Roadha Mihaaru
ހިތަދޫގައި އެކްސިޑެންޓްވި އަންހެނަކު އައިސީޔޫގައި

ހިތަދޫގައި އެކްސިޑެންޓްވި އަންހެނަކު އައިސީޔޫގައި

03 އޮކްޓޯބަރ 2017

މިއަދު ހަވީރު ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަދު ހަވީރު ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްވެގެން ހަތަރު މީހަކު ގެނައި ނަމަވެސް، އަނެއް ތިން މީހުންގެ ހާލު ރަނގަޅު ކަމަށެވެ. އެކްސިޑެންޓްވެގެން ހޮސްޕިޓަލަށް ގެންދިޔައީ ދެ ފިރިހެނުންނާއި ދެ އަންހެނުންނެވެ.

"ބޮޑަށް އަނިޔާވި އަންހެން މީހާގެ ބޯ ޒަޚަމްވުމުގެ އިތުރުން އޭނާގެ ދަތްދޮޅި ވެސް ބިންދައިގެން ގޮސް ތަންކޮޅެއް ސީރިއަސް ހާލަތުގައި އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އޭނާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

އޮފިޝަލް ވިދާޅުވީ އަނެއް ތިން މީހުންގެ ގައިގެ ބައެއް ތަންތަން މަށައިގެން ދިޔުން ފިޔަވައި ސީރިއަސް ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑު މަގުން ދެ އަންހެނުން ދުއްވާފައި ދިޔަ ސައިކަލް ގޯޅިއެއް އަޅަން އުޅެނިކޮށް، ފަހަތުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

ފަހަކަށް އައިސް ހިތަދޫ ބޮޑު މަގަކީ ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މަގެއްކަން ފާހަގަކޮށްލެވެ އެވެ.