Roadha Mihaaru
ދުވަސްވީ މީހުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލައިފި

ދުވަސްވީ މީހުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލައިފި

01 އޮކްޓޯބަރ 2017

ދުވަސްވީ މީހުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލައި، މިއަދު އިފްތިތާހު ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދުވަސްވީ މީހުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލައި، މިއަދު އިފްތިތާހު ކޮށްފި އެވެ.

މިއަދު ފާހަގަ ކުރާ، އުމުރުން ދުވަސްވީ މީހުންގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސިޔާސަތު އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

އުމުރުން ދުވަސްވީ މީހުންގެ ގިނަ ހައްގުތައް ރައްކާތެރިކޮށްދޭ މި ސިޔާސަތު އެކުލަވާލާފައިވަނީ އެ މީހުންނަށް އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ. އަދި މުޖުތަމައުގައި އެ މީހުންގެ ބައިވެރިވުން އިތުރުކޮށް، ޒިންމާދާރު ފާގަތި ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމަށް އޭގެ ތެރޭގައި ހިމެނޭ ކަމަށް، އެ ސިޔާސަތު އެކުލަވައިލި ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރިއާޔަތް ކުރަން ޖެހޭ މި ސިޔާސަތު އެކުލަވާލާފައިވަނީ ހަތަރު ބަޔަކަށެވެ. އޭގެ ތެރޭގައި އަޅާލުމާއި ރައްކާތެރިކަން ދިނުމާއި ސިއްހަތާއި ދުޅަހެޔޮކަން ހިމެނެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި ސިޔާސަތުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އެކި އަނިޔާތަކާއި އިހުމާލު އަދި އެ މީހުންގެ ފަރާތުން ނަގާ ނާޖާއިޒު ފައިދާ އިން ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި ރިޓަޔަމެންޓަށް ފަހު، ގިނަ ބަޔަކު މުޖުތަމައުން އެކަހެރިވާ އިރު އެ މީހުންނަށް މިނިވަންކަމާ އެކު ކަންކަމުގައި ހަރަކާތްތެރިވި، ގުޅުން ބަދަހިކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖިހާދު ވާހަކަފުޅު ދައްކަވާނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

މިއަދުގެ ރަސްމިއްޔާތުގައި ޖިހާދު ވާހަކަފުޅު ދައްކަވާނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ސިއްހީ މައްސަލަތަކަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކޮށް، އެ މިނިސްޓްރީން ބުނީ އަލަށް އެކުލަވައިލި ސިޔާސަތުގެ ދަށުން، އެ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގައުމަށް ލިބިފައިވާ ރީތި ނަމުގެ ފަހަތުގައި ވަނީ އުމުރުން ދުވަސްވީ މީހުން ކަމަށާއި އެ މީހުން ވަނީ އެކި ދާއިރާތަކުން ގައުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. އަދި ގައުމުގައި ތިބި ފާހަގަ ކުރެވޭ އިލްމުވެރިންނާއި ހިދުމަތްތެރިން އޭގެ ތެރޭގައި ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ މީހުން ވަނީ އެ މަސައްކަތުގައި މުސްކުޅިވެފައި. އޭގެ ތެރޭން ބައެއް މީހުން ވަނީ ގައިގެ ބާރު ދެރަވެ، އެހެން މީހުންގެ އަޅާލުމަށް ބޭނުންވެފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވި ގޮތުގައި ގައުމުގެ ރައުސްމާލަކީ ޒުވާނުން ކަމަށް ވާއިރު، އެ ގައުމެއްގެ އެންމެ ބޮޑު ހަޒާނާއަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި އެ މީހުންގެ ހަޔާތުގައި ލިބިފައިވާ ތަޖުރިބާއަކީ ލޮލަށް ނުފެންނަ މައުނަވީ ތަރިކައެއް ކަމަށާއި އެއީ ގައުމުގެ އެންމެ އަގުހުރި އާސާރު ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ މީހުންނަށް ބޮޑު ގަދަރެއް ދޭން ޖެހޭކަން އެ މަނިކުފާނު ކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ވެސް ބައިވެރިވި އެވެ.