Roadha Mihaaru
ޝައްމޫން އެއް ފިލްމަށް ފަހު "ގެއްލިފައި"

ޝައްމޫން އެއް ފިލްމަށް ފަހު "ގެއްލިފައި"

26 މެއި 2016

ފިލްމެއްގައި އައިޝަތު ޝިރާނީގެ ދަރިއެއްގެ ރޯލާއި ހަމަ އެ ފިލްމުގައި ނިއުމާ މުހައްމަދުގެ ދޮންދަރިއެއްގެ ރޯލް ކުޅެން އެކްޓަރަކަށް ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމެއްގައި އައިޝަތު ޝިރާނީގެ ދަރިއެއްގެ ރޯލާއި ހަމަ އެ ފިލްމުގައި ނިއުމާ މުހައްމަދުގެ ދޮންދަރިއެއްގެ ރޯލް ކުޅެން އެކްޓަރަކަށް ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ.

އެހާމެ މަޝްހޫރު އަދި މޮޅު ދެ ބަތަލާއިންގެ "ދަރިއެއް" ގެ ރެކޯޑް އޮތް ހަމައެކަނި އެކްޓަރަކީ މިހާތަނަށް ބެލުންތެރިންނަށް އެންމެ ފިލްމަކުން ފެނިފައިވާ މުހައްމަދު ޝައްމޫން އެވެ. ކުޑަކުދިންގެ ޓީވީ ޝޯތަކުން ފަރިތަވި ޝައްމޫންބެ އެވެ.

ވަރަށް ކުޑަ އިރުއްސުރެން ފެށިގެން ޓީވީއެމްގެ ކުޑަކުދިންގެ ޕްރޮގްރާމްތަކާއި އަދި މިހާރު ވެސް ތަފާތު ޕްރޮގްރާމްތައް ހޯސްޓް ކުރާ ޝައްމޫނަކީ އޭނާ ކުޅުނު ފުރަތަމަ ފިލްމަށް ފަހު، ގެއްލިފައި ހުރި އެކްޓަރެކެވެ.

ޝައްމޫން ކުޅުނު ހަމައެކަނި ފިލްމް "ނަމޫނާ" ގެ ލަވައެއް.

ސްލޭމް ސްޓޫޑިއޯ އިން 2000 ވަނަ އަހަރު ހެދި ފިލްމް "ނަމޫނާ" ގެ އެއް އެކްޓަރަކީ ޝައްމޫނެވެ. އަސްލަމް ރަޝީދު ޑައިރެކްޓް ކުރި އެ ފިލްމުގައި ޝައްމޫނަކީ ޝިރާނީ އާއި އަލީ ޝަމީލްގެ ދަރިއެކެވެ. ނިއުމާއަކީ ޝައްމޫންގެ ދޮންމަންމަ އެވެ.

މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ "ނަމޫނާ" ގައި ޝައްމޫންގެ ބަތަލާއަކީ އެ ދުވަސްރު ފިޔަ ޖަހަން ފެށި ބަތަލާ ސަޖްނާ އަހުމަދެވެ.

ޝައްމޫން ބުނީ އުމުރުން 18 އަހަރުގައި ފިލްމެއް ކުޅެން ފުރުސަތު ލިބުމަކީ، ކޮށްލަން ވަރަށް ބޭނުންވި ތަޖުރިބާއެއް ކަމަށެވެ. އެއީ އަބަދު ވެސް ފިލްމް ކުޅުމުގެ ޝައުގުވެރިކަން ހުންނާތީ އެވެ. "ނަމޫނާ" ގެ ކުރިން އޭނާ ސްލޭމްގެ އެހެން ފިލްމަކަށް ވެސް ސްކްރީން ޓެސްޓް ހެދި އެވެ. އެއީ އަހުމަދު ނިމާލް ޑައިރެކްޓް ކުރި ބިރުވެރި ފިލްމް "ޒަލްޒަލާ" އެވެ.

"އެއަށް ސްކްރީން ޓެސްޓް ހަދާފައި ފަހުން ހަބަރެއް ނުވޭ. އެހެން ހުއްޓައި ނަމޫނާ އިން ފުރުސަތު ލިބުނީ،" ފިލްމް ކުޅެން އަބަދު ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ޝައްމޫން ބުންޏެވެ.

އޭނާ ބުނީ "ނަމޫނާ" އަށް ފަހު އެއްވެސް ފިލްމަކުން ފުރުސަތެއް ނުލިބޭ ކަމަށެވެ. އެކަމަކު ޑައިރެކްޓަރު އަބްދުލް ފައްތާހު ހެދި ޑްރާމާ ސިލްސިލާ "ތިއޭ މި ހިތުގެ ވިންދަކީ" ގެ ރޯލަކަށް ފައްތާހު ގުޅި ކަމަށް ޝައްމޫން ބުންޏެވެ.

