Roadha Mihaaru
ނަޝީދާ އެކު ތިބޭނީ ދީނުގެ އަދުއްވުން: ޕީޕީއެމް

ނަޝީދާ އެކު މަސައްކަތް ކުރާނީ ދީނުގެ އަދުއްވުން: ޕީޕީއެމް

19 އެޕްރީލް 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ، ރާއްޖޭގައި އިސްލާމްދީން ފޮހެލަން މަސައްކަތްކުރި އަނދިރި އަނދިރިންނާ ތަފާތެއް ނެތް ކަމަށާއި އެމަނިކުފާނާ އެކު ތިބޭނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ، ރާއްޖޭގައި އިސްލާމްދީން ފޮހެލަން މަސައްކަތްކުރި އަނދިރި އަނދިރިންނާ ތަފާތެއް ނެތް ކަމަށާއި އެމަނިކުފާނާ އެކު ތިބޭނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

މުސްލިމުން ނޫން މީހުންނަށް ވެސް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ޔޫޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަޝީދަށް ފާޑު ވިދާޅުވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "އަނދިރި އަނދިރިންނާއި، ކެނެރި އަނދިރިންނަކީ" ކޮބައިކަން މިހާރު ރައްޔިތުންނަށް އެނގިގެން ދިޔައީ ކަމަށެވެ.

އީޔޫގެ ރިޕޯޓަކީ އިދިކޮޅު ފަރާތްތަކުން ދިން މައުލޫމާތުތަކަށް ބިނާކޮށް ހުށަހެޅި ރިޕޯޓެއް ކަމަށާއި އެހެންވެ، އިސްލާހީ މަސައްކަތުގައި ކަމަށް ބުނެ ނަޝީދާ އެކު މިހާރު މަސައްކަތް ކުރާނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ވެރިކަމުގެ ބޭނުމުގައި އިސްލާމްދީން ރާއްޖެއިން ފޮހެލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުށަހެޅުމަކީ އީޔޫ އިން ހަމައެކަނި އެތާނގައި ތިބެފައި ނިންމި ނިންމުމެއް ނޫން. އިދިކޮޅު ފަރާތްތަކުން ހުށަހެޅި ރިޕޯޓްތަކަށް ބިނާކޮށް މިކަން މިކުރީ. މިހާ ހިސާބަށް މި މީހުންގެ ކަންތައް ދިޔައިމަ ދިވެހި ރައްޔިތުން އެންމެން އެބަޖެހޭ އެކީ އެކައްޗެއް ކިޔާފައި ނިކުންނަން. އެއީ ސިޔާސީ ފިކުރެއްގައެއް ނޫން. ސިޔާސީ ފިކުރަށް ވުރެ ބޮޑަށް ދީނީ ފިކުރެއްގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވާ އިންތިޚާބެއް ނޫނެވެ. މިއަހަރުގެ އިންތިޚާބަކީ އިސްލާމްދީނާއި ބާތިލް ދީންތަކާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމަށާއި އިންތިޚާބުގައި ވޯޓު ދޭއިރު އެކަމަށް ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމުގެ ދީނީ އިލްމުވެރިން ވެސް މިކަމާ ދެކޮޅަށް ތެދުވާން ޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަހަރުގެ ރިޔާސީ އިންތިޚާބު ވެގެން މިދަނީ އިސްލާމްދިނާއި ބާތިލް ދީނާ ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސަރުކާރު ދެމިއޮތްހާ ހިނދަކު ބާތިލް އެއްވެސް ދީނަކަށް އެއްވެސް ފުރުސަތެއް ނުދޭނެ އެވެ. އަދި ބޭރުގެ އެކި ޖަމާއަތްތަކުން ސަރުކާރަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރަމުންދާ ސަބަބު މިއަދު ހާމަވެގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެހެން ދީންތައް ގެންނަން ބަޔަކު މަސައްކަތް ކުރަމުން ދިއުމަކީ މިއަދު ހިނގަން ފެށި ކަމެއް ނޫން ކަމަށާއި ކުރިން ވެސް އެކަން ހިނގަމުން ދިޔަކަން ކުރިން ވެސް ޕީޕީއެމުން ހާމަ ކުރަމުން ގޮސްފައިވާނެ ކަމަށެވެ. އެކަމަކު އެހެން ދީނަކަށް ރާއްޖެއިން ފުރުސަތު ނުދޭނެ ކަމަށާއި "ފުރާނަ ބިންމަތިން" ވަކި ކޮށްފައި ނޫނީ އެކަމެއް ނުކުރެވޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ރައީސް ޔާމީން މި ކުރައްވަމުން ގެންދަވާ މަސައްކަތްފުޅު ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ. އެމަނިކުފާނާ ދެކޮޅަށް މިކަހަލަ ވާހަކަ ދައްކާ މީހުންނާއި ދަތި ކުރުމުގެ ފިޔަވަޅު އަޅަން ވާހަކަ ދައްކާ މީހުންގެ ހަގީގީ ހާލަތާއި ހައިސިއްޔަތު މިއޮތީ ފެންނަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި އީޔޫގެ އެ ހުށަހެޅުމާ ދެކޮޅަށް ހުރިހާ ޕާޓީއަކުން ބަސް ބުނަން ޖެހޭނެ ކަމަށާއި އެކަން ޕާޓީތަކުން ކުށްވެރި ނުކޮށްފި ނަމަ ޕީޕީއެމުން އެކަން ބަލާނެ ކަމަށެވެ. އެފަދަ ކަންކަމާ ދެކޮޅަށް ގާނޫނެއް ހަދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އީޔޫއިން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ކުރި ދަތުރަށް ފަހު ސަރުކާރަށް ހުށަހެޅި ރިޕޯޓްގައި ހުށަހަޅާފައިވަނީ މުސްލިމް ނޫން މީހުންނަށް ވެސް ދިވެހި ރައްޔިތުކަން ލިބޭ ގޮތް ހެދުމަށާއި އިސްލާމްދީނުުގެ ސުންނަތް ޖަމާއަތުގެ މީހަކަށް ނުވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެވޭ ގޮތް ހެދުމަށެވެ.