Roadha Mihaaru
އިމްރާން ޖަލުގައި ހުންނެވީ ގޮތެއް ނެތިގެންނެއް ނޫން

އިމްރާން ޖަލުގައި ހުންނެވީ ގޮތެއް ނެތިގެނެއް ނޫން: އަދާލަތު

25 ޖެނުއަރީ 2018

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޖަލުގައި ހުންނަވަނީ އެނޫ ންގޮތެއް ނެތިގެން ނޫން ކަމަށާއި އެއީ އޭނާ އިޚުތިޔާރު ކުރެއްވި ގޮތް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޖަލުގައި ހުންނަވަނީ އެނޫ ންގޮތެއް ނެތިގެން ނޫން ކަމަށާއި އެއީ އޭނާ އިޚުތިޔާރު ކުރެއްވި ގޮތް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ޝެއިހް އިމްރާން ޖަލުގައި ހުންނަވާތާ މިއަދަށް 1000 ދުވަސް ވީ އެވެ. އިމްރާނަށް 12 އަހަރުގެ ހުކުމެއް އިއްވީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ.

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވީ ޝެއިހް އިމްރާނު ޖަލުގައި ހުންނެވީ އެނޫން ގޮތްތައް ހުރެމެ، އެކަމަކު މި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމަށް ދޫދެއްވަން ބޭނުން ނުވާތީ ކަމަށެވެ.

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިދާތާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިދާތާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ޖަލުގައި އެ އިންނަވަނީ ޖަލުގައި އިންނަވަން ޗޫސް ކުރައްވައިގެން. ނުވަތަ އެގޮތަށް އެކަން ކުރަން އިހުތިޔާރު ކުރައްވައިގެން. ފަސޭހަ ގޮތްތައް ލިބުމުގެ ފުރުސަތު އޮތް ވެސް މެ. މިއަދުގެ ސަރުކާރަށް އެމަނިކުފާނު އަޑު އުފުއްލެވި މި ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައާ އަދި ނޭއްގާނީ ކަންތައް ކަމަށް ވެފަ އެ ކަންތައް އެހެން އޮތްހާ ހިނދަކު އެކަމަށް ދޫނުދެއްވުމަށްޓަކައި އެމަނިކުފާނު ޖަލުގައި އިންނަވަން އެޗޫޖް ކުރައްވަނީ،" ޝިދާތާ ވިދާޅުވި އެވެ.

ޝެއިހް އިމްރާނަށް ޖަލުގައި ހުންނެވުން ނޫން ގޮތްތައް ހުރި ކަމަށް ޝިދާތާ ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. ދޭތެރެ ދޭތެރެއިން އިމްރާން ގޭ ބަންދަށް ބަދަލުކުރެ އެވެ.

އިމްރާން ޖަލަށް ލައިފައި ވަނީ ނުހައްގުންކަން ފާހަގަ ކުރައްވައި ޝިދާތާ ވިދާޅުވީ އިމްރާނަށް ޖަލު ހުކުމް އިއްވިއިރު ޝަރީއަތް ހިންގާފައިވަނީ ނުފޫޒް ބޭނުން ކުރައްވައިގެން ކަމަށެވެ. ދެހާސް ދުވަހު ޖަލުގައި ހުންނަވަނަ ޖެހިވަޑައިގަތަސް އިމްރާނުގެ ސާބިތުކަމަށް ބަދަލެއް ނާންނާނެ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

އިމްރާން ޖަލަށް ލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ރޭވުމަކުން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އިއްޔެ ވިދާޅުވެފައިވާއިރު އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން އަލުން ބަލައިދިނުމަށް އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާ ގޮވާލެއްވި އެވެ.

އަދީބަކީ ޖަރީމާތައް ހިންގުމުގައި އިސްކޮށް ހުންނެވި ބޭފުޅާ ކަމަށް އިމްރާން ކުރިން ތުހުމަތު ކުރައްވާފައިވާއިރު އަދީބުގެ ވާހަކަތައް އަދާލަތު ޕާޓީން ގަބޫލްކުރަންތޯ ސުވާލު ކުރުމުން ޝިދާތާ ވިދާޅުވީ އިމްރާން ޖަލަށް ލާފައި ވަނީ ނުހައްގުންކަން އަބަދުވެސް ގަބޫލް ކުރައްވާ ކަމަށެވެ.

މި ސަރުކާރާ ދެކޮޅަށް އިމްރާން މަސައްކަތް ކުރައްވަން ފެއްޓެވުމުން އެކަން ގަބޫލް ނުކުރެވޭ ބަޔަކު އަދާލަތު ޕާޓީގެ ތެރޭގައި ތިއްބެވި ކަމަށާއި މިހާރު އޭގެ ތެރެއިން ބައެއް ބޭފުޅުން އެނބުރި އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.