20 ޑިސެމްބަރ 2017
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ލީގު ކަމަށްވާ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު ތަމްރީން ހަދައި ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިޔާ ހަސަން އިބްރާހިމް އޭނާގެ އުއްމީދުތަކަށް ވާސިލްވުމަށް، ކުރިއަށް ބޮޑު ފިޔަވަޅެއް އަޅައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ލީގު ކަމަށްވާ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު ތަމްރީން ހަދައި ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިޔާ ހަސަން އިބްރާހިމް އޭނާގެ އުއްމީދުތަކަށް ވާސިލްވުމަށް، ކުރިއަށް ބޮޑު ފިޔަވަޅެއް އަޅައިފި އެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް މި ވަގުތު ކުޅެމުން އަންނަ ހަސަނަށް މި ފުރުސަތާއި އަދި ރެނެގޭޑްސްއާ އެކު ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިދިނީ އޭނާގެ ޕާސަނަލް ކޯޗު އޮސްޓްރޭލިއާގެ ޑީން ވުޑްފޯޑެވެ.
ކްރިކެޓުގެ އެންމެ މަތީ ފަންތީގެ ކްލަބަކާ އެކު ޓްރެއިނިން ހެދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ހަސަން ބުނީ ޓީވީން އަބަދު ފެންނަ ކުޅުންތެރިންނާ އެކު ޕްރެކްޓިސްކޮށްލެމުން ކުރެވުނީ ވަރަށް އުފާވެރި އިހުސާސެއް ކަމަށާއި އެންމެ ސެޝަނަކުން ވެސް ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ ކަމަށެވެ.
"އެ ކުޅުންތެރިން ތައްޔާރުވާ ގޮތާއި އުޅޭގޮތާއި މި ފަދަ ވަރަށް ގިނަ ކަންތައްތަކެއް މިހާރު ވެސް ދަސްވެއްޖެ. އެހާ ޕްރޮފެޝަނަލް ޓީމަކާ އެކު އުޅެލުމުން ޓެކްނިކަލް ބައިގެ އިތުރުން ކުޅިވަރުގެ ވަރަށް ގިނަ އެހެން ކަންތައްތައް ވެސް ދަސްވާނެ،" ހަސަން ބުންޏެވެ.
އޮސްޓްރޭލިއާގެ ވަންޑޭ ޓީމުގެ އޯޕަނިން ބެޓްސްމަން އާރޮން ފިންޗް ފަދަ ބައިނަލްއަގްވާމީ ތަރިން ހިމެނޭ ރެނެގޭޑްސްގެ ކުޅުންތެރިން ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ. އެ ކުޅުންތެރިންނަށް ރާއްޖެ އެނގެ އެވެ. އެކަމަކު ކުޑަކުޑަ ގައުމެއްގެ ކުޅުންތެރިޔަކު ކްރިކެޓް ކުޅެން އައުމުން ލިބުނީ ހައިރާންކަމެކެވެ.
"ހުރިހާ ކުޅުންތެރިން ވެސް ވަރަށް ވެލްކަމިން. ކާލްޓަން އަށް ކުޅެމުން އަޔަސް އަދި ވެސް އިތުރު ސެޝަންތައް ކުރިއަށްގެންދާނަން ރެނެގޭޑްސްއާ އެކު،" އޮސްޓްރޭލިއާ ގައުމީ ޓީމަށް ޓެސްޓް މެޗުކުޅެފައިވާ އެންޑްރޫ މެކްޑޮނަލްޑް ކޯޗުކޮށްދޭ ރެނެގޭޑްސްއާ ބެހޭގޮތުން ހަސަން ބުންޏެވެ.
ހަސަން މި ވަގުތު ކާލްޓަންއާ އެކު ގަވާއިދުން ޕްރެކްޓިސްކުރަމުން އަންނައިރު އޭނާ ވަނީ އެ ޓީމަށް 50 އޯވަރުގެ މެޗެއް ކުޅެދީ އަދި ޓޫޑޭ މެޗެއްގެ ފުރަތަމަ އިނިންގްސްގައި ކުޅެފަ އެވެ. ފުރަތަމަ މެޗުން ކާލްޓަން މޮޅުވީ ހަސަން ނެގި ވިކެޓަކުންނެވެ. އެ ޓީމުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ތިބޭތީ އޯޕަނިން އިން ފުރުސަތު ނުލިބުނަސް، ހަސަން ވަނީ ލިބުނު ފުރުސަތުގައި އޭނާގެ ފެންވަރު ދައްކާލައިފަ އެވެ.
