Roadha Mihaaru
އެއްފަހަރާ ކޯޓަށް ގެންދިއުން ގާނޫނު ތަނެއް ނުދޭ:ސުއޫދު

12 މެމްބަރުން އެއްފަހަރާ ކޯޓަށް ހާޒިރު ކުރުމަކީ ގާނޫނު ތަނެއް ދޭ ކަމެއް ނޫން: ސުއޫދު

29 ނޮވެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު އެއްފަހަރާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަކީ، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު އެއްފަހަރާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަކީ، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނެތީސް، މަޖިލީހުގެ އިދާރާ އަށް މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުންތަކެއް ވަން މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން، ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހަށް ވަދެވަޑައިގަންނަވަން މެމްބަރުންނަށް އިމްތިޔާޒުތަކެއް ލިބޭއިރު، އެ ތަނުގެ ގޯތިތެރެ އަށް ވަދެގެން މެމްބަރުން ކުށްވެރިއެއް ނުވާނެ ކަމަށެވެ. އެހެންވެ އިމްތިޔާޒުން ލިބޭ ހައްގުގެ ބޭނުން ހިފުމަކީ ކުށެއް ނޫން ކަމަށް ވިދާޅުވި އެވެ.

ގާނޫނީ ވަކީލް ސުއޫދު ފާހަގަކުރެއްވި ގޮތުގައި މެމްބަރުންގެ އިމްތިޔާޒަކީ ގާނޫނުއަސާސީން ވެސް ބަލައިގަންނަ ކަމެކެވެ. އެހެންވެ މެމްބަރުން ހައްޔަރުކުރުމަކީ އެ އިމްތިޔާޒާ ކުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ މެމްބަރުންނަށް އިމްތިޔާޒުތަކެއް އެބަ ލިބޭ އެ ތަނަށް ވަންނަން. ގާނޫނުއަސާސިން ވެސް އެބަ ރިކޮގްނައިޒްކުރޭ މެމްބަރުންގެ އިމްތިޔާޒު. އެހެންވެ އެ މެމްބަރުން ހައްޔަރު ކުރުމަކީ އިމްތިޔާޒާ ކުޅުން. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވެސް އޮވޭ މެމްބަރުންގެ އިމްތިޔާޒު،" ސުއޫދު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި އެ އިމްތިޔާޒުގެ ތެރޭގައިި ލިބޭ ހައްގެއް ބޭނުން ކުރުން އެއީ ކުށަކަށް ވެގެން ނުވާނެ."

މިދިޔަ ޖުލައި 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ދައުވާކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްގެ މައްޗަށެވެ. މީގެ އިތުރުން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.

އެ މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުންތައް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މިއަދު ވެސް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.