Roadha Mihaaru
ކުރިޔަށް އޮތް ދެ އަހަރު އިތުރު 23 ރިސޯޓު ހުޅުވަނީ

ކުރިޔަށް އޮތް ދެ އަހަރު އިތުރު 23 ރިސޯޓު ހުޅުވާނެ: ޓޫރިޒަމް

30 ޑިސެމްބަރ 2017

ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އިތުރު 23 ރިސޯޓު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އިތުރު 23 ރިސޯޓު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ އަމާޒަކީ 2013 އިން ފެށިގެން ފަސް އަހަރުގެ ތެރޭގައި އާ 50 ރިސޯޓު ހުޅުވުން ކަމަށެވެ. އެގޮތުން މިހާތަނަށް 27 އާ ރިސޯޓު ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އަދި ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު 23 ރިސޯޓު ހުޅުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަލަށް ހުޅުވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓުތައް ހިމެނެ އެވެ. އޭގެ ތެރޭގައި މާލެ އަތޮޅުގައި ތިން ރަށް ހިއްކައިގެން އަލަށް ހަދާ ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ، ކ. އެނބޫދޫފަޅުގައި ހަދާ ހާޑް ރޮކް ހޮޓެލްސް، 96 ވިލާއާ އެކު އިޓަލީގެ ޑިޒައިން ރިސޯޓެއް ކަމަށްވާ ބެގްލިއޯނި މޯލްޑިވްސް، ކ. އޮޅަހަލީގައި ހަދާ ލަކްސް ނޯތު މާލެ، ރިއު ހޮޓެލްސް، މާމުޓާގައި ހަދާ ޕުލްމަން މޯލްޑިވްސް، ނ. ކުރެދިވަރުގައި ހަދާ މޫވެން ޕިކް ރިސޯޓްސް، ކ. އަކިރިފުށީގައި ހަދާ އެޓްމޮސްފިއާ އެޓް ސަންގެލި ރިސޯޓާއި ށ. ވަގަރުގައި ހަދާ ޖޭ ޑަބްލިއު މެރިއޮޓް، ރ. މާމުނަގައުގައި ހަދާ އިންޓަކޮންޓިނެންޓަލް ރިސޯޓު ފަދަ ތަންތަން ހިމެނެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ޓޫރިޒަމް އިންޑަސްޓްރީ އައީ ކުރިއަރަމުން ކަމަށާއި އެގޮތުން އަހަރަކު އެވްރެޖްކޮށް 7.7 ޕަސެންޓް ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ފަސް އަހަރުގެ ތެރޭގައި ހުޅުވާ އާ ރިސޯޓުތަކާ އެކު އަލަށް 18،000 ވަޒީފާ އުފެދޭނެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދާދި ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ވަނީ އާ 13 ރިސޯޓު ހުޅުވައިފަ އެވެ.