Roadha Mihaaru
އަހަރުތަކަކަށް ފަހު އަމީނިއްޔާ ހިތްގައިމު އާއިމާރާތަކަށް

އެތައް އަހަރަކަށް ފަހު އަމީނިއްޔާ އަށް ހިތްގައިމު އާ އިމާރާތެއް

04 ޖެނުއަރީ 2018

އެންމެ ކުރިއްސުރެ އަމީނިއްޔާ ސްކޫލަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދަރިވަރުން ކިޔަވާ މި ސްކޫލުގެ އިމާރާތް ބާވެ، ސީލިންގްގެ ބައިތައް ދަރިވަރުންގެ ބޮލަށް ވެއްޓިފައި ވެސް އެބަހުއްޓެވެ. އެކަމަކު އެ މައްސަލަތަކަށް މިހާރު ނިމުން އައީ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެންމެ ކުރިއްސުރެ އަމީނިއްޔާ ސްކޫލަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދަރިވަރުން ކިޔަވާ މި ސްކޫލުގެ އިމާރާތް ބާވެ، ސީލިންގްގެ ބައިތައް ދަރިވަރުންގެ ބޮލަށް ވެއްޓިފައި ވެސް އެބަހުއްޓެވެ. އެކަމަކު އެ މައްސަލަތަކަށް މިހާރު ނިމުން އައީ އެވެ.

އަމީނިއްޔާގައި މި އަހަރު ކިޔަވައިދޭނީ، މުޅިން އަލަށް އިމާރާތް ކުރި އަށް ބުރީގެ އިމާރާތުގަ އެވެ. މިއީ ހިތްގައިމު، އަދި މާލޭގައި ހުރި މި ފަދަ އެންމެ ބޮޑު އިމާރާތެވެ. މުޅި އަމީނިއްޔާހެން ދެން ހިންގާނީ މި އިމާރާތުގަ އެވެ. މިއީ 2،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ އަމީނިއްޔާ އަށް، އެތައް ގޮތަކުން ލިބުނު ފަސޭހަ އެކެވެ.

ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވި ގޮތުގައި މިއީ އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންގެ ހުވަފެނެއް ހަގީގަތަށް ވުުމެވެ. ބައިބަޔަށް ހުރި ބާ އިމާރާތްތަކެއްގައި ހުރި ކްލާސްތައް އާ އިމާރާތަށް ބަދަލު ކުރުމާއެކު ހިތްހަމަޖެހޭ މާހައުލެއްގައި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކްލާސް ރޫމުތައް ހުންނަ ބައި

އަމީނިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކްލާސް ރޫމުތައް ހުންނަ ބައި

"ކުރީގައި ކުދިން ތިބެން މި ޖެހެނީ އެއްވެސް ވެންޓިލޭޝަނެއް ނެތް، ހާސްކަން ބޮޑު ކުދި ކްލާސްތަކެއްގައި. އެކަމަކު އަޅުގަނޑުމެންގެ ކުދިންނަށް މިހާރު މި ލިބުނީ ވަރަށް ޕްލެޒެންޓް މާހައުލެއް. މިއީ ވަރަށް ބޮޑު އަދި ރީތި ވިއުއެއް ފެންނަ ކްލާސްތަކެއް." ނާޒް ވިދާޅުވި އެވެ.

"ޔަގީނުން ވެސް މީގެ ހެޔޮ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރާނެ،"

އަމީނިއްޔާ ސްކޫލުގެ އެންމެ ކުރީގެ އިމާރާތް ހުރި، ތަން (ބާ ހޯލް) ތަޅާލައި ހެދި އަށް ބުރީގެ އިމާރާތުގެ އެންމެ ތިރި ހާއްސަ ކޮށްފައިވަނީ އޮފީހާއި ހެލްތު ރޫމް ފަދަ ތަންތަނަށެވެ. އަދި ފުރަތަމަ ހަތަރު ބުރީގައި ކްލާސްތައް ހިންގާ އިރު ފަސް ވަނަ ބުރިއަކީ ލައިބްރަރީ އެވެ. އަދި އެކި މާއްދާތަކުގެ ލެބޯޯޓަރީތަކާއި ބޭންޑް ރޫމާއި ސްޓާފް ރޫމާއި ޕްރިންސިޕަލް އޮފީސް ހުންނަނީ ދެން ހުރި ބުރިތަކުގަ އެވެ. އިމާރާތުގެ މަތީގައި ވަރަށް ބޮޑު ޓެރަސްއެއް ވެސް އޮވެ އެވެ.

