Roadha Mihaaru
ފަހިވި ފުރުސަތާ އެކު ވިދާލި ދެ ކޯޗުން!

ނާސިރާއި ނިސްތާރު: ފަހިވި ފުރުސަތާ އެކު ވިދާލި ދެ ކޯޗުން!

24 ޑިސެމްބަރ 2017

ނިމުނު ސީޒަނަކީ އަހަރުތަކަށް ފަހު ދިވެހި ފުޓްބޯޅަ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައި އަހަރެކެވެ. އަންނަ ސީޒަނުގައި ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. މި ސީޒަނުގައި ގެނައި ބަދަލުން އަތޮޅުތަކުގެ ޓީމުތަކަށް އެންމެ މަތީ ފަންތީގައި ފުޓްބޯޅައިން ވާދަކުރުމުގެ ފުރުސަތު އަލުން ލިބިގެންދިޔަ އެވެ. އޭގެ ފައިދާ އެންމެ މަތީ މިންވަރަށް ނުކުރެ އެވެ. އެކަމަކު ޒުވާން ދެ ކޯޗަކަށް ފައިދާތަކެއް ކުރި އެވެ. އެއީ އއ. މާޅޮހަށް ކޯޗުކޮށްދިން އަލީ ނިސްތާރު މުހައްމަދާއި ށ. މިލަންދޫ ޓީމަށް އިރުޝާދުދިން ނިއު ރޭޑިއަންޓާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރު އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނިމުނު ސީޒަނަކީ އަހަރުތަކަށް ފަހު ދިވެހި ފުޓްބޯޅަ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައި އަހަރެކެވެ. އަންނަ ސީޒަނުގައި ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. މި ސީޒަނުގައި ގެނައި ބަދަލުން އަތޮޅުތަކުގެ ޓީމުތަކަށް އެންމެ މަތީ ފަންތީގައި ފުޓްބޯޅައިން ވާދަކުރުމުގެ ފުރުސަތު އަލުން ލިބިގެންދިޔަ އެވެ. އޭގެ ފައިދާ އެންމެ މަތީ މިންވަރަށް ނުކުރެ އެވެ. އެކަމަކު ޒުވާން ދެ ކޯޗަކަށް ފައިދާތަކެއް ކުރި އެވެ. އެއީ އއ. މާޅޮހަށް ކޯޗުކޮށްދިން އަލީ ނިސްތާރު މުހައްމަދާއި ށ. މިލަންދޫ ޓީމަށް އިރުޝާދުދިން ނިއު ރޭޑިއަންޓާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރު އެވެ.

ކާމިޔާބު ފުޓްބޯޅަ ކެރިއަރަކާ އެކު ނާސިރު ރަސްމީކޮށް ކުޅުން ހުއްޓާލިއިރު ވެސް އޭނާގެ އެއް ހުވަފެނަކީ ފުޓްބޯޅަ ތެރޭގައި އުޅުމެވެ. ކޯޗަކަށް ވުމުގެ އުއްމީދު އަބަދުވެސް ގެންގުޅުނެވެ. އެކަމަށްޓަކައި ކޯޗިން ކޯސް ފުރިހަމަކޮށް އަމިއްލަ ރަށާއި އަތޮޅު ފެންވަރުގައި ބައެއް ޓީމުތަކަށް ވަނީ ކޯޗުކޮށްދީފަ އެވެ. އެހެން ނަމަވެސް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ނާސިރުގެ ކޯޗިން ވަޒަންކޮށްލަން ކުރިން ފުރުސަތެއް ނުލިބެ އެވެ. އެ ފުރުސަތު ފަހިވެގެންދިޔައީ މިލަންދޫ ކޯޗުކަށް އޭނާއާ ހަވާލުކުރި ފަހުންނެވެ.

މި ފަހަރު ޕްރިމިއާ ލީގުގައި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ގޮވައިގެން ނާސިރު ވަނީ ޖުމްލަ ގޮތެއްގައި ކުޅުނު ގިނަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ނަން މަޝްހޫރު ގިނަ ކޯޗުން ވަނީ މިލަންދޫ ގޮވައިގެން ނާސިރު ދެއްކި ކުޅުމަށް މަރުހަބާ ކިޔައިފަ އެވެ. އޭގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޮން އަދި ވިކްޓަރީ އާއި ގދ. ތިނަދޫ ޓީމަށް މި އަހަރު ކޯޗުކޮށްދިން އަލީ ސުޒޭން ހިމެނެ އެވެ.

މިލަންދޫ އިން ލީގު ނިންމާލީ 14 މެޗުން 14 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އޮވެ އެވެ. ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނާސިރު ބުނީ ކޯޗިން އިން ކުރިއަށް ދިއުމުގެ އުއްމީދުގައި ހުއްޓާ މި ފުރުސަތު ފަހިވުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ.

"ފުރަތަމަ ޑިވިޝަނުގެ ކްލަބަކަށް ކޯޗުކޮށްދިނުމަކީ ހުވަފެނެއް. މިއަށް ވުރެ ވެސް މަތީ ލެވެލެއްގައި ކޯޗުކަންކުރުން އުއްމީދުކުރަން،" ލީގުގެ ފުރަތަމަ ބުރުގައި މާޅޮހާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނާސިރު ބުންޏެވެ.