"ވަރަށް ރަނގަޅަށް ފެށުން ދިޔައީ،" ނިއު ރޭޑިއަންޓަށް ކުރިން ފުޓްބޯޅަ ކުޅުނު އިބްރާހިމް ރަޝީދު (ލޯންގޭ) ގެ ދަރިފުޅު ބުންޏެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ ބާރު އުކުންތެރިޔާގެ އުއްމީދަކީ ދުނިޔޭގެ ބޮޑު ފްރަންޗައިސް ކްރިކެޓް ލީގެއްގައި ކުޅެލުމެވެ. އިންޑިއަން ޕްރިމިއާ ލީގު ނޫނީ އޮސްޓްރޭލިއާގެ ބިގް ބޭޝް ލީގުގެ ޓީމަކަށް އެރުމަކީ އޭނާ ދެކޭ ހުވަފެނެވެ.
ރާއްޖޭން ބޭރުގެ ޓީމަކަށް ކުޅުނު ދިވެހި ފުރަތަމަ ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމަށް މި އަހަރު ކުޅުނު ހަސަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އޭނާގެ ޕާސަން ކޯޗު ޑީން އެވެ.
"އޭނާ ފެންނަނީ ވަރަށް ބޮޑަށް ކުރިއަރަން ބޭނުންވާ ކުޅުންތެރިއެއްގެ ގޮތުގައި. ހަގީގަތުގައި އަހަރެން އެ ފުރުސަތެއް ހޯދައިނުވެސް ދޭނަން އެ ކުޅުންތެރިއެއްގެ އަޒުމެއް ނެތިއްޔާ. އޭނާގެ ކިބައިގައި އަމާޒެއް އެބައޮތް އަޒުމެއް އެބައޮތް. އެހެންވެ މި ފުރުސަތު ހޯދައިދެނީ،" ބަންގްލަދޭޝް، ޒިމްބާބްވޭ އަދި އަފްގާނިސްތާން ގައުމީ ޓީމާއި ޕާކިސްތާނާއި އޮސްޓްރޭލިއާ ކްރިކެޓް ލީގުގެ ކްލަބްތަކާ އެކު މަސައްކަތްކޮށްފައިވާ ޑީން ބުންޏެވެ.
ކްރިކެޓް ބޯޑުން 2000 ވަނަ އަހަރު ފެށި "2000 ކްރިކެޓް އެންޑް ބިޔޯންޑް" ޕްރޮގްރާމުގެ ތެރެއިން މި ކުޅިވަރުގެ ތެރެއަށް ވަދެ އުމުރުން 15 އަހަރުގައި 2006 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި ހަސަން ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2010 އަދި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ކްރިކެޓް ޓީމުގެ މެމްބަރެކެވެ.
"އެ ކާމިޔާބީތަކާ މެދު ފަހުރުވެރިވޭ. މިހާރު މި އުއްމީދުކުރަނީ އަނެއްކާ ވެސް ރާއްޖެ އަށް ފަހުރުވެރި ނަމެއް ހޯދައިދެވޭތޯ. ކިތަންމެ ކުޑަ ގައުމެއް ވިޔަސް ކުރިއަށްދެވިދާނެކަން ސާބިތުކޮށްދޭން ބޭނުންވަނީ،" ކުޅިވަރުގެ ރޮނގުން އޮސްޓްރޭލިއާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ ހަސަން ބުންޏެވެ.
ހަސަން އަށް އޮސްޓްރޭލިއާގައި ބޮޑު ކުރިއެރުމެއް
އޮސްޓްރޭލިއާ ކްރިކެޓް ޓީމުގެ ޓްރެއިނިންގައި ހަސަން
ކްރިކެޓް ތަރި ހަސަން އޮސްޓްރޭލިއާގެ ކްލަބަކަށް ކުޅެނީ
މެލޭޝިއާ ޓީމަކަށް ކުޅުމުގެ ފުރުސަތު ހަސަނަށް ލިބިއްޖެ
ކްރިކެޓް ތަރި އޮސްޓްރޭލިއާ އަށް ދިއުމަށް ފަންޑް ހޯދަނީ
ހަސަންގެ އޮސްޓްރޭލިއާ ތަޖުރިބާ: "އިތުބާރު ލިބިއްޖެ!"
ކުޑަ ގައުމެއް، ބޮޑު އުއްމީދެއް: ހަސަން، ހިތްވަރުކޮށްލާ!
އަޒްޔާން: މިލާންގެ ތިންވަނަ ޖީލުގެ ޒުވާން ތަރި
އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން
ވިއްސާރަވެ މެޗު ނުކުޅެވުނު، ތައިލެންޑަށް ތަށި