06 ޖުލައި 2016
ނިއު ރޭޑިއަންޓާ އެކު 2014 ވަނަ އަހަރުގެ އަލީ ފާސިރު (ސެންޓޭ) ދެއްކި ކުޅުން މިދިޔަ އަހަރު ތަކުރާރު ނުކުރެވުމުން އޭނާގެ ސަޕޯޓަރުން ތިބީ މާޔޫސްވެފަ އެވެ. އަނިޔާ އާއި ތަފާތު ސަބަބުތަކާ ހުރެ އޭނާ މިދިޔަ ސީޒަނުގައި ހުރީ ފޯމުން ކަޓައިފަ އެވެ. އެކަމަކު ޓީސީ ސްޕޯޓްސްއާ އެކު މި ސީޒަނުގައި އޭނާ މި ވަނީ އަނެއްކާ ވެސް ވިދަން ފަށައިފަ އެވެ.
ނިއު ރޭޑިއަންޓާ އެކު 2014 ވަނަ އަހަރުގެ އަލީ ފާސިރު (ސެންޓޭ) ދެއްކި ކުޅުން މިދިޔަ އަހަރު ތަކުރާރު ނުކުރެވުމުން އޭނާގެ ސަޕޯޓަރުން ތިބީ މާޔޫސްވެފަ އެވެ. އަނިޔާ އާއި ތަފާތު ސަބަބުތަކާ ހުރެ އޭނާ މިދިޔަ ސީޒަނުގައި ހުރީ ފޯމުން ކަޓައިފަ އެވެ. އެކަމަކު ޓީސީ ސްޕޯޓްސްއާ އެކު މި ސީޒަނުގައި އޭނާ މި ވަނީ އަނެއްކާ ވެސް ވިދަން ފަށައިފަ އެވެ.
ލީގުގައި މިހާތަނަށް ޓީސީން ކުޅުނު ހަ މެޗުގައި ޖެހި 15 ލަނޑުގެ ތެރެއިން 11 ލަނޑު ޖެހީ ސެންޓޭ އެވެ. އޭގެ ތެރޭގައި ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކޮޅަށް ހެދި ހެޓްރިކު ހިމެނެ އެވެ. ލީގުގެ ލަނޑު ލިސްޓު އެއް ވަނައިގައި މިވަގުތު އޮތީ ވެސް ސެންޓޭ އެވެ.
ލީގުގެ ދެ ވަނަ މެޗުގައި ވިކްޓަރީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ލީގުގެ ބުނީ މި ސީޒަނުގައި ސެންޓޭ ފެންނާނީ ތަފާތު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ކުރިން އޭނާ ދެއްކި މޮޅު ކުޅުން މި އަހަރު ޓީސީގައި ފެންނާނެ ކަމަށެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން: ޓީސީގެ ސެންޓޭ (ކ) ވެލެންސިއާގެ ރަމީޒް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިހާރަ"ށް ވާހަކަ ދައްކަމުން ސެންޓޭ ބުނީ ޓީސީ އަށް މި އަހަރު ބަދަލުވީ އޭނާ ކުޅޭ ސްޓައިލްގެ ޓީމަކަށް ވުމުން ކަމަށެވެ.
"އަސްލު ޓީސީ އަށް ބަދަލުވީ ކޯޗު (ނިޒާމް) ކުޅުވާ ސްޓައިލާ އަހަރެންގެ ކުޅުމާ ގުޅޭތީ. އެއީ އެނގޭ އެންމެ ރަނގަޅު ކުޅުން ޓީސީގައި ދެއްކޭނެކަން. ދެން މެނޭޖްމަންޓް ވެސް ރަނގަޅު. މިއީ ކާމިޔާބު ސީޒަނަކަށް ހެދިދާނެ،" ސެންޓޭ ބުންޏެވެ.
ސެންޓޭ ފުރަތަމަ ކުޅުނީ 2006 ވަނަ އަހަރު ކްލަބް އީގަލްސް އަށެވެ. ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު ދެ ވަނަ ޑިވިޝަނުގައި އޭރު އޮތް އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އާ 2008 ވަނަ އަހަރު ގުޅުނެވެ. ފުރަތަމަ ޑިވިޝަންގައި ސެންޓޭ ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ. އޭވައިއެލްގައި އެ އަަހަރު ސެންޓޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ކްލަބްތަކުން ހުށަހެޅުން އޭނާ އަށް ލިބުނެވެ. އޭނާ 2010 ވަނަ އަހަރު ފެނުނީ ކްލަބް ވެލެންސިއާ އިންނެވެ. އެޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކައި ސެންޓޭ ދެން ބަދަލުވީ 2011 ވަނަ އަހަރު ނިއު އަށެވެ.
ނިއު އަށް އެ އަހަރު ކުޅުމަށް ފަހު ސެންޓޭ 2012 ވަނަ އަހަރު ވިކްޓަރީ އަށް ސޮއިކުރި އެވެ. އެހެން ނަމަވެސް ވިކްޓަރީ އަށް މެޗެއް ނުކުޅެވެނީސް އެ އަހަރު ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަތަރު މަހަށް ވުރެން ގިނަ ދުވަހަށް ކުޅުމާ ދުރަން ދާން ޖެހުނެވެ. އަނިޔާއިން ރަނގަޅުވެ ސެންޓޭ ލީގުގެ ފަހު ބުރުގައި ކުޅުމުގެ ތެރެއަށް އެނބުރި އައެވެ.
