Roadha Mihaaru
އެމެރިކާގެ މަތިންދާބޯޓެއްގެ އިންޖީނު ގޮވައި މީހަކު މަރު

އެމެރިކާގެ މަތިންދާ ބޯޓެއްގެ އިންޖީނު ގޮވައި މީހަކު މަރުވެއްޖެ

18 އެޕްރީލް 2018

ނިއު ޔޯކް (އެޕްރީލް 18) - އެމެރިކާގެ ސަައުތުވެސްޓް އެއާލައިންސްގެ ފްލައިޓް 1380 ގެ އިންޖީނެއްގެ ބައެއް ވައިގެ ތެރޭގައި ނެއްޓި ބޯޓުގެ ކުޑަ ދޮރު ފަޅާލުމުން ހިނގި ހާދިސާއެއްގައި ލިބުނު ގެއްލުންތަކުގައި ޕަސިންޖަރަކު މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (އެޕްރީލް 18) - އެމެރިކާގެ ސަައުތުވެސްޓް އެއާލައިންސްގެ ފްލައިޓް 1380 ގެ އިންޖީނެއްގެ ބައެއް ވައިގެ ތެރޭގައި ނެއްޓި ބޯޓުގެ ކުޑަ ދޮރު ފަޅާލުމުން ހިނގި ހާދިސާއެއްގައި ލިބުނު ގެއްލުންތަކުގައި ޕަސިންޖަރަކު މަރުވެއްޖެ އެވެ.

ނިއު ޔޯކުގެ ލަ ގާޑިއާ އެއާޕޯޓުން ޓެކްސަސް އަށް ފުރި ބޯއިން 737-700 ގެ ބޯޓުގެ އިންޖީނަށް ހާދިސާއެއް ދިމާވުމާ އެކު އެ ބޯޓު ވަނީ އިމަޖެންސީގައި ފިލަޑެލްފިއާ އަށް ޖައްސައިފަ އެވެ. އެ ބޯޓުން 143 ޕަސިންޖަރުންނާއި ފަސް ކްރޫން ދަތުރުކުރި އެވެ. އިންޖީނު ގޮވުމުން ލިބުނު ގެއްލުންތަކުގައި ހަތް މީހުން ޒަޚަމްވި އެވެ.

ބޯޓުގެ އިންޖީނު ގޮވި ހާދިސާގައި މަރުވި ޖެނިފާ.

ބޯޓުގެ އިންޖީނު ގޮވި ހާދިސާގައި މަރުވި ޖެނިފާ.

މަންޒަރު ދުށް މީހުން ބުނީ ބޯޓުގެ ވާތް ފަރާތު އިންޖީނެއްގެ ބުރަފައްޗަކުން ފިޔަގަނޑެއް ނެއްޓި ބޯޓުގެ ކުޑަ ދޮރުގައި ޖެހުމާ އެކު އެ ދޮރު ފަޅައިގެން ދިޔަ ކަމަށެވެ. އަދި ބޯޓުގެ ކެބިން ޕްރެޝަރަށް އައި ބަދަލާ އެކު އަންހެން ޕަސިންޖަރަކު އެ ދޮރާ ދިމާލަށް ދަމައިގަނެ އޭނާ އެ ދޮރުގައި ތާށިވި ކަމަށް ވެސް ބުންޏެވެ. އަންހެން މީހާ ދަމާ ނެރުނީ ބޯޓުގެ އެހެން ޕަސިންޖަރުންނެވެ.

ބޯޓަށް ދިމާވި ހާދިސާގައި މަރުވެފައި ވަނީ ބޭންކެއްގެ ނައިބް ރައީސް އަދި ދެ ކުދިންގެ މަންމައެއް ކަމަށްވާ ޖެނިފާ ރިއޯޑަން އެވެ.

ސައުތުވެސްޓް އެއާލައިންސްގެ އިންޖީނުން ބައެއް ނެއްޓި ޖެހުމުން ބޯޓުގެ ކުޑަ ދޮރު ފަޅައިގެން ގޮސްފައި.

ސައުތުވެސްޓް އެއާލައިންސްގެ އިންޖީނުން ބައެއް ނެއްޓި ޖެހުމުން ބޯޓުގެ ކުޑަ ދޮރު ފަޅައިގެން ގޮސްފައި.

އެއާ ޓްރެފިކް ރެކޯޑިން އިން އެނގޭ ގޮތުގައި ބޯޓުގެ އިންޖީނުން ބައެއް ނެއްޓުމުން ސްޕީޑް ދަށްކުރަން ބޭނުންވާ ކަމަށް ޕައިލެޓް ބުނެފައިވެ އެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަނުން މިހާރު ވަނީ އެ ހާދިސާ ތަހްގީގު ކުރަން ފަށައިފަ އެވެ. ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) އިން ބުނީ ބޯޓުގެ އިންޖީނުގެ ފޭނެއް ނެއްޓިފައިވާކަން އެންމެ ފުރަތަމަ އިންވެސްޓިގޭޝަނުން ވެސް އެނގޭ ކަމަށެވެ.