Roadha Mihaaru
ހައްލު ނުލިބުމަކީ އިދިކޮޅު ފަރާތްތަކަށް އީދު ހަދިޔާއެއް

ޕީޕީއެމްގެ މައްސަލަތައް ހައްލު ނުވެއްޖެ ނަމަ އެއީ އިދިކޮޅު ފަރާތްތަކަށް ދެވޭ އީދު ހަދިޔާއެއް: ރައީސް

05 ޖުލައި 2016

ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް، މަޝްވަރާކޮށްގެން ހައްލު ހޯދަން ޖެހޭ ކަމަށާއި އެކަން ނުވެއްޖެ ނަމަ އެއީ އިދިކޮޅު ފަރާތްތަކަށް ދެވޭ "އީދު ހަދިޔާއެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް، މަޝްވަރާކޮށްގެން ހައްލު ހޯދަން ޖެހޭ ކަމަށާއި އެކަން ނުވެއްޖެ ނަމަ އެއީ އިދިކޮޅު ފަރާތްތަކަށް ދެވޭ "އީދު ހަދިޔާއެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"މި ހަދިޔާ ދޭކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ އެއްވެސް މީހަކު މި ހަދިޔާ ދޭކަށް ބޭނުމެއް ނުވާނެ،" ރާއްޖޭގެ ރައްޔިތުންނަށް އީދު ތަހުނިޔާ ފޮނުއްވި މެސެޖުގައި، ޕީޕީއެމްގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިކަންކުރާ ޕާޓީގެ ތެރޭގައި ހިތްނުތަނަވަސްވެރިވާ މައްސަލަތަކެއް އުޅެގެން ނުވާނެ ކަމަށެވެ. ޕާޓީ ތެރޭގައި މައްސަލަތައް އުފެދެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، މައްސަލަތައް އުފައްދަން ޖާގަ ނުދޭން ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"ޕީޕީއެމްގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ވަންޏާ އަޅުގަނޑުގެ އިލްތިމާސަކީ މައްސަލަތައް ހައްލުކުރެވޭނެ ގޮތްގޮތް ހުންނާނެއޭ،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް ޖަލްސާއެއްގައި އެ ޕާޓީގެ އިސް ބޭފުޅުންނާއި އާއްމު މެމްބަރުން ބައިވެރިވަނީ. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމް ޖަލްސާއެއްގައި އެ ޕާޓީގެ އިސް ބޭފުޅުންނާއި އާއްމު މެމްބަރުން ބައިވެރިވަނީ. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމް ތެރޭގައި މައްސަލަ އުފެދެންވީ ސަބަބެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، އެ ޕާޓީ ދެ ފަޅި އަށް ފެޅުނީ އެމަނިކުފާނާއި ބޭބޭފުޅު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެގެންނެވެ. އެ ހިޔާލުތަފާތުވުންތަކުގައި ދެ ބޭފުޅުންނަށް ތާއީދުކުރާ ދެ ފެކްޝަން ވަނީ އުފެދިފަ އެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އުސޫލްތަކާ އެއްގޮތަށް ކަންކަން ނިންމުމަށް އަޅުގަނޑުމެން ޕާޓީގެ އިސް މީހުންނަށް ހިތްވަރު ދެއްވާ --ރައީސް

ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު މައުމޫން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާއިރު، ސަރުކާރު ހިންގުމާއި ތަރައްގީގެ ކަންކަމަށް ދުވަހުން ދުވަހަށް ބަސް ވިދާޅުވުމަކީ ރައީސް ޔާމީން ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ.

ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު މައްސަލަ ޕާޓީގެ ގުނަންތަކުން ހައްލުނުވުމުން، ރައީސް ޔާމީން ފެކްޝަނުން ވަނީ މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފަ އެވެ.

ކޮރަޕްޝަން މައްސަލަތަކެއްގެ ތަހުގީގުގައި އޭސީސީން މައުމޫނާ ސުވާލުކުރާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނުމާއި އޭގެ ފަހުން ފޮރިން މިނިސްޓަރުކަމުން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވުމުގެ އިތުރުން ދަރިކަލުން ފާރިސް މައުމޫން، ޕީޕީއެމުން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމުމަކީ، މިއަދު ކުރިމަތިވި ބޮޑެތި މައްސަލަތަކެކެވެ.

މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މައުމޫން (ވ)، ފާރިސް މައުމޫން

މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މައުމޫން (ވ)، ފާރިސް މައުމޫން

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމަށް ދިމާވެގެން އުޅޭ މައްސަލަތައް ވެސް އެ ޕާޓީގެ ކައުންސިލާއި މަޝްވަރާ މަޖިލިސް ނުވަތަ ޕާލަމެންޓްރީ ގްރޫޕުން ހައްލުކުރެވެން ޖެހެ އެވެ. ހައްލު ނުހޯދުމަކީ އޮތް ފުރުސަތެއް ނޫން ކަމަށާއި ހައްލު ހޯދަން ޖެހެނީ މީގެ ހަތަރު އަހަރު ކުރީގެ ދިވެހި ރާއްޖެ އަށް އިއާދަވާން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާޓީ މެމްބަރުންނަށް މި އިލްތިމާސްކުރަނީ މި ހައްލު ހޯދުމުގައި ހުރިހާ ބޭފުޅުން އެކަތިގަނޑަކަށްވެ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އުސޫލްތަކާ އެއްގޮތަށް ކަންކަން ނިންމުމަށް އަޅުގަނޑުމެން ޕާޓީގެ އިސް މީހުންނަށް ހިތްވަރު ދެއްވާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މައްސަލަތައް ހައްލުވާނީ މަޝްވަރާގެ މޭޒުންނެވެ. ހިޔާލުތަފާތުވުންތަކެއް ހުރި ނަމަ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމް ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް

"އަޅުގަނޑު އެދެނީ ހުރިހާ ފަރާތްތަކުން ވެސް މަސްލަހަތަށް ލޯބިކުރެއްވުން. މަސްލަހަތަށް ލޯބިކުރަން ޖެހެނީ މުޅި ދިވެހި ރާއްޖޭގެ މަސްލަހަތަށް ލޯބިކުރާ ބަޔަކު، އަޅުގަނޑުމެންގެ ޕާޓީގައި ތިބޭތީ. މި ރާއްޖެ މިހާރު އޮތް ހިސާބުން އިތުރު ގޯހެއް ވާކަށް ފުރުސަތު ދެވޭކަށް ޖާގައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް ޕާޓީއާ އެކު ސާބިތުވެ ތިބުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް އެ ޕާޓީން ހައްލު ހޯދާނެ ކަމަށް ވިދާޅުވަމުންނެވެ.