އާ އިމާރާތުގައި ހަދާފައިވާ ސްޓާފް ރޫމް: މިއީ ވެސް އަލަށް ފެންނާނެ ތަފާތެއް

އާ އިމާރާތުގައި ހަދާފައިވާ ސްޓާފް ރޫމް: މިއީ ވެސް އަލަށް ފެންނާނެ ތަފާތެއް

އާ އިމާރާތް ޒީނަތްތެރި ކޮށްފައިވަނީ ސްކޫލުގެ ކުލަ ކަމުގައިވާ ފެހި ކުލައިންނެވެ. އަދި އިމާރާތުގެ އެންމެ މަތީގައި މާދުރަށް ފެންނަ ގޮތަށް ސްކޫލްގެ ލޯގޯ ވެސް ހަރުކޮށްފައި ހުރެ އެވެ. ދުރުން ބަލާލާއިރު ވެސް މި އިމާރާތް ވަރަށް ރީއްޗެވެ.

އާ އިމާރާތުގައި ކިޔަވައިދޭން ފެށުމުން، މީގެ ކުރިން ބޭނުން ކުރި އެއްވެސް ކްލާހެއް ދެން ބޭނުމެއް ނުކުރާނެ އެވެ. ނަމަވެސް އެ ހުސް ކްލާސްތައް ބޭނުން ކުރާނެ ގޮތެއް އަދި މުޅިން ނުނިންމަ އެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ގައި އިމާރާތް ކުރަން ފެށި މި އިމާރާތުގައި 54 ކްލާސް ރޫމް ހުރެ އެވެ. އަދި ސްކޫލް އިމާރާތަކަށް މި ފަހުން އެޑިއުކޭޝަން މިނިސްޓްރީން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ވެސް މި ތަނަށެވެ. އެއީ 123 މިލިޔަން ރުފިޔާ އެވެ.

އަމީނިއްޔާ ސްކޫލުގެ އާ އިމާރާތް

އަމީނިއްޔާ ސްކޫލުގެ އާ އިމާރާތް

އެތައް އަހަރަކަށް ފަހު އަމީނިއްޔާ އަށް ލިބުނު މި ހަދިޔާއާ ގުޅޭ ގޮތުން ސްކޫލްގެ އޮތީ އެންމެ ޝަކުވާއެކެވެ. އެއީ އެހާ ބިޔަ އިމާރާތެއް ހެދި އިރު އެ ތަނުގައި ހޯލެއް ނެތުމެވެ. ހޯލުގެ ގޮތުގައި ދެން ވެސް ބޭނުން ކުރާނީ އެންމެ ކުރިއްސުރެ ބޭނުން ކުރަމުން ދިޔަ، ސީއެޗްއެސްއީއާ ޖެހިގެން ހުންނަ އިމާރާތެވެ. އެކަމަކު އެ ތަނުގެ މަތީގައި ހުރި އަމީނިއްޔާގެ ލެބޯޓަރީ ފަދަ ތަންތަން، ސީއެޗްއެސްއީގެ ބަޔަށް ބަދަލުކޮށް އެ ތަނުގެ ކްލާސްތަކެއްގެ ގޮތުގައި ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

އާ އިމާރާތުގައި ކިޔެވުން ފެށުުމަށް ސްކޫލުގެ ޕްރިންސިޕަލާއި ސްޓާފުން ތިބީ ކެތްމަދުވެފަ އެވެ. ހަމަ އެހެންމެ، އެއީ އެ ސްކޫލުގެ ދަރިވަރުންނަށް ވެސް މި އަހަރު ލިބޭނެ އެންމެ ބޮޑު އުފަލެވެ.