30 އޯގަސްޓް 2017
ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވާ ކަންކަމަށް ވާހަކަ ދައްކައި ހައްލު ހޯދައިދޭން ސަރުކާރުން ތައްޔާރު ކަމަށާއި އެކަމަކު ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު، ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ލީޑަރުންނަށް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވާ ކަންކަމަށް ވާހަކަ ދައްކައި ހައްލު ހޯދައިދޭން ސަރުކާރުން ތައްޔާރު ކަމަށާއި އެކަމަކު ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު، ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ލީޑަރުންނަށް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ސިޔާސީ ޕާޓީގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރައްވާ އިސް މަންދޫބު ޝައިނީ ވިދާޅުވީ މިފަހަރު މަޝްވަރާ އަށް ސަރުކާރުން ހުޅުވާލީ އިސްލާހީ ބަދަލުތަކެއް ގެންނަން އިދިކޮޅު ފަރާތްތަކުން ބޭނުންވާކަން މީޑިއާތަކުން މައުލޫމާތު ލިބޭތީ ކަމަށެވެ. އެހެންވެ އެ ކަންބޮޑުވުންތައް މަޝްވަރާގެ މޭޒަށް ހުށަހެޅުމުން ވާހަކަ ދައްކައި ހައްލު ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އިސްލާހީ ބަދަލުތަކެއް ގެންނަން ބޭނުންވާ ނަމަ އެކަންކަން ހުށަހަޅުއްވާ، އިހްލާސްތެރިކަމާ އެކު ވާހަކަ ދައްކަން ސަރުކާރުން މިތިބީ ތައްޔާރަށް،" ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އެކި ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުންތަކަކަށް އެއްފަހަރާ ދައުވާތައް އުފުލާފައިވާ މި ދަނޑިވަޅުގައި ޝައިނީ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަކީ ސިޔާސީ ފަރާތްތަކަށް ނުހައްގުން ދައުވާ ކުރުމާއި މުއައްސަސާތައް މިނިވަން ނުވުމާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލިސް ސަރުކާރުން ހިސޯރުކޮށް، ބާރުތައް މަސްހުނި ކުރުން ކަމަށް ވާއިރު، މަޝްވަރާގައި މި ކަންކަން ހައްލުކޮށްދޭން ސަރުކާރުން ތައްޔާރުތޯ "މިހާރު"ން ސުވާލު ކުރުމުން ޝައިނީ ވިދާޅުވީ ޕޯޑިއަމްތަކުގައި ދައްކާ ހުރިހާ ވާހަކަތަކަކަށް ހައްލު ހޯދައި ނުދެވޭނެ ކަމަށެވެ.
"ތި ވިދާޅުވާ ހުރިހާ ކަންތައްތަކެއް ވެސް [މަޝްވަރާގެ މޭޒުގައި] އަޅުގަނޑުމެންނަށް ހުށަހަޅަންވީއޭ މި ދަންނަވަނީ. ތި ވިދާޅުވާ އެއްވެސް ކަމަކީ އަޅުގަނޑުމެން ދެކޭގޮތުގައި ސަރުކާރުން އެއްވެސް ގޯހެއް ހަދައި، ތަނަކަށް ނުފޫޒު ފޯރުވާ ކަންތައްތަކެއް ނޫން. އެހެން ނަމަވެސް އެގޮތަށް އިދިކޮޅު ފަރާތްތަކުން ދެކޭ ކަމަށް ވަންޏާ އޭގެ ހެކި ވެސް ހުންނާނެ،" ޝައިނީ ވިދާޅުވި އެވެ.
