Roadha Mihaaru
ދިރާގު ޓީވީން އާ ފަސް ޗެނަލެއް ދައްކަން ފަށައިފި

ދިރާގު ޓީވީން އާ ފަސް ޗެނަލެއް ދައްކަން ފަށައިފި

21 އޯގަސްޓް 2017

ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިދިޔަ އޭޕްރީލް މަހު ތައާރަފްކުރި "ދިރާގު ޓީވީ"ން މުޅިން އާ ފަސް ޗެނަލް ދައްކަން ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިދިޔަ އޭޕްރީލް މަހު ތައާރަފްކުރި "ދިރާގު ޓީވީ"ން މުޅިން އާ ފަސް ޗެނަލް ދައްކަން ފަށައިފި އެވެ.

މިއަދު ދިރާގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަލަށް ތައާރަފް ކޮށްފައިވަނީ ހިސްޓްރީ އެޗްޑީ އާއި އެޗްޓޫ އާއި އެފްވައިއައިގެ އިތުރުން ކްރައިމް އިންވެސްޓިގޭޝަން އަދި ލައިފްޓައިމް އެވެ. އެ ޗެނަލްތައް ރާއްޖެއަށް ތައާރަފްކުރީ ސިންގަޕޫރުގެ އޭއެންޑްއީ ކުންފުންޏާ ގުޅިގެންނެވެ.

ދިރާގުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓާ އަހްމަދު މައުމޫނު-- ފޮޓޯ: މިހާރު

ދިރާގުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓާ އަހްމަދު މައުމޫނު-- ފޮޓޯ: މިހާރު

ދިރާގުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓާ އަހްމަދު މައުމޫނު ވިދާޅުވީ އާ ޗެނަލްތަކެއް ތައާރަފް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިހާރު އެ ކުންފުނިން ދޫކުރާ ޗެނަލްތަކުގެ އަދަދު 60 އަށް ވުރެ އިތުރުވާނެ އެވެ.

"އެންމެ ބޮޑު ޝުކުރެއް ދަންނަވާލާނީ ކަސްޓަމަރުންނަށް. ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް މި ހިދުމަތަށް ލިބެމުންދޭ،" މައުމޫނު ވިދާޅުވި އެވެ.

"މިހާރު" އަށް ވާހަކަ ދައްކަމުން މައުމޫނު ވިދާޅުވީ އިތުރު ޗެނަލްތަކާ އެކު އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އިތުރު ޗެނަލްތައް ޓެސްޓް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޭއެންއީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ޕްރީމް ކަމަތް-- ފޮޓޯ: މހާރު

އޭއެންއީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ޕްރީމް ކަމަތް-- ފޮޓޯ: މހާރު

އޭއެންއީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ޕްރީމް ކަމަތު ވިދާޅުވީ ރާއްޖެއަށް އެ ކުންފުނީގެ ހިދުމަތްތައް ތައާރަފް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހި ލޯކަލް ކޮންޓެންޓް، ދިރާގު މެދުވެރިކޮށް އެ ކުންފުނީގެ ޗެނަލްތަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޗެނަލްތަކަކީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޗެނަލްތަކެއް. އެތައް އެވޯޑެއް ވެސް ލިބިފައިވޭ، އޭގެ ތެރޭގައި ހަތަރު ގްރެމީ ވެސް ހިމެނޭ. ދިވެހިންނަށް މި ޗެނަލްތައް ކަމުދާނެ ކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ކަމަތް ވިދާޅުވި އެވެ.

އޭއެންއީ ކުންފުންޏަކީ ދުނިޔޭގެ ތަފާތު 200 ސަރަހައްދަކަށް ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖެއަށް ތައާރަފްކުރި ޗެނަލްތަކަކީ ގާތްގަނޑަކަށް 80 މިލިޔަނަށްވުރެ ގިނަ މީހުން ބަލާ ޗެނަލްތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ‎ދިރާގަކީ އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ.

އައިޕީޓީވީ އަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފެންނަ ޓެކްނޮލޮޖީއެކެވެ.