Roadha Mihaaru
އާޒިމާ އަށް އިންޒާރު ދޭތީ އާއިލާ ކަންބޮޑުވެއްޖެ

އާޒިމާ އަށް އިންޒާރު ދޭތީ އާއިލާ ކަންބޮޑުވެއްޖެ

26 ފެބުރުއަރީ 2018

މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމު ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒުނުކޮށް، ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ތަފާތު އިންޒާރުތައް ދެމުން ދާ ކަމަށް ބުނެ އޭނާގެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމު ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒުނުކޮށް، ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ތަފާތު އިންޒާރުތައް ދެމުން ދާ ކަމަށް ބުނެ އޭނާގެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާޒިމާގެ އާއިލާ އިން ބުނި ގޮތުގައި އާޒިމާގެ އިތުރުން އޭނާގެ ދަރިކަނބަލުންނަށް ވެސް ބައެއް މީހުން ދަނީ ބިރު ދައްކައި، އިންޒާރު ދެމުންނެވެ. ހުކުމް ތަންފީޒު ކުރަމުންދާ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރަން ދެކޮޅު ހައްދަވައި އާޒިމާ ދެއްކެވި ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް އޭނާ އަށް ފާޑު ކިޔަމުންނެވެ.

އާޒިމާގެ ބޭބެ އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި އިބްރާހިމް އާތިފް ޝަކޫރު، އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ އާޒިމާ އަށް ބިރު ދައްކައި ޖިސްމާނީ ގޮތުން ގެއްލުން ދޭނެ ކަމުގެ އިންޒާރުތައް މި ފަހުން ވަރަށް ގިނައިން ދެމުންދާ ކަމަށެވެ. އަދި އެކަމާ އާއިލާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ އޭނާގެ އާއިލާގެ ހަ ބޭފުޅުންގެ މެދުގައި އެކި ކަންކަމާ ހިޔާލު ތަފާތުވާ ކަމަށާއި އެކަމަކު އޭގެ ސަބަބުން އާއިލީ ގޮތުން އޮންނަ ގާތްކަން ނުކެނޑޭ ކަމަށެވެ. އަދި މި ދަނޑިވަޅު، އާޒިމާ އާއި އޭނާގެ ދަރިކަނބަލުންނަށް ލިބެމުންދާ އިންޒާރުތަކާ އާއިލާ އިން ކުުރިމަތިލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގަައި އާޒިމާ ވިދާޅުވީ އޭނާ އަށް ތަފާތު ގޮތްގޮތުން ބިރު ދައްކަމުން އަންނައިރު، ލޭ އޮހޮރުވާލާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ. އެކަމަކު އެއިން އެއްވެސް އިންޒާރަަކަށް ފަހަތަށް ޖެހި ވަޑައިނުގެން، ގައުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އައިސްފައިވާ ހަލަބޮލި ކަމުގައި، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރު ދިފާއު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް އާޒިމާ ގެންދަވަނީ ކުރައްވަމުންނެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން އަމަލު ނުކުރާ އިރު، ރައީސް ޔާމީން މަގާމުން ވަކިކޮށްދޭން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސްގެ ދިފާއުގައި ވެސް އޭނާ ވާހަކަ ދެއްކެވި އެވެ. އާޒިމާ ވިދާޅުވި ގޮތުގައި އެއީ އެ ކޯޓަށް އިހްތިސާސް ލިބިގެންވާ ކަމެއް ނޫނެވެ.

ސަރުކާރު ދިފާއު ކުރައްވައި ގާނޫނީ ގޮތުން ގިނަ ވާހަކަތަކެއް ދެއްކެވި ނަމަވެސް، އެ ގާނޫނުތައް އޭނާ ތަރުޖަމާ ކުރެއްވީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.