ވިކްޓަރީ އަށް އެ އަހަރު ކުޅުމަށް ފަހު 2013 ވަނަ އަހަރު ސެންޓޭ އަލުން ނިއު އަށް ބަދަލުވި އެވެ. ނިއު އަށް ފާއިތުވި ތިން އަހަރު ސެންޓޭ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ތިން އަހަރު ޖެހިޖެހިގެން ލީގު ހޯދިއިރު ސެންޓޭ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
ނިއުގައި ވެސް ސެންޓޭ އަށް އަނިޔާގެ މައްސަލަ ދިމާވި އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ދިރާގު ދިވެހި ލީގުގައި މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ސެންޓޭ އަށް އެ ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ، އެ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި އީގަލްސް ކޮޅަށް ނިއު މޮޅުކޮށްދިން ލަނޑު ޖެހި އެވެ.
އެ އަހަރުގެ ސީޒަނަށް ފަހު ސެންޓޭ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. އޮޕަރޭޝަނަށް ފަހު އަރާމުކުރުމަށާއި އަނިޔާއިން ރިކަވާވުމުގެ ގޮތުން ސެންޓޭ އަށް ތިން މަހަށް ވުރެން ގިނަ ދުވަހަށް ކުޅުމާ ދުރަން ދާން ޖެހުނެވެ.
ސާފް ގޭމްސްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސެންޓޭ.-- ފޮޓޯ: އިމޭޖަސް.އެމްވީ
އެ މުއްދަތުގެ ތެރޭގައި މިދިޔަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕީޕަލްސް ކަޕުން ސެންޓޭ ނުފެނެ އެވެ. އަނިޔާއިން ރަނގަޅުވެ ސެންޓޭ ޓީމާ ގުޅުނީ އޭއެފްސީ ކަޕްގައި އަޔެޔަވާދީ ޔުނައިޓެޑާ ދެކޮޅަށް މިޔަންމާގައި ކުޅުނު މެޗުގަ އެވެ. މިދިޔަ ސީޒަނުގައި ފިޓްނަސްގެ މައްސަލައިގެ ސަަބަބުން ސެންޓޭގެ އެންމެ މޮޅު ކުޅުން ނުދެއްކުނެވެ.
"އޮޕަރޭޝަނަށް ފަހު އެނބުރި ކުޅުމަށް އައިއިރު ވެސް އެއްކޮށް ފިޓެއް ނޫން. އެއީ ރަނގަޅު ޕްރީ ސީޒަނެއް ނެތި ކުޅުމަށް އެނބުރި އައީ. އެެހެންވެ މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއް ދިޔައީ ފިޓްނަސްގެ ސަބަބުން ކުޅުން ދަށްވަމުން،" ސެންޓޭ ބުންޏެވެ.
ސީޒަނުގެ ފަހުކޮޅު ކުޅުން ރަނގަޅުކޮށް ސެންޓޭ ވަނީ ނިއު އަށް ލީގު ހޯދައިދިނުމަށް އެހީތެރިވެފަ އެވެ. އަދި މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި މިއަހަރު ކުރީކޮޅު އޮތް ބަންގުބަންދު ގޯލްޑް ކަޕް އަދި ސާފް ގޭމްސްގައި ސެންޓޭ ވަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ.
"ގައުމީ ޓީމާ އެކު މުބާރާތްތަކެއް ކުޅެވި ރަނގަޅު ފޯމެއްގައި މިހިރީ. އަސްލު އަނިޔާއިން އެއްކޮށް ރިކަވާވެގެން މިހާރު ކުޅެވެން މި ފެށީ. ޕްރީ ސީޒަނެއް ކްލަބާ އެކު ކުރިއަށް ނުގެންދެވުނު ނަމަވެސް ގައުމީ ޓީމާ އެކު ރަނގަޅު މެޗުތަކެއް ލިބުމުން ކުޅުން ރަނގަޅުވެއްޖެ،" ބ. އޭދަފުއްޓަށް އުފަން ސެންޓޭ ބުންޏެވެ.
އަނިޔާގެ ސަބަބުން ފާއިތުވި އަހަރުގައި ސެންޓޭގެ އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް މި އަހަރު އޭނާ އަންނަނީ ކުރީގެ މޮޅު ކުޅުން ތަކުރާރު ކުރަމުންނެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ބައެއް މެޗުތަކުގައި ފޯމް ގެއްލުނު ނަމަވެސް ސެންޓޭ އަކީ އަބަދުވެސް ތަފާތު ގެނެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިއާގެ މަގާމަށް މީގެ ކުރިން ވާދަކުރި ނަމަވެސް ސެންޓޭ އަށް ލިބުނީ ދެ ވަނަ އެވެ. މި އަހަރު މިހާތަނަށް ދައްކަމުން އަންނަ މޮޅު ކުޅުން ތަކުރާރު ކޮށްފިނަމަ މިއީ ސެންޓޭގެ އަހަރަށް ވުން ގާތެވެ.
މޮޅު ކުޅުންތެރިއަކީ ސެންޓޭ، އެއް ވަނަ ކީޕަރަކީ ސުޖަން
ސެންޓޭގެ ހެޓްރިކާ އެކު ޓީސީ ލީގުގެ ދެ ވަނަ ހޯދައިފި
ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ ބަދަލު ހިފައިފި
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ އަށް ލީގުގެ ދެ ވަނަ
ލީގު ނުލިބުނަސް ޓީސީގެ މަގާމު ރަނގަޅު: ނިޒާމްބެ
ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ތާރީހުގެ ތެރެއަށް
ނިއު އަށް ޕޮއިންޓަކުން ފުދޭ، ޓީސީ ބޭނުންވަނީ މޮޅެއް
މާޅޮސް ބަލިކޮށް ޓީސީން ނިއުގެ ފަހަތުގައި ވިއްދައިފި
މިލަންދޫ އިން ޓީސީ ހުއްޓުވައިފި
ޓީސީ އޮތީ ހަމަބިމުގައި: ނިޒާމްބެ