Roadha Mihaaru
މާޅޮސް ބަލިކޮށް ޓީސީ ތިން ވަނަ އަށް

މާޅޮސް ބަލިކޮށް ޓީސީ ތިން ވަނަ އަށް

11 ސެޕްޓެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު، އެކަކު މަދުކޮށް ކުޅުނު އއ. މާޅޮސް އަތުން 3-2 އިން މޮޅުވެ ތާވަލުގެ ތިން ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު، އެކަކު މަދުކޮށް ކުޅުނު އއ. މާޅޮސް އަތުން 3-2 އިން މޮޅުވެ ތާވަލުގެ ތިން ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް އަރައިފި އެވެ.

ޓީސީ 10 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ނުވަ ޕޮއިންޓާ އެކު އޮތް ގްރީންސްޓްރީޓްސް ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު މިރޭ މާޒިޔާ އަތުން މޮޅުވެ އަލުން ކުރިއަށް ޖެހިލުމުގެ ފުރުސަތު ގްރީންސްޓްރީޓްސް އަށް އެބައޮތެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް އޮތްއިރު ދެ ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. މާޅޮސް އޮތީ ދެ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މިއަދުގެ މެޗުގެ ހަތް ވަނަ މިނެޓުގައި މާޅޮހުގެ އެންހެލް މުނޯޒް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ޓީސީ އަށް އެއްވަރުކޮށްދިނީ 21 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓެވެ. މި ބޯޅަ އޭނާ ގޯލަށް ވައްދާލިއިރު މާޅޮހުގެ ގޯލްކީޕަރު ފައުލްކުރި ކަމަށް ބަލައި ރެފްރީ ރީނދޫ ކާޑު ދެއްކި އެވެ. އެއާ އެކު މާޅޮހުގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރިއިރު އެ ޓީމުގެ އާދަމް ރަޒްނީ އަށް ވަނީ ސީދާ ރަތްކާޑެއް ދައްކައިފަ އެވެ. ބެލެވެނީ ރެފްރީއާ ދިމާލަށް ބޭއަދަބީ ބަހެއް ބުނީ ކަމަށެވެ.

ޓީސީ އަށް ލީޑު ނަގައިދިނީ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އަދި ލީޑު ފުޅާކޮށްދިނީ 53 ވަނަ މިނެޓުގައި އަލީ ނާފިއު އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެންހެލް ވަނީ ޕެނަލްޓީއަކުން ލަނޑު ޖަހައި މާޅޮހަށް ތަފާތު ކުޑަކޮށްދީފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ބޭނުންވި ހުރިހާ ކަމެއް ގާތްގަނޑަކަށް ހާސިލްވި ކަމަށެވެ.

"އެންމެ މުހިއްމު އެއްޗަކަށް ބެލީ އާ ކުޅުންތެރިންނަށް ޗާންސް ދީގެން އެ މީހުން ލައްވާ ކުޅުވަން. ވަރަށް ރަނގަޅަށް ކުޅެފި ބައިވަރު ޗާންސް ކްރިއޭޓްކޮށްފި. ތިން ޕޮއިންޓް ހޯދައިފި. ބޭޏުންވާ ހުރިހާ ކަމެއް ގާތްގަނޑަކަށް ހާސިލްކޮށްގެން ނިންމާލީ،" ނިޒާމްބެ ބުންޏެވެ.

މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ މެޗަށް ނުކުތީ މިއަށް ވުރެ ރަނގަޅު ނަތީޖާއަކަށް އުއްމީދުކޮށްގެން ކަމަށާއި މެޗުގެ އެހާ އަވަހަށް ރަތްކާޑެއް އައުމުން ސުވާލު އުފެދޭ ކަމަށެވެ.

"އެހާ އާލީ ރެޑްކާޑެއް އައީމާ ވަރަށް ކުއެޝަނަބަލް ކަންނޭގެ. ދެން އަޅުގަނޑު މި ފަހަރު ބޭނުމެއް ނެތް ރެފްރީ އަށް ކޮމެންޓްކުރާކަށް. ރަނގަޅަށް ބަލާލީމާ އެނގޭނީ. ދެން އަނެއްހެން ރަނގަޅު ހިތްވަރުކުރި ނިމެންދެއް (ކުޅުންތެރިން)،" ނިޝްތާރު ބުންޏެވެ.

އޭނާ ބުނީ ޓީސީ އަކީ އެންމެ ބޮޑު އެއް ޓީމު ކަމަށާއި އެ ޓީމާ ދެކޮޅަށް ވެސް ކުޅުނީ އޯޕަން ގޭމެއް ކަމަށާއި މެޗަކަށް ފަހު މެޗެއް ކުޅުންތެރިންނަށް އިތުބާރު ލިބެމުން އަންނަ ކަމަށެވެ.