Roadha Mihaaru
ޕާކިސްތާނުގެ އާމީ ޗީފް ރާއްޖެ ވަޑައިގެންފި

ޕާކިސްތާނުގެ އާމީ ޗީފް ރާއްޖެ ވަޑައިގެންފި

30 މާޗް 2018

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ދައުވަތަކަށް، ޕާކިސްތާނުގެ ޗީފް އޮފް އާމީ، ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ދައުވަތަކަށް، ޕާކިސްތާނުގެ ޗީފް އޮފް އާމީ، ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައި ގަމަރް ޖާވިދް ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މޭޖާ ޖެނެރަލް ޝިޔާމްގެ ދެކަނބަލުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދުގެ ދެކަނބަލުންނާއި ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމާއި ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް އިބްރާހީމް ހިލްމީ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުގައި ގަމަރް ޖާވިދް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި އިތުރު ވަޒީރުންނާ ބައްދަލު ކުރައްވާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްއެންޑީއެފް

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްއެންޑީއެފް

ޕާކިސްތާނުގެ އާމީ ޗީފް ރާއްޖެ ވަޑައިގެންފައިވާއިރު ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ޕާކިސްތާނުން ނުވަންނާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަޅަމުންދިޔަ ފިޔަވަޅުތަކާ އެ ގައުމުން ވެސް ދެކޮޅުހެދި އެވެ.

ޕާކިސްތާނުން އެގޮތަށް ބުނެފައިވާއިރު ޕާކިސްތާނާ ވާދަވެރި އިންޑިއާ އިން ވަނީ ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހު އެއް ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން ދިވެހި ސަރުކާރަށް ބާރުއަޅާފަ އެވެ.