Roadha Mihaaru

ފޭސްބުކް ބޭނުންކުރާ 52 މީހެއްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު: ރިޕޯޓް

ފޭސްބުކް ބޭނުންކުރާ 52 މީހެއްގެ މައުލޫމާތު ހޯދަން 37 ރިކްއެސްޓެއް ދިވެހި ސަރުކާރުން ފޮނުވިކަން ހާމަވެއްޖެ އެވެ.

ފޭސްބުކް ބޭނުންކުރާ 52 މީހެއްގެ މައުލޫމާތަށް އެދުނު
އަބްދުﷲ ޖަމީލު
އަބްދުﷲ ޖަމީލު

21 ޑިސެމްބަރ 2017

ފޭސްބުކް ބޭނުންކުރާ 52 މީހެއްގެ މައުލޫމާތު ހޯދަން 37 ރިކްއެސްޓެއް ދިވެހި ސަރުކާރުން ފޮނުވިކަން ހާމަވެއްޖެ އެވެ.

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކުން މިދިޔަ ހޯމަ ދުވަހު އާއްމުކުރި ޓްރާންސްޕޭރަންސީ ރިޕޯޓެއްގައި ބުނީ، މި އަހަރުގެ ޖެނުއަރީން ޖޫން މަހާ ދެމެދު ރާއްޖެއިން ހުށަހެޅި ރިކްއެސްޓްތަކުގެ ތެރެއިން 76 ޕަސެންޓް ރިކްއެސްޓް އެއްކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ފޭސްބުކުން ދޭ އެހެން ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ވަޓްސްއެޕާއި އިންސްޓަގްރާމްގެ ރިކްއެސްޓްތައް ވެސް ހިމެނެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދިވެހި ސަރުކާރުން ވަނީ ޖިނާއީ ތަހުގީގަކަށް، އެއް ފަރާތެއްގެ މައުލޫމާތު 90 ދުވަހަށް އެއްކޮށްދިނުމަށް އެދިފަ އެވެ. އަދި އެ ފަރާތުގެ މައުލޫމާތު އެއްކޮށްދީފައިވާ ކަމަށް ފޭސްބުކްގެ ރިޕޯޓުގައި ވެ އެވެ. އަދި ޝަރުއީ މަރުހަލާގައިވާ 49 މީހެއްގެ މައުލޫމާތު ހޯދަން 36 ރިކްއެސްޓް ފޮނުވިއިރު، ތިން މީހެއްގެ މައުލޫމާތު އިމަޖެންސީކޮށް ހޯދަން އެއް ރިކްއެސްޓް ފޮނުވާފައިވާ ކަމަށް ވެސް ފޭސްބުކުން ބުނެ އެވެ.

ފޭސްބުކުން އާއްމުކޮށް ހޯދަން ސަރުކާރުތަކުން އެދެނީ ޖިނާއީ ކުށްތައްކުރާ ފަރާތްތަކާ ބެހޭ މައުލޫމާތެވެ. އެގޮތުން ފޭރުމާއި ރަހީނުކުރުން ފަދަ މައުލޫމާތު ހޯދަން އެދޭ ނަމަ ގާނޫނީ ގޮތުން ބާރުލިބިދޭ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި އެފަދަ މައުލޫމާތު ހޯދަން އެދުމުން އެކަމަށް އިޖާބަދޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ފޭސްބުކްގެ ރިޕޯޓުގައި ވަނީ އާއްމުކޮށް ސަރުކާރުތަކުން އެދެނީ އެކައުންޓް ބޭނުންކުރާ ފަރާތްތަކުގެ ނަމާއި ހިދުމަތް ބޭނުންކުރި މުއްދަތުގެ މައުލޫމާތު ހޯދަމަށް ކަމަށެވެ. އަދި އެ ފަދަ މައުލޫމާތެއް ހޯދަން އެދޭ ކޮންމެ ރިކްއެސްޓަކީ ގާނޫނީ ގޮތުން ސައްހަ މައުލޫމާތުތަކެއްތޯ ބަލާ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން އެކި ގައުމުތަކުން ފޭސްބުކް އެކައުންޓްތައް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދަން އެދޭ މިންވަރު 21 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ފޭސްބުކްގެ ރިޕޯޓުގައި ބުނެފައި ވަނީ އެންމެ ގިނަ އެކައުންޓްތަކުގެ މައުލޫމާތު ހޯދަން އެދި ހުށަހަޅާފައި ވަނީ އެމެރިކާއިން ކަމަށެވެ. އެގޮތުން 52،280 މީހެއްގެ މައުލޫމާތު ހޯދަން 32،716 ރިކްއެސްޓް އެމެރިކާއިން ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އިންޑިއާއިންނެވެ. އޭގެ އިތުރުން ތިންވަނަ އަށް އެންމެ ގިނައިން ރިކްއެސްޓް ފޮނުވާފައި ވަނީ އިނގިރޭސި ވިލާތުންނެވެ.