Roadha Mihaaru
ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ހޯދަައިފި

ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ހޯދަައިފި

12 ޑިސެމްބަރ 2017

އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް 3-1 ސެޓުން ބަލިކޮށް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން މިރޭ ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް 3-1 ސެޓުން ބަލިކޮށް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން މިރޭ ހޯދައިފި އެވެ.

އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ ވެސް މޯލްޑިވިއަނުންނެވެ. މިރޭގެ މެޗުގެ ސެޓުތައް ދިޔައީ 25-22، 21-25، 25-22 އަދި 25-23 އިންނެވެ.

މިރޭގެ މެޗަށް ނުކުތްއިރު ލީގު ކަށަވަރުކުރަން މޯލްޑިވިއަން އަށް ބޭނުންވަނީ ޕޮއިންޓެކެވެ. ތަށި ދިފާއުކުރަން ސިފައިންނަށް އޮތް ފުރުސަތަކީ ފަސް ސެޓަށް ނުގޮސް މެޗުން މޮޅުވުމެވެ. އެހެން ނަމަވެސް މޯލްޑިވިއަން ވަނީ ސިފައިންގެ މައްޗަށް ކުރިހޯދައި، 100 ޕަސެންޓް ރެކޯޑަކާ އެކު ލީގު ހޯދައިފަ އެވެ.

މޯލްޑިވިއަން އަށް ވަނީ ޖުމްލަ 20 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނަ އަށް ދިޔަ ސިފައިންނަށް ލިބުނީ 15 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސީލައިފް ސްޕޯޓްސް ކްލަބަށް އަށް ޕޮއިންޓް ލިބިފައި އޮތްއިރު، ހަތަރެއްގައި އޮތް ޕޮލިހަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭގެ މެޗުގައި ވެސް ދެ ޓީމުގައި ވެސް ތަފާތު ދެއްކީ ޕާކިސްތާނު ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިންނެވެ. މި ގޮތުން އެހެން މެޗުތަކެކޭ އެއްގޮތަށް މޯލްޑިވިއަންގެ މުރާދު ޖީހާން އާއި އައިމަލް ހާން ވަނީ މޮޅަށް ކުޅެފަ އެވެ. ސިފައިން މެޗުތެރޭގައި ހިފަހައްޓަން އެ ޓީމުގެ ޕާކިސްތާނު ދެ ކުޅުންތެރިން ކަމަށްވާ މުނީރު ހާން އާއި މުހައްމަދު އިދުރީސް ވެސް ވަނީ ރަނގަޅަށް ކުޅެފަ އެވެ.

ދެ ޓީމުން ވެސް މެޗު ފެށީ އެހެން މެޗުތަކުގައި ބޭނުންކުރި ފުރަތަމަ ހަ ކުޅުންތެރިންނަށް ބަދަލެއް ނުގެނެސް އެވެ. މުނީރާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ ރަނގަޅު ޝޮޓްތަކާ އެކު ސިފައިން ރަނގަޅަށް ފެށި އެވެ. އެހެން ނަމަވެސް މުރާދު އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ރަނގަޅު ކުޅުމަކަށް ފަހު މޯލްޑިވިއަނުން އެ ޓީމު ކޮޅަށް ސެެޓު އަނބުރާލި އެވެ. މި ސެޓުގެ އެންމެ މުހިއްމު ވަގުތުގައި މޯލްޑިވިއަންގެ އާދަމް ފައިރޫޒްގެ ސާވިސްތަކުން މޯލްޑިވިއަން އަށް މުހިއްމު ޕޮއިންޓްތަކެއް ލިބުނެވެ. އެ ޓީމުން މި ސެޓު ގެންދިޔައީ 25-22 އިންނެވެ.

ކުޑަކާއްޓޭ (ކ) ފޮނުވާލާ ޝޮޓް ބްލޮކްކުރަން ލޯންގޭ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަކާއްޓޭ (ކ) ފޮނުވާލާ ޝޮޓް ބްލޮކްކުރަން ލޯންގޭ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ސެޓަށް ސިފައިން ނުކުތީ ވަރަށް ވިސްނައިގެންނެވެ. ސިފައިން ހަމަޖެހިލައިގެން މި ސެޓު ކުޅެން މަސައްކަތްކުރިއިރު، މޯލްޑިވިއަންގެ ފަރާތުން ގިނަ ގޯސްތަކެއް މި ސެޓުގައި ފެނުނެވެ. އޭގެ ނަތީޖާ އަކަށްވީ ސިފައިން އޭގެ ފައިދާ ނަގައި ސެޓު ގެންދިޔުމެވެ. ސިފައިން މި ސެޓު ގެންދިޔައީ 21-25 އިންނެވެ.

ސިފައިންނަށް ދެ ވަނަ ސެޓު ލިބުމުން އެ ޓީމު ތިން ވަނަ ސެޓުގައި ރަނގަޅު ކުރާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ފެނުނީ މޯލްޑިވިއަނުން ވަރުގަދަކޮށް ފެށިތަނެވެ. އައިމަލް އާއި ކުޑަކާއްޓޭގެ މޮޅު ކުޅުމާ އެކު ސެޓުގެ ކުރީކޮޅުގައި މޯލްޑިވިއަނުން ހަތް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. މުނީރާއި ލޯންގޭ އަދި އާދަމް ނަސީމްގެ ރަނގަޅު ކުޅުމާ އެކު ސިފައިން ވަނީ ޕޮއިންޓުގެ ފަރަގު ކުޑަކޮށްފަ އެވެ. އެހެން ނަމަވެސް މުހިއްމު ވަގުތުގައި ޕޮއިންޓް ގެއްލުމުން ސިފައިންނަށް މި ސެޓު ގެއްލުނެވެ. މޯލްޑިވިއަން އިން މި ސެޓު ގެންދިޔައީ 25-22 އިންނެވެ.