ޕްރިމިއާ ލީގުގައި ރާއްޖޭގެ ނަން މަޝްހޫރު ކްލަބްތައް ކަމަށްވާ މާޒިޔާ އާއި ނިއުގެ އިތުރުން ޓީސީއާ ދެކޮޅަށް ގިނަ މެޗުތަކުގައި ނާސިރު ކުޅުވީ ޑިފެންސިވް ގޭމެކެވެ. މި މެޗުތަކުގައި އޭނާގެ ފަރާތުން ފެނުނީ ރަނގަޅު ރޭވުންތެރިކަމެކެވެ.

މާޅޮހުގެ ކޯޗު ނިސްތާރު (ކ) އާއި މިލަންދޫގެ ކޯޗު ނާސިރު.-- ފޮޓޯ: މިހާރު

މާޅޮހުގެ ކޯޗު ނިސްތާރު (ކ) އާއި މިލަންދޫގެ ކޯޗު ނާސިރު.-- ފޮޓޯ: މިހާރު

މާޅޮހުގެ ކޯޗު ނިސްތާރު ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ބީޖީ އާއި ވިކްޓަރީގައި މުހައްމަދު ޝާޒްލީ (ޝާޒް)ގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރިއިރު، އީގަލްސްގައި ފެނުނީ އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ކޯޗިން ސްޓާފެއްގެ ގޮތުގަ އެވެ.

މާޅޮސް ގޮވައިގެން ނިސްތާރު ފުރަތަމަ މެޗަށް ނުކުތްއިރު ފާހަގަކުރި ކަމަކީ ޓީމާ ހަވާލުވެގެން ލިބުނު ވަގުތާ ބަލާއިރު ޓީމެއް ތައްޔާރު ކުރަން އެކަށީގެންވާ ވަރަށް ދުވަސް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް މެޗަކަށް ފަހު މެޗަކުން ކުރިއަށް ގޮސް ތަޖުރިބާގެ އަލީގައި ޓީމު ރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ. ޓީމުގެ ކުރިއެރުމާ އެއްވަރަށް ނިސްތާރު ދިޔައީ ކޯޗެއްގެ ގޮތުގައި ވެސް އޭނާގެ ފެންވަރު ވަޒަންކުރަމުންނެވެ. އޭނާ ދުށީ މިއީ އެސިސްޓެންޓެއްގެ ގޮތުގައި ހުރެ ލިބުނު ތަޖުރިބާގެ ބޭނުން ހިފައި ކުރިއަށް އަޅަން ލިބުނު ފިޔަވަޅެއްގެ ގޮތުގަ އެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ހެޑް ކޯޗެއްގެ ގޮތުގައި ކުރާ ފުރަތަމަ ބޮޑު ތަޖުރިބާ މިއީ. ހަގީގަތުގައި މާޅޮހުގައި ނެތް ފުރަތަމަ ޑިވިޝަނުގައި ގިނައިން ކުޅެފައި ތިބި އެހާ ގިނަ ކުޅުންތެރިންތަކެއް. މި ކުޅުންތެރިންނަށް ބުނެދީގެން ތަޖުރިބާ ހޯދައިދީގެން ކުރިއަށް ދެވޭނީ. މިއީ އަޅުގަނޑުވެސް ޕާސަނަލީ ވަރަށް ބޭނުންވި ކަމެއް ކޯޗެއްގެ ގޮތުގައި ކުރިއަރަން،" ލީގުގެ މެޗެއްގެ ކުރިން ނިސްތާރު ބުންޏެވެ.

މާޅޮސް ލީގު ނިންމާލީ 14 މެޗުން ނުވަ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އޮވެ އެވެ. ލީގަށް އެ ޓީމުން ކަނޑައެޅި ދެ ޓާގެޓަކީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން އެންމެ މަތިން ނިންމުމާއި 10 ޕޮއިންޓް ހަމަކުރުމެވެ. މި ދެ ޓާގެޓް ފުރިހަމަ ނުވިޔަސް އެ ޓީމުން ނެރުނު ނަތީޖާތައް ޖުމްލަ ގޮތެއްގައި ގޯހެއް ނޫނެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ޓީމެއް އަތުން ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވީ މާޅޮހުންނެވެ. އެއީ ދެ ވަނަ ބުރުގައި ގްރީން ސްޓްރީޓްސް އަތުން 2-1 އިން މޮޅުވި މެޗެވެ.

ސީނިއާ ކޯޗިން ލެވެލަށް ނާސިރު އާއި ނިސްތާރަށް މި އަހަރުން ރަނގަޅު ފެށުމެއް ވަނީ ލިބިފަ އެވެ. މުސްތަގުބަލުގައި މި ދެ ކޯޗުންނަށް އިތުރު ފުރުސަތުތައް ލިބިގެންދިޔުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. އެއީ ފުރަތަމަ އަހަރުގައި މި ދެ ކޯޗުންގެ ތަޖުރިބާ އާއި ލިބުނު ވަގުތަށް ބަލާއިރު އެކަށީގެންވާ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ވާތީ އެވެ.