި ދިވެހި ބަހަށް އިހުތިރާމްކުޑަކުރުމަކީ ތިމަންނާގެ ބައްޕާފުޅާއި ގައުމަށް އިހުތިރާމްކުޑަކުރެއްވުން ކަމަށް. ބައްޕާފުޅުގެ ފަރާތްޕުޅުން ދަރުސްވެވަޑައިގެން ހުންނަވައި ދިވެހި ބަހާއި އެހެން ބަސްބަސް މަސްހުނިކުރެއްވުމުން އެ ނަންގަވާލެއްވެނީ ބައްޕާފުޅުގެ އިހުތިރާމް ނޫންތޯ ވިދާޅުވި،" އަޝްރަފް ވިދާޅުވި އެވެ.

އެންމެ ފަހު ނޭވާއާ ހަމަޔަށް ވެސް ހިތްފުޅުގައި ދިވެހި ބަހަށް ގަދަރާއި ލޯބި އޮންނާނެކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވީ އެ ބަހަށް އިހުތިރާމްކުޑަކުރެއްވުމަކީ ބައްޕާފުޅާއި ގައުމަށް ވެސް ވެވޭ ބޭއިންސާފެއް ކަމަށެވެ.

އަޝްރަފް ފާހަގަކުރެއްވި ގޮތުގައި މަރިޔަމް ސައީދަކީ ދިވެހި ޅެންވެރިކަމުގެ ބުސްތާނުގެ އެންމެ ރީތި ދުވަސްތައް ދެކެވަޑައިގެންފައި އިންނެވި ބޭފުޅެކެވެ. އަދި ޅެންވެރިކަމުގައި އަމިއްފުޅު ތަޚައްލުސެއްގެ ގޮތުގައި ނިސްރީން (ހުދު ފިނިފެންމާ) އަދި ނީލް (ވެސްނޫމާ) ބޭނުންކުރެއްވުމުން ސިފަކުރެއްވެނީ އެކަމަނާގެ، އެއްވެސް މިލައެއް ކިލައެއް ނެތް ސާފުތާރިހު ޅެންވެރިކަން ކަމަށް އަޝްރަފް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުގައި އޮތް ރަސްމިއްޔާތެއްގައި މަރިޔަމް ސައީދު (ކ) ބޭބޭފުޅު އިބްރާހިމް ޝިހާބާ އެކު: އެ ސްކޫލުގެ އެއް މުއައްސިސަކީ އެ ދެ ބޭފުޅުންގެ ބައްޕާފުޅު ހުސެއިން ސަލާހުއްދީން.

މަޖީދިއްޔާ ސްކޫލުގައި އޮތް ރަސްމިއްޔާތެއްގައި މަރިޔަމް ސައީދު (ކ) ބޭބޭފުޅު އިބްރާހިމް ޝިހާބާ އެކު: އެ ސްކޫލުގެ އެއް މުއައްސިސަކީ އެ ދެ ބޭފުޅުންގެ ބައްޕާފުޅު ހުސެއިން ސަލާހުއްދީން.

"އެކަމަނާގެ ޝަޚުސިއްޔަތުން ވެސް ފެންނަނީ ޅެންވެރިކަމުގައި ހުރި ސާފުތާހިހުރިކަމާ ނަލަކަން. ކޮންމެ ޅެމަކީ ވެސް ދިވެހި އަދަބަށް ހަދިޔާކުރައްވާފައިވާ މުތީއެއް. އެކަމަނާގެ ޅެންވެރިކަމަކީ ދިވެހި އަދަބުގެ މުއްސަނދިކަން ވަރަށް ބޮޑަށް ހާމަވާ ޅެންވެރިކަމެއް،" އަޝްރަފް ވިދާޅުވި އެވެ.

މަރިޔަމް ސައީދުގެ ޒިކުރާ އާކުރުމުގެ ގޮތުން ފެށޭ ހަފުތާގެ ތެރޭގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައި އަދި ތައުބީނުގެ ޖަލްސާއެއް ބޭއްވުމުގެ އިންތިޒާމް ދިވެހި ބަހުގެ އެކަޑަމީން އަންނަނީ ކުރަމުންނެވެ.

މަރިޔަމް ސައީދުގެ ހަނދާންތައް މިއަދު މި އާކުރީ ދިވެހި ޅެންވެރިކަމުގެ ދައުރެއް ނިމިގެން ދިއުމުގެ ހިތްދަތިކަމާއި މޮޅިވެރިކަމުގައި ތިބެ އެވެ. އެކަމަކު އެ ހަނދާންތައް އަޅުގަނޑުމެންގެ ސިކުނޑީގައި އަބަދަށްމެ ހަރުލާފައި ހުންނާނީ ޝުކުރުގެ އިހުސާސްތަކާ އެކު އެވެ. "މަރުގެ އުއްމީދު" މި ނަމުގައި އެކަމަނާ ހައްދަވާފައިވާ ޅެމުގައި ބުނެފައިވާ ފަދައިން ފިސްފިސްވެ ވެއްޔާ އެކީ މޮޑެވިގެން ދިޔަޔަސް ހެޔޮ އަމަލުތައް އަބަދަށްމެ ދިރިދިރި ހުންނަ އުސޫލުންނެވެ.