Roadha Mihaaru
އިންޑިޔާގައި ވިސާ ނުލިބި، އާއިލާތައް އެނބުރި އަންނަނީ

އިންޑިއާގައި ޑިޕެންޑެންޓް ވިސާ ނުލިބޭތީ ގިނަ އާއިލާތަކެއް ރާއްޖެ ބަދަލުވަނީ

14 ފެބުރުއަރީ 2018

އިންޑިޔާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ނުދިނުމުން ގިނަ އާއިލާތަކެއް ރާއްޖެ ބަދަލުވާން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިޔާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ނުދިނުމުން ގިނަ އާއިލާތަކެއް ރާއްޖެ ބަދަލުވާން ނިންމައިފި އެވެ.

އެ ގައުމުގެ ބައެއް ސްކޫލްތަކުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ލިބުމުގެ ދަތިތައް ކުރިމަތިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވާތީ ބެލެނިވެރިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

ބެންގަލޫރުގައި ދިރިއުޅޭ ބެލެނިވެރިއަކު ބުނީ، ވިސާގެ މައްސަލަތައް ކުރިމަތިވަމުން ދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސްގެން ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.

އޭނާ ބުނީ ބެންގަލޫރުން ވެސް ހަތަރަކަށް ވުރެ ގިނަ އާއިލާ ރާއްޖެ ބަދަލުވުމުގެ މަސައްކަތް ކުރަމުން ދާއިރު، މައިސޫރުގެ ގިނަ އާއިލާތަކެއް ވެސް ރާއްޖެ އެބަ ބަދަލުވާ ކަމަށެވެ.

"މިއީ ހަމަ ވިސާ ނުދިނުމުގެ ސަބަބުން ރާއްޖެ ބަދަލުވާ އާއިލާތައް،" "މިހާރު"އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

ފޮރިން ރީޖަނަލް ރަޖިސްޓްރޭޝަން އޮފީސް (އެފްއާރުއާރުއޯ) އަށް ވިސާ އާ ކުރަން ދިއުމުން، ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށް ބުނަމުންދާ ކަމަށް އެ ގައުމުގައި އުޅޭ ދިވެހި ބައެއް ބެލެނިވެރިން ބުންޏެވެ.

"ވިސާ އާ ކުރަން ދިޔައީމަ ބުނީ ދެން [ޑިޕެންޑެންޓް ވިސާ] ނުދޭނަމޭ. ދެން ނިމުނީއޭ،" ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި ބެލެނިވެރިއަކު ބުންޏެވެ.

އޭނާ ބުނީ ވިސާ ހަމަނުޖެހުމުން ދަރިވަރުން ބޯޑިން ސްކޫލަކަށް ބަދަލުކުރަން ބުނެފައިވާ ކަމަށާއި ނަމަވެސް އެކަން އެގޮތަކަށް ކުރެވެން ނެތް ކަމަށެވެ.

"މިހާރު"އާ ވާހަކަދެއްކި އެހެން ބެލެނިވެރިއަކު ވެސް ބުނީ އެފްއާރުއާރުއޯ އަށް ދިއުމުން ޑިޕެންޑެންޓް ވިސާ ދިނުން ހުއްޓާލި ކަމަށް ބުނާ ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް، ބެންގަލޫރުގައި ދިރިއުޅެމުން އަންނަތާ އަށް އަހަރު ވެފައިވާ މީހަކު ބުންޏެވެ.

"އަޅުގަނޑުމެންނަކަށް ނެތް ދަރިން ދޫކޮށްލާފައި ދެވޭކަށް. މިކަން [ފޮރިން މިނިސްޓްރީގެ] ސަމާލުކަމަށް ވެސް ގެނެސް، އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނީ. އެކަމަކު މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ. ވިސާ ނުލިބިގެން ވަރަށް ގިނަ މީހުން ރާއްޖެ ވަނީ ބަދަލުވެފައި،" ބެލެނިވެރިއަކު ބުންޏެވެ.

ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ހަލީލް ވިދާޅުވީ ވިސާގެ މައްސަލާގައި ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އެކަން އިންޑިޔާ ސަރުކާރާ ވާހަކަދައްކައިގެން ހައްލު ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ވިސާ ދޫކުރުމުގެ ޕޮލިސީ އަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް އިންޑިޔާއިން އަންގާ ކަމަށެވެ. ނަމަވެސް ފާއިތުވި ދެ ތިން މަހުގެ ތެރޭގައި އެކަމުގެ ދަތިކަން ގިނަ ދިވެހީންނަށް ދިމާވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންޑިޔާގެ ރަސްމީ ކޮމެންޓަކީ، ވިސާގެ ޕޮލިސީ އަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން. އެކަމަކު އޭގެ އުނދަގޫތައް ދިވެހީންނަށް އެބަ ކުރޭ. ރައްޔިތުންނަށް އެބަ ޖެހޭ މިވާ ގޮތެއް ސާފުކޮށްދޭން،" ހަލީލް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިދިޔަ މަހު އިންޑިޔާ އަށް ކުރެއްވި ދަތުރުގައި ވެސް ވިސާގެ މައްސަލާގައި އެ ގައުމުގެ އިސް ބޭފުޅުންނާ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ނަމަވެސް އަދިވެސް އެ މައްސަލަ އަށް ހައްލެއް ނުލިބެ އެވެ.

"މި މައްސަލަ އަށް ހައްލެއް ނުލިބިއެއް މިކަމެއް ހުއްޓައެއް ނުލާނަން،" ހަލީލް ވިދާޅުވި އެވެ.

އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ އިރު، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑިޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން އެ ގައުމުން ގޮވާލި އެވެ. އަދި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖެ-ޗައިނާ ސޮއި ކުރުމުން ވެސް ދެ ގައުމުގެ ހިޔާލުތައް ތަފާތުވެފައިވާކަން އިންޑިއާ ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތަކުން ސާފުވެ އެވެ.

ކޯޓުގެ އަމުރަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅޭ މައުލޫމާތު ދޭން މަންދޫބުން ފޮނުވަން ނިންމި ގައުމުތަކުގެ ތެރޭގައި އިންޑިޔާ ވެސް ހިމެނެ އެވެ. ނަމަވެސް ރައީސްގެ މަންދޫބު ޒިޔާރަތް ކުރަން އިންޑިޔާ އިން ފުރުސަތެއް ނުދިނެވެ.