Roadha Mihaaru
ލޯންޗެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެއްޖެ

މާލޭގެ ނެރުމައްޗަށް ލޯންޗެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެއްޖެ

23 އޯގަސްޓް 2017

މާލޭގެ ދެކުނު ފަރާތު ނެރުމައްޗަށް މިއަދު ލޯންޗެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ދެކުނު ފަރާތު ނެރުމައްޗަށް މިއަދު ލޯންޗެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު، ހިނގި ހާދިސާގައި ލޯންޗުން ދަތުރު ކުރި ތިން މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ލޯންޗުގައި ތިބި މީހުންނަށް ލިބުނީ ކުދި ކުދި އަނިޔާތަކެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުވެ ސަލާމަތް ވެފައިވާ ކަމަށް ވެ އެވެ. ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ ލޯންޗު ބަންޑުން ޖަހާލީ އެހެން ދުވަސްތަކާ ޚިލާފަށް ދެކުނު ފަރާތުގައި ވަރަށް ބޮޑަށް އުދަބާނި އުފެދިފައިވާ ވަގުތެއްގައި ކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި މީގެ ކުރިން ވެސް ލޯންޗުތައް ބަންޑުން ޖަހާލުމުގެ ހާދިސާތައް ހިނގާފައިވާ، އެ ނެރު މިދުވަސްކޮޅު އޮތީ ބޭނުން ކުރެވޭ ހާލަތުގައެއް ވެސް ނޫނެވެ.

"ވަރަށް ބޮޑެތި ރާޅުތަކެއް އުފެދޭ އެ ސަރަހައްދުން މި ދުވަސްކޮޅު. ރާޅަކާ އެކު، އެ ނެރުން ވަންނަން އުޅެފި ނަމަ ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގުން ގާތް،" އޭނާ ބުންޏެވެ.

އޭނާ ބުނީ ބަންޑުން ޖަހާލި ލޯންޗު، ނެރުން ވަންނަން އުޅުމުގެ ތެރޭގައި ދިމާވީ ބޮޑު ރާޅަކާ އެވެ. އެއާއެކު، ލޯންޗު ބަންޑުން ޖަހާލައި ނެރު ފައި ކައްޓަށް ލޯންޗު އުރުނީ ކަމަށް ބުންޏެވެ.

"ވަރަށް ބޮޑަށް ހަނިކޮށް ނެރު ހަދާފައި ހުރީ،" ހައުސިން މިނިސްޓްރީން މީގެ ދުވަސްކޮޅެއް ކުރިން ހެދި ނެރުގައި ހުރި މައްސަލަތައް ފާހަގަކުރަމުން، "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ދެކުނު ފަރާތު ނެރު ކަނޑާފައިވާ ސަރަހައްދުގައި ރާޅު ބޮޑުކަމުން، އުޅަނދު ބަންޑުން ޖަހާލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. މީގެ ކުރިން ވެސް ނުރައްކާތެރި ބައެއް ހާދިސާތައް ހިނގައި ނެރު މައްޗަށް ބައެއް އުޅަނދުތައް ވަނީ އަރައިފަ އެވެ.

ޓްރެކް ދަނޑާ ދިމާލުން ކަނޑުތޮށިން ނެރެއް ކެނޑީ އެ ތަނުގައި ލާފައި އޮތް ގެރިގަލުގެ ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އާ ނެރަކީ ސީދާ ދެކުނު ފަރާތުން އުޅަނދުތަކަށް ވަދެވޭ ގޮތަށް ކެނޑި ނެރެކެވެ. ދެކުނު ފަރާތުން އުޅަނދުތައް ވަންނަން ނެރެއް ހަދަން ކުރިން ވެސް އޮތީ ނިންމައިފަ އެވެ.

މާލޭގެ ދެކުނު ފަރާތަކީ މާލޭގެ ފުއްޓަރު ފަރާތެވެ. މާލެ ހިއްކައި، އެ ފަރާތުގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެރިގަލުގެ ބޮޑު ތޮއްޓެއް ލީ 1987 ގައި މާލެ އަށް ބޮޑު ރާޅު އަރައި ލިބުނު ގެއްލުންތަކަށް ފަހު އެވެ. އަދި މިހާރު ވެސް ކަނޑު ގަދަ ދުވަސްވަރު އެ ފަރާތުގައި ބޮޑެތި ރާޅު އުފެދެ އެވެ. އެކަމަކު އާ ނެރު ކަނޑަން އެ ތޮށިގަނޑު ވަނީ ކުރި އަށް ވުރެ ބޭރަށް ޖައްސާފަ އެވެ.