Roadha Mihaaru
އެންމެ ގިނަ މެޑަލް ހޯދީ މި ހަތަރު އަހަރު: މިނިސްޓަރު

ދަރިވަރުން އެންމެ ގިނަ މެޑަލް ހޯދީ މި ހަތަރު އަހަރު: މިނިސްޓަރު

23 އެޕްރީލް 2018

ސްކޫލުތަކުގެ ދަރިވަރުން، ކުޅިވަރުގެ ރޮނގުން ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައި ދީފައިވަނީ މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތަކުގެ ދަރިވަރުން، ކުޅިވަރުގެ ރޮނގުން ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައި ދީފައިވަނީ މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.

ކުޅިވަރުގައި ކާމިޔާބު ހޯދަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްފައިވާ މައިލޯ ކަލާސް އެވޯޑު ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ އެކި މުބާރާތްތަކުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދަރިވަރުން 45 މެޑަލް ހޯދާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 2007-2013އާ ހަމައަށް، ބައިނަލްއަގުވާމީ މުބާރާތްތަކުން ދަރިވަރުން ހޯދި މެޑަލްގެ އަދަދު އުޅުނީ 11 ގައި ކަމަށެވެ. ނަމަވެސް މި ހަަތަރު އަހަރުގެ ތެރޭގައި ގިނަ ބައެއްގެ ވިސްނުމާއި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ،

މިއީ، ކަލާސް އެވޯޑު ދެމުން އަންނަ ފަސް ވަނަ އަހަރެވެ.

"މި އެވޯޑުގެ ސަބަބުން ހިތްވަރު ލިބިގެން މިގައުމު ފަހުރުވެރި ކުރުވާ ފަދަ ނަތީޖާތައް ބައިނަލްއަގުވާމީ މައިދާނުން ހޯދަމުން ގެންދާ ދަރިވަރުންގެ އަދަދު ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައި. އަދި މީގެ ކުރިން މި އެވޯޑުގެ ހަފްލާތަކުން ފެނިފައިވާ ގިނަ ދަރިވަރުންނަކީ ކުޅިވަރު ކުޅެގެން ދިވެހި ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ދަރިވަރުންކަން ފަޚުރުވެރިކަމާއެކު ފާހަގަކޮށްލަން،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު ޝިހާމް ވިދާޅުވީ ކުޅިވަރުގައި ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބީގެ ސަބަބުން، ގައުމީ ޓީމުތަކުން ދަރިވަރުންނަށް ޖާގަ ލިބެމުން އަންނަ މިންވަރު ވެސް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރާ އަޅާބަލާއިރު، ދަރިވަރުންނަށް ގައުމީ ޓީމުތަކުން މިހާރ ޖާގަ ލިބޭ މިންވަރު ތިން ގުނަައަށް އިތުރުވެފައިވާ ކަން ފާހަގަކުރެއްވި އެވެ.

ކުޅިވަރުގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ސްޕޯޓްސް ސްކޮލަޝިޕް މިއަހަރު ވަނީ އަށް ދަރިވަރުންނަށް ދީފަ އެވެ. މިހާރު ވެސް އެ ސްކޮލަޝިޕްގެ ދަށުން 29 ދަރިވަރުން ކިޔަވަމުން އަންނައިރު އޭގެ ތެރެއިން ހަ ދަރިވަރުން ތަމްރީނުވަމުން އަންނަނީ ރާއްޖޭން ބޭރުގަ އެވެ.