Roadha Mihaaru
އދ. ގެ ވަފުދުން ސަރުކާރާ މަޝްވަރާ ކޮށްފި

އދ. ގެ ވަފުދުން ސަރުކާރާ މަޝްވަރާ ކޮށްފި

19 ފެބުރުއަރީ 2018

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން އައި އދ. ގެ ވަފުދުގެ ބޭފުޅުން ސަރުކާރުގެ އޮފިޝަލުންނާ މިއަދު ބައްދަލު ކުރައްވައި ވާހަކަތައް ބާއްވައިފި އެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން އައި އދ. ގެ ވަފުދުގެ ބޭފުޅުން ސަރުކާރުގެ އޮފިޝަލުންނާ މިއަދު ބައްދަލު ކުރައްވައި ވާހަކަތައް ބާއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި، ރާއްޖޭގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެ ވަފުދަށް ދީފައިވާ ކަމަށެވެ. މިގޮތުން، އދ. ވަފްދުގެ ބޭފުޅުން ބޭނުންވާ މައުލޫމާތެއް ވާނަމަ އެ މައުލޫމާތެއް މިނިސްޓީރިއަލް ކޮމިޓީން އެ ބޭފުޅުންނަށް ދޭނެ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޭގެ އަސަރު ނުކުރާ ކޮންމެ ފަރާތަކާ ބައްދަލުކޮށް މައުލޫމާތު ހޯދުމުގެ ފުރިހަމަ އިހުތިޔާރު އދ. ގެ ވަފުދަށް އޮތް ކަމަށެވެ.

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ މަސްރަހަށް އައި ބަދަލުތަކާ ބެހޭ ގޮތުންނާއި ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެ ފަރާތުންް މަޝްވަރާ ކުރި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އދ. ގެ އިސް ވަފުދަކާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކަކާ ދެމެދު މިއަދު މަޝްވަރާތައް ބޭއްވިއިރު، އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް އިޖާބަދީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލުކުރުމަށް އދ. އިން ސިޔާސީ ލީޑަރުންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން، އދ. އިން އިއްޔެ ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވާހަކަ ދައްކަން ފަށާނެ ކަމަށެވެ.

ރާއްޖެ އާއި އދ. ގެ އިސްވެރިންނާއެކު މިއަދު ކުރި މަޝްވަރާގައި، ދިވެހި ސަރުކާރުގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. މި ކޮމެޓީގައި ހިމެނިވަޑައިގެންނެވި އިތުރު ބޭފުޅުންގެ ތެރޭގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މި ކޮމިޓީ އަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.