Roadha Mihaaru
ކުޅިި ހިއްކާތީ ހުށަހެޅި މައްސަލަ ބަލައެއްނުގަތް

ކުޅިި ހިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނިންމައިފި

30 އޮކްޓޯބަރ 2017

ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް އެ ރަށު ކުޅި ހިއްކަން ނިންމާފައިވާތީ އެކަން ހުއްޓުވަން ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް އެ ރަށު ކުޅި ހިއްކަން ނިންމާފައިވާތީ އެކަން ހުއްޓުވަން ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ކުޅުދުއްފުށީ މީހެއް ކަމަށްވާ މުހައްމަދު އާދަމް ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ނިންމައި، ކުޅުދުއްފުށީ ކޯޓުން އޭނާ އަށް ފޮނުވި ލިޔުމުގައި ވަނީ ކޯޓުތަކަށް މައްސަލަ ބަލައިގަނެވޭނީ ދައުވާ ކުރުމުގެ މަސްލަހަތު އޮތުމާ އެކު، ދައުވާ ކުރުމުގެ ހައިސިއްޔަތެއް އޮވެގެން ކަމަށެވެ. އެ ދައުވާ އަކީ އަމިއްލަ ހައިސިއްޔަތުން ހުށަހެޅި ދައުވާއެއް ކަމަށާއި ދައުވާ އާއި އޭނާގެ ހައްގު ނުވަތަ މަސްލަހަތަކީ ކޮބައިކަން ދައުވާ ފޯމުން އެނގެން ނެތް ކަމަށް ލިޔުމުގައިވެ އެވެ.

މީގެ އިތުރުން ދައުވާއާ އެކު ހުށަހަޅާފައިވާ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ރިޕޯޓަކީ ކިތާބީ ހެއްކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒް ސޮއި ކުރައްވާފައިވާ ލިޔުމުގައިވެ އެވެ.

ޔޫއެންޑީޕީންނާއި އީޕީއޭއިން ސެންސިޓިވް އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ކުޅުދުއްފުށީ ކުޅީގެ ނުވަ ހެކްޓަރު، އެއާޕޯޓް އެޅުމަށްޓަކައި ހިއްކަން ވަނީ ނިންމައިފަ އެވެ. ކުޅި ހިއްކުމަށްޓަކައި އެމްޓީސީސީގެ ޑްރެޖަރު މިހާރު އޮތީ ކުޅުދުއްފުށީގަ އެވެ.