ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމަކީ އެ ބޭފުޅުންނަށް ދޭ އަނިޔާއެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
03 އެޕްރީލް 2018
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމަކީ އެ ބޭފުޅުންނަށް ދޭ އަނިޔާއެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ވަކި މީހަކަށް "ޓާގެޓް" ކުރުމުގެ ގޮތުން ކަންކަން ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މަގާމެއްގައި މީހަކު ދެމި ހުރިހާ ހިނދަކު، އެ މީހަކަށް މުސާރަ އާއި އިނާޔަތްތައް ލިބެން ޖެހޭނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށެވެ. ޖޭއެސްސީ އިން ވެސް މި މައްސަލާގައި ރިއާޔަތްކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަށެވެ.
އަލީ ވިދާޅުވީ ގާނޫނަށް ބަދަލު ގެނައީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށްލުމަށް ފަހުގައި ކަމުން މިއީ އެ ބޭފުޅުންގެ މައްޗަށް އަމަލު ކުރެވެން ޖެހޭނެ ގާނޫނެއް ނޫން ކަމަށެވެ.
"ހަދާލާ ގާނޫނަކުން އެ ބޭފުޅުންގެ މުސާރަ ސަސްޕެންޑް ކުރުމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ އިންސާފުވެރި އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ މެމްބަރުން ތިއްބަވާއިރު، އާއިލާގެ މެމްބަރުން ކުރަން ޖެހޭ ހަރަދުތަކެއް ހުންނާނެ އެވެ.
އެހެންކަމުން، ފަނޑިޔާރުން ވަޒީފާ އިން ވަކިކުރުމެއް ނެތި މުސާރަ ނުދޭ ގޮތަށް ސަސްޕެންޑް ކުރުމަކީ އެ ބޭފުޅުންނަށް ދެވޭ އަނިޔާއެއް ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކުރިން ސަސްޕެންޝަންގައި ތިއްބެވީ މުސާރަ ލިބޭ ގޮތަށެވެ.
އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 73،000ރ. ލިބޭއިރު ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މަހަކު 71،000ރ. ލިބެ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން ދައުލަތް ހިންގުމަށް ދަތި ކުރުމުގެ ދައުވާއެއް ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރެ އެވެ.
އަލީ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކައިފިނަމަ، ޖަލުގެ ކުޑަ ގޮޅި ނުވަތަ ފުލުހުންގެ މުގުރާއި ޕެޕާ ސްޕްރޭ އިން ރައްޔިތުންނަށް އަނިޔާ ކުރަމުންދާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ. އެކަމަކު، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާނަމަ، އެ ވާހަކަ ދެއްކުން ނުހުއްޓޭނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އެންމެ ބޮޑު ކާމިޔާބަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުމެވެ. އަދި ޖުޑިޝަރީން ވެސް ތެދުވެ، މަސައްކަތް ކުރަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ގިނަ އަދަދެއްގެ ބޭފުޅުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލި މައްސަލާގައި އަލީ ވިދާޅުވީ އެބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ޓެރަރިސްޓުންނަށް ވެގެން ނޫން ކަމަށެވެ. އެބޭފުޅުންގެ މައްޗަށް ކުރެވިފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ސިފަ ކުރެއްވި ގޮތުގައި މިއީ ރައްޔިތުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ކުރާ ދައުވާތަކެކެވެ. އެކަމަކު، ކިތަންމެ ބައެއްގެ މައްޗަށް ދައުވާ ކުރިޔަސް، އިސްލާހީ މަސައްކަތުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫނާއި ފަނޑިޔާރުން ވަނީ "ފްރޭމްކޮށްފައި":އިދިކޮޅު
އުއްތަމަ ފަނޑިޔާރާ ކުޅުން، ފަސޭހަ ކަމެއް!
ޖޭއެސްސީ ބަދަލުކުރަން މި ފަހަރު ވެސް ފާހެއް ނުވި!
"އިންޑިއާ އައުޓް އަކީ ހަރުކަށި މީހުންގެ ކަމެއް"
"ރޯވުމާ ގުޅޭ ގޮތުން މުއިއްޒުގެ ތުހުމަތު ބަލަން ޖެހޭ"
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކޮށްފި
އިދިކޮޅުގެ ނުރުހުން ރިޒާއަށް، ޕީޕީއެމް ދިފާއުގައި
ޖޭއެސްސީގައި އަދާ ކުރީ އަމާނާތްތެރި މަސައްކަތެއް: ރިޒާ
އަބްދުﷲ ސައީދާއި އަލީ ހަމީދު މިނިވަންކުރަންޖެހޭ:ނަޝީދު
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރަން ހުށަހަޅައިފި