މަޝްވަރާއާ ގުޅޭގޮތުން ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ހެއްކާ އެކު ރަނގަޅު ކުރަން ޖެހޭ ކަމެއް އޮތް ނަމަ މަޝްވަރާކޮށް، އެކަމެއް ރަނގަޅު ކުރަން ސަރުކާރުން ތައްޔާރު ކަަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކު ޕޯޑިއަމްތަކުގައި ދައްކާ ހުރިހާ ވާހަކަތަކަކާއި ނޫސްތަކުގައި ޖަހާ ހުރިހާ ވާހަކަތަކަކަށް ސަރުކާރުން ރިއެކްޓް ކުރަން ވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ ވަރަށް ގިނަ ކަންތައްތައް ހުއްޓާލާފައި އަޅުގަނޑުމެން އުޅެން ޖެހޭނީ ތިކަމާ ހެން،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވީ މަޝްވާރާގެ މޭޒަށް އައުމަށް އެއްވެސް ޝަރުތެއް ކުރިމަތިނުކުރެވޭނެ ކަމަށެވެ. އެގޮތަށް ކުރިމަތިކުރާ ޝަރުތުތައް ސަރުކާރުން މިފަހަރު ވެސް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ލީޑަރުން ވެސް މަޝްވަރާގައި ބައިވެރިއެއް ނުކުރެވޭނެ އެވެ. މީގެކުރިން ބާއްވަން އުޅުނު މަޝްވަރާތައް ވެސް ފޭލްވީ ލީޑަރުން ބައިވެރިކުރަން ސަރުކާރުން ދެކޮޅު ހެދުމުންނެވެ.
ލީޑަރުން ބައިވެރި ނުކުރާ މަޝްވަރާއެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ޕާޓީތަކުން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތިން ލީޑަރުން ކަަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ޖަލު ހުކުމެއް ތަންފީޒުކުރައްވާއިރު އެ ޕާޓީތަކުގައި ދެން އިސްކޮށް ތިބި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ވެސް ތުހުމަތުކޮށް ދައުވާތަކެއް އުފުލާފަ އެވެ. މި ހާލަތު އޮތްއިރު ސަރުކާރުން މަޝްވަރާ ކުރަން ބޭނުން ވަނީ ޕާޓީތަކުގެ ކޮން ފެންވަރެއްގެ ބޭފުޅުންނާތޯ ސުވާލު ދެންނެވުމުން ޝައިނީ ވިދާޅުވީ ޕާޓީތައް ހިނގަނީ ހަމައެކަނި ލީޑަރުން ވަށައިގެން ނޫން ކަމަށެވެ.
ޕާޓީތަކުން ކަނޑައަޅާ މަންދޫބުންނާ އެކު މަޝްވަރާ ކުރިއަށް ގެންދެވޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ. ސަރުކާރުން މަޝްވަރާ އަށް ހުޅުވާލީ ބޭރުގެ ޕްރެޝަރަކާ ހެދި ވެސް ނޫން ކަމަށާއި ގޯސްކޮށް ކަމެއް ހުރި ނަމަ ރަނގަޅު ކުރަން ސަރުކާރުން ބޭނުންވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އަނެއްކާ ވެސް މަޝްވަރާ އަށް ގޮވާލައިފި
މަޝްވަރާއަށް ޕާޓީތަކުން ޖަވާބެއް ނުދޭ: ޝައިނީ
ސަރުކާރާ މަޝްވަރާކުރާނެ މާހައުލެއް ނެތް: އިބޫ
މަޝްވަރާގެ ދައުވަތު ގަބޫލުކުރަން ސަރުކާރުން ގޮވާލައިފި
ހައްލެއް ފެނޭތޯ ޔޫއެންގެ ވަފުދެއް ރާއްޖޭގައި
މަޝްވަރާ އަށް މަގުފަހިކުރަން އިދިކޮޅުން ޔޫއެންގައި
ސިޔާސީ މަޝްވަރާ ބޮޑު އަރަތަކަށް!
އެއްވެސް ކަމެއް ކުރާނީ ޕާޓީތަކަށް އެނގިގެން: ނަޝީދު
ސަރުކާރުން ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފި
އީޔޫ ގަރާރާ ގުޅިގެން މަޝްވަރާއަށް ގޮވާލައިފި