Roadha Mihaaru
ކަރެކްޝަންގެ ޑޮކްޓަރު ވެސް ބުނަނީ ގާސިމް ބޭރަށްފޮނުވަން

ކަރެކްޝަންސްގެ ޑޮކްޓަރު ވެސް ލަފާ ދެއްވީ ގާސިމް އަވަހަށް ބޭރަށް ފޮނުވަން: ރިޔާޒް

27 އޯގަސްޓް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހާލަތު ބެއްލެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަނޑައެޅި ޑޮކްޓަރަކު ވެސް ލަފާ ދެއްވާފައި ވަނީ ގާސިމް ވީހާ އަވަހަކަށް ރާއްޖެ އިން ބޭރަށް ފޮނުވަން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހާލަތު ބެއްލެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަނޑައެޅި ޑޮކްޓަރަކު ވެސް ލަފާ ދެއްވާފައި ވަނީ ގާސިމް ވީހާ އަވަހަކަށް ރާއްޖެ އިން ބޭރަށް ފޮނުވަން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ގާސިމް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކޯޓުން ކުރި ހުކުމުގައި ވަނީ އެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާ ދިން ޓެސްޓުތަކާއި ފަރުވާ ދިނުން ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންވެ އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.

އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ވިދާޅުވީ ކަރެކްޝަންސުން ކަނޑައެޅި ޑޮކްޓަރު ވެސް ލަފާ އަރުވާފައި ވަނީ ވީހާ ވެސް އަވަހަކަށް ގާސިމް އިބްރާހިމް ރާއްޖޭން ބޭރަށް ފޮނުވުމަށް ކަމަށެވެ.

"ރޭ ކަރެކްޝަންސް އިން ޗޫޒް ކުރެއްވި ބޭފުޅަކު [ޑޮކްޓަރަކު] ކަރެކްޝަންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި އެމަނިކުފާނު ބައްލަވާފައި އަދި މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޭފުޅާ ވެސް ވަނީ ހަމަ އެ އޮޕީނިއަން، ވަގުތުން އަވަހަށް އާޖެންޓްކޮށް ފޮނުވުމަށް ކަރެކްޝަންގެ ޑޮކިއުމެންޓްގައި ވެސް ޓިކް ކުރައްވާފައި،" ރިޔާޒް ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް ފުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އުމުރު ތަންފީޒު ކުރުން ލަސް ކުރާތީ އިތުރު އަމުރެއް ނެރެދިނުމަށް އެދުމުގެ މަސައްކަތް ގާސިމްގެ ގާނޫނީ ޓީމުން ކުރަމުން އަންނަ ކަމަށެވެ.

ގާސިމް ރާއްޖެއިން ބޭރަށް ގެންދެވެން އޮތީ ހިތުގެ ޚާއްސަ ދެ ޑޮކްޓަރެއްގެ ލިޔުމެއް ލިބިގެންނެވެ. އެކަމަކު އައިޖީއެމްއެޗްގައި ހުންނަނީ ހިތުގެ ޚާއްސަ އެންމެ ޑޮކްޓަރެކެވެ. އޭނާ ވަނީ އެގޮތަށް ލަފާ ދެއްވައިފަ އެވެ.

ގާސިމް މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރީ، އޭނާގެ ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް ބޮލަށް އެނބުރުން އަރައި ވެއްޓުމުންނެވެ. ގާސިމް ވަގުތުން އެމްބިއުލާންސްގައި އައިޖީއެމްއެޗަށް ގެންދިއުމުން އެތަނުގެ ސީނިއާ ކޮޮންސަލްޓެންޓް އިން ކާޑިއޮލޮޖީ ޑޮކްޓަރު އަލީ ޝަފީގު ބެއްލެވުމަށް ފަހު ދެއްވި ލިޔުމުގައިވާ ގޮތުން ހިތުގެ ދެ ޓެސްޓެއް ހެދުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގާސިމް ގެންދަން ޖެހެ އެވެ.