މޯލްޑިވިއަން އަށް ދެ ސެޓު ލިބުމާ އެކު އެ ޓީމަށް ލީގު ޔަގީންވި އެވެ. އަދި ހަަތަރު ވަނަ ސެޓަށް ނުކުތްއިރު އެކަމުގެ ސަބަބުން މެޗުގެ ޕްރެޝަރު ދެ ޓީމުން ކެނޑުނެވެ. އަދި މި ސެޓުގައި ދާދި ހަމަހަމަކޮށް ދެ ޓީމުން ކުޅުން ފެށި އެވެ. މި ސެޓުގައި ލޯންގޭ ވަނީ ގިނަ ޕޮއިންޓްތަކެއް އެ ޓީމަށް ހޯދައިދީފަ އެވެ. އެހެން ނަމަވެސް ފަހު ވަގުތު ސިފައިންނަށް މޯލްޑިވިއަން އިން ފޮނުވާލި ޝޮޓްތައް ޑިފެންސްނުކުރެވުނެވެ. ނަތީީޖާ އަކަށްވީ މި ސެޓު މޯލްޑިވިއަން އިން 25-23 އިން ގެންގޮސް މެޗު ކާމިޔާބު ކުރުމެވެ.

ސިފައިންގެ ކޯޗު އަދި މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ހޯދި މުމްތާޒް އަލީ ބުނީ މެޗަށް ނުކުތްއިރު ވެސް އޮތީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގައި ކަަމަށްވުމުން އޭގެ އަސަރު ޓީމުން ފެނުނު ކަމަށެވެ.

"މެޗަށް އައިއިރު ވެސް މޯލްޑިވިއަން ދެ ޕޮއިންޓް ކުރީގައި އޮތީ. ދެން އޭގެ ޕްރެޝަރު ވަރަށް ބޮޑަށް ފެނުނު ހަގީގަތުގައި. ދެން އަޅުގަނޑުމެންގެ ބެންޗުން ވެސް އަރާނެ ރަނގަޅު ކުޅުންތެރިންނެއް ނެތް. ވަރަށް ޖޫނިއާ ކުޅުންތެރިން ތިބީ. އެއީ ވެސް އުނދަގުލެއް ކުރިމަތިވި،" މުމްތާޒް ބުންޏެވެ.

އޭނާ ބުނީ މޯލްޑިވިއަން އަށް އެހާ ފަސޭހަކޮށް ލީގު ހޯދުނީ ސީލައިފް ކަހަލަ ވަރުގަދަކޮށް އޮތް ޓީމަކަށް ވެސް މޯލްޑިވިއަން އަށް ޗެލެންޖެއް ނުދެވިގެން ކަމަށެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި މިސްކިތްމަގުގެ ކެޕްޓަން ޖޫޒަން (ކ)އާ ޖެންޑަ މިނިސްޓަރު ޒެނީޝާ ލީގުގެ އައްޑަނަ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި މިސްކިތްމަގުގެ ކެޕްޓަން ޖޫޒަން (ކ)އާ ޖެންޑަ މިނިސްޓަރު ޒެނީޝާ ލީގުގެ އައްޑަނަ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވިއަންގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) ބުނީ މި މެޗުގައި މޯލްޑިވިއަންގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެންނަ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވި ކުޅުމެއް ނުފެނޭ. އެކަމަކު މޮޅުވެގެން ލީގު ލިބުމުން އެ ހިތްހަމަ ޖެހުން އެބައޮތް. ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި،" ސަޑިއްކެ ބުންޏެވެ.

ފިރިހެން ޑްރީމް ޓީމުގައި ހިމެނެނީ ސީލައިފްގެ އަލީ ހުޒާމް، މޯލްޑިވިއަންގެ ކުޑަކާއްޓޭ، ފައިރޫޒް، ހުސެއިން ވިޝާމް (ބުޅިކެ)ގެ އިތުރުން ސިފައިންގޭގެ ލޯންގޭ، އަނިލް ނަސީރުގެ އިތުރުން ޒުވާން ލިބަރޯ މުހައްމަދު މިމްރާހު ހުސެއިން އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ މާޒިޔާގެ ހުސެއިން ރައްޒާން އެވެ. ފެއާ ޕްލޭ ޓީމަަކަށް މޯލްޑިވިއަން ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ މުރާދު އެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދިއިރު، ޑްރީމް ޓީމުގައި އެ ޓީމުގެ އައިމިނަތު އަރީޝާ، ހައްވާ ސަހާ، މަރިޔަމް އަޒީފާ، ފާތިމަތު ޖޫޒާން ޒަރީރު އަދި ސިލްމާ ޒާހިރު ހިމެނެ އެވެ. އޭގެ އިތުރުން ޕޮލިހުގެ ހައްވާ ރާޝިދާ އަދި މޯލްޑިވިއަންގެ އައިޝަތު މާޖިދާ ހިމެނެ އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކީ އެ ޓީމުގެ އައިމިނަތު ރިޔާޝާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މިސްކިތްމަގުގެ ނިރްމަލާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އިސްމާއިލް ރިފާއު (ޗިޗޫ) އެވެ. ފެއާ ޕްލޭ ޓީމަކީ ޕޮލިހެވެ.

ގައުމީ ލީގަށް ފަހު މާދަމާ ފަށާނީ ގައުމީ މުބާރާތުގެ މެޗުތަކެވެ.