Roadha Mihaaru
ކުޑަހުވަދޫގެ މައްޗަށް ތިނަދޫ ކުރި ހޯދައިފި

ކުޑަހުވަދޫގެ މައްޗަށް ތިނަދޫ ކުރި ހޯދައިފި

10 ސެޕްޓެމްބަރ 2017

އިންޓަނޭޝަނަލް ބްރޭކަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގު އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު ދ. ކުޑަހުވަދޫ އަތުން 2-0 އިން ގދ. ތިނަދޫ މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޓަނޭޝަނަލް ބްރޭކަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގު އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު ދ. ކުޑަހުވަދޫ އަތުން 2-0 އިން ގދ. ތިނަދޫ މޮޅުވެއްޖެ އެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލުގައި ކުޑަހުވަދޫ އަތުން ބަލިވި ތިނަދޫން މިއަދު ހޯދި މޮޅާ އެކު އޮތީ ހަތް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ކުޑަހުވަދޫ އޮތީ އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގަ އެވެ.

މިއަދުގެ މެޗުގައި ތިނަދޫ އަށް ކުރި ހޯދައިދިނީ 31 ވަނަ މިނެޓުގައި އިމްރާން ނަޝީދެވެ. އެ ޓީމު ހޯސޭ އަލެކްސެންޑާ ހެނާންޑޭޒް އަވީލާ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ބޯޅަ ޖަހަޖަހާ އޮއްވާ ކުޑަހުވަދޫގެ ޑިފެންޑަރު އެ ބޯޅަ ސާފުކޮށްލަން ޖެހުމުން ލިބުނީ އޭރިއާ ރޮނގު މަތިން އިމްރާނަށެވެ. އޭނާ ވަނީ އެއް ފަހަރުން އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

ތިނަދޫގެ ދެ ވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޖް އިވާން އެވެ. އޭނާ މި ގޯލް ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކުން ބޮލުންނެވެ.

ތިނަދޫގެ ކޯޗު މާޓިނޭޒް ހުއާން މެނުއަލް ބުނީ މި މެޗުގައި އެޓޭކާއި ޑިފެންސް ވެސް ވަރަށް ރަނގަޅު ކަމަށާއި ބޭނުންވާ ސްޓައިލުގައި ކުޅުނު ކަމަށެވެ.

"ވަރަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެސް ވި. އެކަމަކު އެކަމާ ޝަކުވާކުރަން ނެތިން. ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ދިޔައީ،" މާޓިނޭޒް ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ދަތުރުކޮށްފައި އައިސް ކުޅުމަކީ އުނދަގުލެއް ކަމަށާއި ފްލައިޓް ޑިލޭވުމުގެ ސަބަބުން މިއަދު ވެސް ޓީމަށް މާލެ އާދެވުނީ 2:30 ގައި ކަމަށެވެ.

"އައި ގޮތަށް މެޗަށް އައީ. ޝޮޕިން ކޮށްލަން އަންނަ ނަމަ އެއީ ރަނގަޅު ވަގުތެއް. އެކަމަކު 90 މިނެޓުގެ މެޗެއް ކުޅެން އަންނައިރު މިއީ ޗެލެންޖެއް،" މޯހަން ބުންޏެވެ. "އެހެންވިޔަސް އަޅުގަނޑުމެން ނުކުތީ މެޗުން މެކްސިމަމް ޕޮއިންޓް ހޯދަން. ޖުމްލަކޮށް ހުރިހާ ކުޅުންތެރިން ދަށްކޮށް ދިޔަ ދުވަހެއް މިއީ."

އޭނާ ބުނީ އެންމެ ބޮޑު އެއް ޓާގެޓަކީ ފުރަތަމަ ޑިވިޝަނަށް ކުޅުންތެރިން ތައާރަފްކޮށްދިނުން ކަމަށާއި އެކަން ހާސިލްވާތީ އުފާވާ ކަމަށެވެ.