Roadha Mihaaru
ގިނަ އަދަދެއްގެ ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދަނީ

ގިނަ އަދަދެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

04 ނޮވެމްބަރ 2017

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް، އެކި ދާއިރާތަކުން 160 ސްޕެޝަލިސްޓު ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އޭގެތެރޭގައި، ގައިނޮކޮލޮޖީ އާއި މެޑިސިން އާއި އެނެސްތީސިއޮލޮޖީ އާއި އޯތޯޕީޑިކްސް އާއި ސާޖަރީ އާއި ޕީޑިއެޓްރިކްސް އާއި ޑާމެޓޮލޮޖީ އާއި އޮބްސްޓެޓްރިކްސް އާއި ސައިކޭޓްރީ އާއި އީއެންޓީ އާއި ރޭޑިއޮލޮޖީ އާއި ނެފްރޮލޮޖީ އާއި އޮޕްތަލްމޮޖޮލިސްޓް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި ދާއިމީ ޑޮކްޓަރުުންގެ ގޮތުގައި ވަޒީފާ ދޭން ހަމަޖައްސާފައިވާއިރު އަސާސީ މުސާރަ އަކީ 30،990ރ. އެވެ. ސާވިސް އެލަވަންސަށް 10،200ރ. އާ އެކު އިތުރު އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

ޝައުގުވެރިވާ ޑޮކްޓަރުން މި މަހުގެ 14 ގެ ކުރިން ކުރިމަތިލާން ޖެހެ އެވެ. ޝަރުތު ހަމަވާ މީހުންގެ އިންޓަވިއު ވެސް މި މަހުގެ ތެރޭގައި އޮންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން އިއުލާންކުރިއިރު، ސިއްހީ ދާއިރާ އަށް އަންނަމުންދާ ކުރިއެރުންތަކާ އެކު އެ ދާއިރާ އަށް މީހުން ބޭނުންވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތާ އެކު ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ބަދަލުވާއިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ އިމާރާތް މުޅިން ނިމި ހުޅުވަން ލަފާ ކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 26ގަ އެވެ. އައިޖީއެމްއެޗްގެ އާ އިމާރާތަކީ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރެވޭނެ ހޮސްޕިޓަލަށް ވެގެންދާނެތީވެ، އައިޖީއެމްއެޗުން ވަކިވި ދިވެހި ޑޮކްޓަރުން ވެސް އެނބުރި ރާއްޖެ އައުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ދައުވަތު ދެއްވައިފަ އެވެ.