Roadha Mihaaru
ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ބަލައިގަނޭ:ތުރުކީ

ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް އުރްދުޣާން ގޮވާލައްވައިފި

13 ޑިސެމްބަރ 2017

ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައި ގަބޫލު ކުރުމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން މިއަދު ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައްވައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައި ގަބޫލު ކުރުމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން މިއަދު ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައްވައިފި އެވެ.

އުރްދުޣާން މި މޭރުމުން ދުނިޔެ އަށް ގޮވައިލެއްވީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް، މި މަހުގެ 6 ވަނަ ދުވަހު އެމެރިކާ އިން އިއުތިރާފްވުމާ ގުޅިގެން، ތުރުކީގައި މިއަދު ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ ވެރިންގެ ބައްދަލުވުން ފައްޓަވައިދެއްވަމުންނެވެ.

އިސްލާމީ ގައުމުތަކުގެ ވެރިން މި މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް ތުރުކީ ވިލާތަށް ވަޑައިގަތީ، އޯއައިސީގެ މި ދައުރުގެ ރިއާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރައީސް އުރުދުޣާން ދައުވަތު ދެއްވުމުންނެވެ.

އުރްދުޣާން ވިދާޅުވީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާ އިން އިއުތިރާފްވި އިއުތިރާފްވުމަކީ އޭގެ ޒާތުގައި ވެސް ބާތިލު އަދި އަސާސެއް ނެތް ނިންމުމެއް ކަމަށެވެ. އަދި އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން މިއަދުގެ ބައްދަލުވުމުގައި ވެސް އުރްދުޣާން ތަކުރާރު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގުދުސާ މެދު އެމެރިކާ އިން ނިންމި ނިންމުމަކީ އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޓެރަރިސްޓު ހަރަކާތްތަކަށް ހިތްވަރު ދިނުމަށް ދިން ހަދިޔާއެއް ކަމަށެވެ. އަދި ގުދުސްއަކީ މުސްލިމުންގެ ރަތް ރޮނގު ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ

ތުރުކީން ބުނީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާ އިން ގަބޫލު ކުރުމަކީ، ނިވުމެއް ނެތް އަލިފާންގަނޑެއްގެ ތެރެއަށް ދުނިޔެ ވައްޓާލުމެވެ. އަދި މި ނުރައްކަލުން ސަލާމަތް ވުމަށްޓަކައި، ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ގަބޫލުކުރުމަށް އިސްލާމީ ގައުމުތަކުން ބައިނަލްއަގުވާމީ މުޖްތަމައަށް ބާރުއަޅަންޖެހޭ ކަމަށެވެ.

ތުރުކީ ވިލާތުގެ އިސްތަންބޫލްގައި އިއްޔެ ބޭއްވި، އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ތުރުކީ ވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސްއޯގްލޫ (މ) ރިއާސަތު ބަލަހައްޓަވަނީ.

ތުރުކީ ވިލާތުގެ އިސްތަންބޫލްގައި އިއްޔެ ބޭއްވި، އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ތުރުކީ ވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސްއޯގްލޫ (މ) ރިއާސަތު ބަލަހައްޓަވަނީ.

"އެންމެ ފުރަތަމަ ކަމަކަށް، ފަލަސްތީނުގެ ދައުލަތް، ދުނިޔޭގެ ހުރިހާ ގައުމުތަކުން ބަލައިގަންނަންޖެހޭ. އެ ކަމަށްޓަކައި އަހަރެމެން އެންމެން ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަދި ފަލަސްތީނަކީ 1967 ވަނަ އަހަރުގެ ސަރަހައްދީ އިމާ އެއްގޮތަށް އޮތް ދައުލަތެއް ކަމަށާއި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމުގައި ބަލައިގަތުމަށް، އެހެން ގައުމުތަކަށް އަހަރެމެން ހިތްވަރު ދޭން އެބަޖެހޭ،" އިސްލާމީ 50 ގައުމެއްގެ ބައެއް ވެރިންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ސަމިޓްގައި ވާހަކަ ދައްކަވަމުނ ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސްއޯގްލޫ މިއަދު ވިދާޅުވި އެވެ.

ކަވުސްއޯގްލޫ ވިދާޅުވީ ގުދުސާ މެދު އެމެރިކާ އިން އެ ގޮތަށް ކަންތައް ކުރި ކަމުގައި ވިޔަސް، އެމެރިކާ އާއި އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ތުރުކީން ގޮވައިނުލާނެ ކަމަށާއި އޭގެ ބަދަލުގައި ތުރުކީން ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލަނީ، ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރުމަށާއި އެމެރިކާގެ ނިންމުން ބަލައިނުގަނެ ދެކޮޅު ހެދުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި، މި ސަމިޓްގައި ކަނޑައަޅާނެ އެވެ. އަދި 1967 ވަނަ އަހަރު އިޒްރޭލުން ހިފާފައިވާ އަރަބީންގެ ބިންތަކުން ވަގުތުން ފޭބުމަށް ވެސް މި ސަމިޓްގައި އިޒްރޭލަށް ގޮވައިލާނެ އެވެ.

އިސްތަންބޯލްގައި ކުރިއަށްދާ މި ސަމިޓްގައި ބައިވެރިވާ އިސްލާމީ ލީޑަރުންގެ ތެރޭގައި، އުރްދުންގެ އަބްދުﷲ ރަސްގެފާނާއި ތުރުކީގެ ރައީސް އުރްދުޣާނާއި އީރާންގެ ރައީސް ހަސަން ރޫހާނީ އާއި ސޫދާންގެ ރައީސް ހަސަނުލް ބަޝީރާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ކުވައިތުގެ އަމީރު ސަބާހުލް އަހްމަދު އަލްޖާބިރު އައްސަބާހް އާއި އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލީޔޭވް އާއި ބަނގްލަދޭޝްގެ ރައީސް އަބްދުލް ހަމީދާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚައްގާން އައްބާސީ ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން 23 ގައުމެއްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ގުދުސަކީ މުސްލިމުންގެ އިތުރުން ކްރިސްޓިއަނުންނާއި ޔަހޫދީންގެ ވެސް ދީނީ މުގައްދަސް ރަށެކެވެ. އިޒްރޭލު ސިފައިން ގުދުސް ހިފީ 1967 ވަނަ އަހަރު އަރަބީންނާ ދެކޮޅަށް ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އޭގެ ފަހުން އިޒްރޭލުން ބުނަމުން އަންނަނީ ގުދުސަކީ އިޒްރޭލުގެ ބިމެއް ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން ވަނީ އެ ނިންމުމާ ދެކޮޅު ހަދައިފަ އެވެ.