Roadha Mihaaru
ޔުވެންޓަސް އަކީ ބާސެލޯނާ ލެވެލްގެ ޓީމެއް: ވަލްވޭޑޭ

ޔުވެންޓަސް އަކީ ބާސެލޯނާ ލެވެލްގެ ޓީމެއް: ވަލްވޭޑޭ

22 ނޮވެމްބަރ 2017

ޓިއުރިން، ޔުވެންޓަސް (ނޮވެމްބަރު 22) - އިޓަލީ ފުޓްބޯޅަ އަށް ބަލާއިރު ޔުވެންޓަސް އަކީ ބާސެލޯނާ ފެންވަރުގެ ޓީމެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ ސްޕެއިނުގެ ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

ޓިއުރިން، ޔުވެންޓަސް (ނޮވެމްބަރު 22) - އިޓަލީ ފުޓްބޯޅަ އަށް ބަލާއިރު ޔުވެންޓަސް އަކީ ބާސެލޯނާ ފެންވަރުގެ ޓީމެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ ސްޕެއިނުގެ ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

މިރޭ ރަށުން ބޭރުގައި ޔުވެންޓަސްއާ ދެކޮޅަށް މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ އެ ޓީމަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ. ބާސެލޯނާ މި ވަގުތު ގްރޫޕްގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ސްޕޯޓިން އަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް އޮލިމްޕިއާކޯސް އަށް ހަތަރު މެޗުން ލިބުނީ އެއް ޕޮއިންޓެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ވަލްވޭޑޭ ވަނީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް ދަނޑުގައި ބާސެލޯނާ 3-0 އިން ބަލިވި މެޗު އެތަކެއް ފަހަރު ބަލާފައިވާ ކަމަށް ބުނެފަ އެވެ.

"މިދިޔަ ސީޒަނުގެ ފުރަތަމަ ލެގުގެ މެޗު އަހަރެން ވަރަށް ބަލައިފިން. އެއީ ނޮކައުޓް މެޗަކަށް ވުމުން މި މެޗާ ވަރަށް ތަފާތުވާނެ. އެކަމަކު ގަބޫލުކުރަން ޖެހޭ. އިޓަލީ އަށް ބަލާނަމަ ބާސެލޯނާ ފެންވަރުގެ ޓީމެއް ޔުވެންޓަސް އަކީ،" ވަލްވޭޑޭ ބުންޏެވެ.

ވަލްވޭޑޭގެ ކޯޗުކަމުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ޔުވެންޓަސް ބަލިކޮށްފަ އެވެ. އަދި މި ހަފްތާ ބަންދުގައި އިޓާލިއަން ސެރިއާގައި ކުޅުނު މެޗުން ސަމްޕްޑޯރިއާ އަތުން ވަނީ 3-2 އިން ބަލިވެފަ އެވެ. ވަލްވޭޑޭ ބުނީ މި ހާލަތުގައި ޔުވެންޓަސް އިން ނުކުންނާނީ ވަރަށް ބޮޑަށް މޮޅަކަށް ބޭނުން ވެގެން ކަމަށެވެ.

"ބޮޑު ޓީމެއް މެޗަކުން ބަލިވެއްޖެނަމަ އެ މީހުން ބޭނުންވާނެ ވީ އެންމެ އަވަހަކަށް ކުރީގެ ފޯމަށް އަންނަން. އެހެން ވަމުން އަހަރެން ވިސްނާނީ ވަރަށް ވަރުގަދަ ޔުވެންޓަސް އެއް ފެންނާނެ ކަމަށް،" ވަލްވޭޑޭ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ޔުވެންޓަސްގައި މާ ބޮޑު މައްސަލަތަކެއް ނެތް ކަމަށާއި އަދިވެސް ކުޅުންތެރިން އޮތީ ވަރަށް އެއްބައިވަންތަކަމާ އެކު ކަމަށެވެ.

ޔުވެންޓަސް އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.