ޑައިރެކްޓަރު އަބްދުލް މުހައްމަދު ނިޔާޒް (ޓެޑްރީ) ހެދި ޓީވީ އިޝްތިހާރެއް ވެސް ޝައްމޫން ކުޅުނެވެ. އޭނާ އެންމެ ފަހުން އެކްޓް ކެމެރާ ކުރި މައްޗަށް އަރައި އެކްޓް ކުރީ ޓީވީއެމްގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުޅުނު ވީޑިއޯ ލަވައެއްގަ އެވެ.

"ޑްރާމާގެ ވާހަކަ ފައްތާހް ދައްކާފައި ފަހުން ދެން ވީ ގޮތެއް ނޭނގޭ،" މިހާރު ޓީވީއެމްގެ ޕްރޮޑިއުސަރެއްގެ މަގާމު އަދާ ކުރަމުން އަންނަ ޝައްމޫން ބުންޏެވެ.

އޭނާ ބުނީ އަދިވެސް އެކްޓް ކުރުމުގެ ޝައުގު ނުގެއްލޭ ކަމަށެވެ. އެހެންވެ ފުރުސަތެއް ލިބިއްޖެ ނަމަ އޭގެ ބޭނުން ހިފަން ތައްޔާރެވެ.

"ސްކްރިޕްޓަށް ބަލާފައި ކުޅެން ލިބޭ ރޯލަކީ ހިތްހަމަޖެހޭ ކަހަލަ ރޯލަކަށް ވެއްޖިއްޔާ އެއްބަސްވާނަން. މައްސަލައެއް ނެތް ޑްރާމާއެއް ނުވަތަ ފިލްމަކަށް ވިޔަސް،" ޝައްމޫން ބުންޏެވެ.

ފިލްމް "ނަމޫނާ" ކުޅުނު ދުވަސްވަރު ޝައްމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ވެސް ވަޒީފާ އަދާ ކުރި އެވެ. އެ ތަނުގައި ތިން އަހަރު އުޅެފައި ފަހުން އޭނާ ވަނީ އިސްކަންދަރު ސްކޫލަށެވެ. އެތަނުގެ އިދާރީ ބައިގައި ވެސް ތިން އަހަރު ޝައްމޫން އުޅުނެވެ.

ޝައްމޫން ކުޅުނު އިސްކަންދަރު ސްކޫލްގެ ޑްރާމާ.

ދެހާސް ފަސް ވަނަ އަހަރު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަަށް އިސްކަންދަރުން ހެދި ޑްރާމާގެ ލީޑް އެކްޓަރަކީ ވެސް ޝައްމޫނެވެ. އެ ޑްރާމާ ކުޅެގެން އެ ފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް އޭނާ ނޮމިނޭޓް ވެސް ވި އެވެ.

"މިހާރު ދެން ޖޮބްގައި ވަރަށް ބިޒީކޮށް މި އުޅެނީ. އެކަމަކު ފުރުސަތެއް ލިބިއްޖެއްޔާ ދޫކޮށެއް ނުލާނަން. ހޮބީއެއްގައި ގޮތުގައި ނަމަވެސް އެކްޓް ކުރަން ބޭނުން،" ދިވެހި ސިނަމާ އަށް އަންނަ ހުރިހާ ފިލްމެއް ބަލާ އަދި މިހާރު އަމިއްލަ ވިޔަފާރި ވެސް ހިންގާ ޝައްމޫން ބުންޏެވެ. "ޑާކް ރެއިންގެ އަލީ ޝިފާއުގެ ފިލްމަކުން ފުރުސަތެއް ލިބުމަކީ ކުރަމުން އަންނަ ވަރަށް ބޮޑު އުންމީދެއް. އޭނާއަކީ ވަރަށް ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރާ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވެނީ."

ޝައްމޫން ޑައިރެކްޓް ކުރި ލަވައެއް

އޭނާ ބުނީ ފިލްމީ ދާއިރާ މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ދާއިރާއަކީ ވަރަށް ކްރިއޭޓިވް ދާއިރާތަކަށްވާތީ އެކްޓް ކުރުމުގެ އިތުރަށް ޑައިރެކްޝަނަކީ ވެސް ޝައުގެއް ކަމަށެވެ. އަދި ވަރަށް ހުނަރުވެރި އުންމީދީ ތަރިން ފިލްމީ ދާއިރާ އިން މިހާރު ފެންނަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަަރަށް ބޭނުން ޑްރާމާތަކާއި ލަވަތަކާ އެއްޗެހި ވެސް އަމިއްލަ އަށް ހަދަން،" ވޮއިސް އޮފް މޯލްޑިވްސް ސީޒަން ދޭއް ކާމިޔާބު ކުރި ހަސަން ތޮލާގް ކިޔާފައިވާ ލަވައެއް ޑައިރެކްޓް ކުރި ޝައްމޫން ބުންޏެވެ.