Roadha Mihaaru
ތުރުކީ ހަމަނުޖެހުންތަކުގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ

ތުރުކީގެ ހަމަނުޖެހުންތަކުގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ: ފޮރިން މިނިސްޓްރީ

16 ޖުލައި 2016

ތުރުކީގައި ރޭ ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ތުރުކީގައި ރޭ ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބް އުރުދުގާންގެ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ސިފައިންގެ ބަޔަކު ގެންނަން އުޅުނު ބަޣާވާތް ރައްޔިތުން ނިކުމެ ނާކާމިޔާބު ކޮށްލާފައިވާއިރު އަދިވެސް ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. މިހާތަނަށް 60 އަށް ވުރެ ގިނަ މީހުުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށެވެ. އަދި އެ ގައުމުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ދިވެހި ބައެއް ދަރިވަރުން ގެންދަނީ ތުރުކީގެ އެކި ޔުނިވަސިޓީތަކުގައި ތައުލީމް ހާސިލްކުރަމުންނެވެ.

ބަޣާވާތް ގެންނަން އުޅުނު ސިފައިންގެ ތެރެއިން ގިނަ ބަޔަކު މިހާރު އަމާން ދީފައިވާއިރު ބަޣާވާތުގައި ބައިވެރިވާ ބައެއް ސިފައިން އަދިވެސް ދަނީ ހަތިޔާރާ އެކު އެއްގަމާއި ވައިގެ މަގުން ހަރަކާތްތެރިވަމުންނެވެ. ބަޣާވާތުގެ ބައިވެރިން ވައިގެ މަގުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީ ވައްޓާލަން ސަރުކާރުން އަމުރުކޮށްފައިވާއިރު މިހާތަނަށް ހެލިކޮޕްޓަރެއް ވަނީ ވައްޓާލައިފަ އެވެ.

ރައީސް އުރުދާން ވިދާޅުވެފައިވަނީ އެ ގައުމުގެ ރައީސަކީ އަދިވެސް އޭނާ ކަމަށާއި ހުރިހާ ކަމެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމަށެވެ. އަދި ބަޣާވާތުގެ ބައިވެރިންނަށް ބޮޑު އަދަބު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީއަކީ އަސްކަރީ ބަޣާވާތް ގެނައުމުގެ ބޮޑު ތާރީޚެއް އޮތް ގައުމެކެވެ. އެކަމަކު 1993 ގެ ފަހުން ސިފައިން ވެރިކަމާ ދެކޮޅަށް ނުކުމެފައެއް ނުވެ އެވެ.