Roadha Mihaaru

ފޭސްބުކުން މަޖިލިސް ލައިވްކުރާތީ ބްރޯޑްކޮމް އިން ކަންބޮޑުވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ހިނގާ ކަންކަން ފޭސްބުކް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ޓީވީ ޗެނަލްތަކުން ދައްކާތީ އެކަމާ މެދު ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އެދެފި އެވެ.

ފޭސްބުކުން މަޖިލިސް ދައްކާތީ ބްރޯޑްކޮމް ކަންބޮޑުވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ހިނގާ ކަންކަން ފޭސްބުކް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ޓީވީ ޗެނަލްތަކުން ދައްކާތީ އެކަމާ މެދު ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އެދެފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލީހުން ދޫކުރާ ރަސްމީ ލައިވް ފީޑް ފިޔަވައި ވަކިވަކި މެމްބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިއޯ ކޯލް އަދި ރެކޯޑިންތައް ލައިވްކުރާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އޭގެ ތެރޭގައި މަޖިލިހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވެސް އެއްޗެހި ފޮނުވާ ކަމަށް ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ހިނގާ ކަންކަން ހަމައެކަނި ދައްކަން ޖެހޭނީ މަޖިލިހުގެ ރަސްމީ ލައިވް ފީޑުން ކަމަށް އެއްވެސް ގަވާއިދެއްގައި ބުނެފައެއް ނުވެ އެވެ. މަޖިލިހުން ދޫކުރާ ފީޑު މަޖިލިހުން ބޭނުންވެއްޖެ ހިނދެއްގައި ކަނޑާލެވެ އެވެ. މި ފަހުން މަޖިލިހުގެ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުތައް އާންމުންނަށް ފެނުނީ ވަކިވަކި މެމްބަރުންގެ ފޭސްބުކް ލައިވުންނެވެ.

ބްރޯޑްކޮމް އިން ބުނީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ވަސީލަތްތަކުން ފޮނުވާ "ކޮންޓެންޓްގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓް ހިމެނޭ" ކަމަށެވެ. އަދި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެހެންކަމުން ބްރޯޑްކޮމް އިން ގޮވާލީ އެފަަދަ ކޮންޓެންޓް ލައިވްކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރަން ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

"ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަން ވެސް ހަނދާންކޮށްދެމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.