Roadha Mihaaru
ދެކުނުގެ ދެ ނޭޗާ ޕާކް ޖޫންގައި ހުޅުވަނީ

އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކްތައް ޖޫން ގައި ހުުޅުވަނީ

12 އެޕްރީލް 2018

އީކޯ ޓޫރިޒަމަށް ޚާއްސަ ކޮށްގެން އައްޑު އާއި ފުވައްމުލަކުގައި ތަރައްގީ ކުރަމުން އަންނަ ނޭޗާ ޕާކްތައް އަންނަ ޖޫން މަހު ހުޅުވާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އީކޯ ޓޫރިޒަމަށް ޚާއްސަ ކޮށްގެން އައްޑު އާއި ފުވައްމުލަކުގައި ތަރައްގީ ކުރަމުން އަންނަ ނޭޗާ ޕާކްތައް އަންނަ ޖޫން މަހު ހުޅުވާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އައްޑޫ ހިތަދޫގައި ހިމާޔަތް ކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭ ހިމެނޭ ގޮތަށް ތަރައްގީ ކުރާ ނޭޗާ ޕާކާއި ފުވައްމުލަކު ބަންޑާރަ ކުޅި ހިމެނޭ ގޮތަށް ގާއިމް ކުރާ ނޭޗާ ޕާކްތަކުގެ މަސައްކަތް މިހާރު ވަނީ ނިމުކަމާ ހަމައަށް އައިސްފަ އެވެ. މިހާރު އެ ތަންތަނުގައި ކުރަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ދެ ސިޓީގައި ވެސް ތަރައްގީ ކުރާ ނޭޗާ ޕާކްތަކަކީ އެ ތަންތަން ބަލައިލަން ދާ މީހުންނަށް ޚާއްސަ ކުރާ ވިޒިޓާސް ސެންޓަރުތަކާއި ތަނުގެ ގުދުރަތީ ރީތި ކަމާއި މުއްސަނދިކަން ވެސް ވީހާ ވެސް ބޮޑަކަށް އަދި ވީހާ ވެސް ގާތުން ބަލައިލެވޭ ގޮތަށް ތަރައްގީ ކުރާ ތަންތަނެވެ.

ފުވައްމުލަކު ނޭޗާ ޕާކްގެ ކުރެހުމެއް،

ނޭޗާ ޕާކްތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ހޯދަން މިހާރު އެންވަޔަރުމެންޓް މިނިސްޓްރީން ވަނީ ބީލަމަށް ވެސް ލައިފަ އެވެ. އޭގެ ތެރޭގައި އެއްގަމާއި ކުޅިތަކުގައި ބޭނުން ކުރާ ތަފާތު އުޅަނދުތައް ހިމެނެ އެވެ.

އަދި އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކްތަކުގައި ހަރަކާތްތެރި ވާނެ ޓުއާ ގައިޑުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި މަހު ފަށަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ވެސް މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

އައްޑޫ ނޭޗާ ޕާކްގެ މަސައްކަތްތަކުގެ ތެރެއިން.

އައްޑު އާއި ފުވައްމުލަކުގައި އީކޯ ޓޫރިޒަމަށް ތަރައްގީ ކުރާ ނޭޗާ ޕާކްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ނޭޗާ ޕާކްތަކުގެ ސަބަބުން އައްޑު އާއި ފުވައްމުލަކަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވެ، އިގްތިސާދީ ގޮތުން ވެސް ކުރިއެރުންތަކެއް އެ ދެ ސިޓީ އަށް ލިބޭނެ އެވެ.