Roadha Mihaaru
މާލެ އަށް 91 މިލިމީޓަރުގެ ވާރޭ ވެހި ފެން ބޮޑުވެއްޖެ

ކުޑަ ވަގުތުކޮޅެއްގައި މާލެ އަށް 91 މިލިމީޓަރުގެ ވާރޭ ވެހި ފެންބޮޑުވެއްޖެ

19 މެއި 2016

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރޭ ފަތިހުން ފެށިގެން މާލެ އަށް 91 މިލިމީޓަރުގެ ވާރޭ ވެހި ފެން ބޮޑުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރޭ ފަތިހުން ފެށިގެން މާލެ އަށް 91 މިލިމީޓަރުގެ ވާރޭ ވެހި ފެން ބޮޑުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް އަލީ ޝަރީފް ވިދާޅުވީ މާލޭގެ އެކި ހިސާބުތަކުގައި ފެން ބޮޑުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދަކަށް ވާރޭ ވެހުމުން ކަމަށެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭ ފަތިހު މާލެ އަށް ކުރި ވިއްސާރައިގައި އާންމުކޮށް ފެން ބޮޑުވާ މަގުތަކުގައި ފެން ބޮޑުވި އެވެ. އެގޮތުން އަމީނީ މަގު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގަޔާއި ވިޔަފާރިވެރިންގެ މިސްކިތް ސަރަހައްދުގައި އަދި މަޖީދީ މަގުން ސޯޝަލް ސެންޓަރު ކައިރީގަޔާއި ކަނބާއައިސަރަނި އައިޖީއެމްއެޗް ކައިރީ ސަރަހައްދުގައި ފެން ބޮޑުވި އެވެ. އަދި މާލޭގައި އާންމުކޮށް ފެން ބޮޑުނުވާ ބައެއް ސަރަހައްދުތަކުގައި ވެސް ފެން ބޮޑުވި އެވެ.

މާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ދަތުރު ކުރަނީ. ކަނޑުތައް ގަދަވާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ އިން އިލްތިމާސް ކުރޭ. --މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

މާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ދަތުރު ކުރަނީ. ކަނޑުތައް ގަދަވާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ އިން އިލްތިމާސް ކުރޭ. --މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

"މިއީ ރިކޯޑެއް ނޫން، އެކަމަކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާ ގިނަ އަދަދަކަށް ވާރޭ ވެހުނީމަ ފެން ބޮޑުވީ،" އަލީ ޝަރީފް ވިދާޅުވި އެވެ.

އަލީ ޝަރީފް ވިދާޅުވި ގޮތުގައި މި މަހުގެ 9 ވަނަ ދުވަހު ރާއްޖޭގެ އިރުމަތީގައި އުފެދުނު ވިލާތައް ސްރީލަންކާ ކައިރި އަށް ގޮސް ކޮޅިގަނޑަކަށް ބަދަލުވި އެވެ. އަދި އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ރާއްޖެއާ ދުރަށް ދަތުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖެ އަށް މިހާރު ކުރާ ވިއްސާރައަކީ ތޫފާނާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ބޭ އޮފް ބެންގޯލްއާ ދިމާލަށް ދަތުރު ކުރަމުން ދާ ތޫފާނަށް "ރޯނު"ގެ ނަމުން ވަނީ ނަން ދީފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސް ކުރެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެން ބޮޑުވެ ގެތަކަށް ދަނީ ގެއްލުން ލިބެމުންނެވެ.

ރޭ ފަތިހު މާލެއަށް ކުރި ވިއްސާރައިގައި ބައެއް މަގުތަކުގައި ފެން ބޮޑުވެފައި. - ވީޑިއޯ: މުހައްމަދު ހަލީމް