Roadha Mihaaru
ބޯޓު އެކްސިޑެންޓްވީ ޕައިލެޓުގެ މައްސަލައަކުން

ބޯޓު އެކްސިޑެންޓްވީ "ޕައިލެޓުގެ މައްސަލައަކުން"

13 މާޗް 2018

ކަތުމަންޑޫ (މާޗް 13) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް އިއްޔެ ޖެއްސި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޯޓު އެކްސިޑެންޓްވެ 49 މީހުން މަރުވެފައި ވަނީ ޕައިލެޓުގެ މައްސަލައަކުން ކަމަށް އެއާޕޯޓުގެ މެނޭޖަރު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަތުމަންޑޫ (މާޗް 13) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް އިއްޔެ ޖެއްސި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޯޓު އެކްސިޑެންޓްވެ 49 މީހުން މަރުވެފައި ވަނީ ޕައިލެޓުގެ މައްސަލައަކުން ކަމަށް އެއާޕޯޓުގެ މެނޭޖަރު ވިދާޅުވެއްޖެ އެވެ.

ކަތުމަންޑޫގެ ޓިރުބަވަން އިންޓަނޭޝަނަލް އެއާޕޯޓް (ޓީއައިއޭ) ގެ ޖެނެރަލް މެނޭޖަރު ރާޖް ކުމާރު ޗެތުރީ ވިދާޅުވީ ބޯޓު ރަންވޭ އިން ކަހާލައިގެން ގޮސް އެކްސިޑެންޓްވީ ކޮންޓްރޯލް ރޫމުން ދިން އިރުޝާދާ ޚިލާފަށް ނުބައި ދިމާލަކުން ލޭންޑް ކުރުމުން ކަމަށެވެ.

ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

"ކޮންޓްރޯލްރޫމުން އިރުޝާދު ދިނީ ދެކުނުން ބޯޓު ޖެއްސުމަށް. އެކަމަކު މަތީގައި ބުރު ޖެހުމަށް ފަހު ބޯޓު ޖެއްސީ އުތުރު ކޮޅުން،" އޭނާ ވިދާޅުވި އެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސީއީއޯ އިމްރާން އާސިފް ވިދާޅުވީ އެކްސިޑެންޓުގައި ބޯޓުގެ ޕައިލެޓް އާބިދު ސުލްތާން ވެސް ޒަޚަމްވި ކަމަށާއި އޭނާ އަށް މިހާރު ދަނީ ފަރުވާ ދެމުން ކަމަށެވެ. އާސިފް ވިދާޅުވީ އެކްސިޑެންޓްވި ކަމަށް ބެލެވެނީ ބޯޓުގެ ޕައިލެޓާއި ކޮންޓްރޯލް ޓަވަރާ ދެމެދު އެރި ކޮމިއުނިކޭޝަން އޮޅުންތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"ޕައިލެޓާއި ކޮންޓްރޯލް ޓަވަރާ ދެމެދު ދެއްކި ވާހަކަތަކުގެ އޯޑިއޯ އެބައޮތް. އެއަށް ބިނާކޮށް ބުނެވޭނީ ދެ ފަރާތަށް އޮޅުން އަރާފައިވާ ކަމަށް،" އާސިފް ވިދާޅުވި އެވެ.

ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ކެނެޑާގެ ބޮމްބާޑިއާ ކުންފުނީގެ ޑޭޝް8 ކިޔޫ400 ގެ ބޯޓު ޑާކާ އިން ކަތުމަންޑޫ އަށް ފުރީ އިއްޔެ ހެނދުނު އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބޯޓު ޖައްސަން ދިޔަ އިރު ވަނީ އެއާޕޯޓުގެ ފެންސުގައި ވެސް ޖެހިފަ އެވެ.

އެކްސިޑެންޓްވި ބޯޓުން 71 މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭން ސަލާމަތްވި 22 މީހުންގެ ތެރޭގައި ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު ވެސް ހިމެނެ އެވެ. ޔޫއެސް-ބަންގްލާ އެއާލައިނުގެ ޖެނެރަލް މެނޭޖަރު ކަމަރުލް ހަސަން ވިދާޅުވީ ނޭޕާލުގެ 33 މީހުން ބޯޓުން ދަތުރުކުރި ކަމަށެވެ. އަދި ބަންގްލަދޭޝްގެ 32 މީހުންނާއި ޗައިނާ މީހަކު ވެސް ދަތުރު ކުރި އެވެ.